ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށާއި މަސްވެރިކަމުގެ ދާއިރާ އަށް ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް ޓަކައި، ކަންކަން ކުރާނެ ގޮތް ދަސްކޮށްދޭ ވޯކްޝޮޕެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ނަލަހިޔާ ހޮޓެލްގައި މިއަދު ފެއްޓި"އިންޓަގްރޭޓެޑް ޕްރޮޓެކްޓަޑް އޭރިއާ މެނޭޖްމެންޓް" ވޯކްޝޮޕަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި އިންޓީރިއާ ޑިޕާޓްމަންޓާއި އަދި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ފެއްޓި ވޯކްޝޮޕެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ މިއަދު ފެއްޓި ދެ ދުވަހުގެ ވޯކްޝޮޕްގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް ރަނގަޅު ގޮތުގައި ބަލަހައްޓާނެ ގޮތްތައް ބައިވެރިން ނަށް ދަސްކޮށްދޭނެ ކަމަށެވެ.

ވޯކްޝޮޕް އިފްތިތާހު ކޮށްދެއްވުމަށް ފަހު ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަލީ ވިދާޅުވީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ ރާއްޖޭގައި ވަރަށް މުހިއްމު ތަންތަން ކަމަށާއި ރާއްޖޭގައި ހިމާޔަތްކޮށް ފައިވާ އެފަދަ ސަރަހައްދުތައް ބެލެހެއްޓޭތޯ މަސައްކަތް ކުރާތާ މިހާރު 25 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ރަނގަޅު މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލެވިފައި ނެތް ކަމަށާއި މިއަދު ފެއްޓި ވޯކްޝޮޕަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި އިންޓީރިއާ ޑިޕާޓްމަންޓްގެ ތަޖުރިބާއާ އެކު ހިންގާ ވޯކްޝޮޕަކަށް ވުމުން އެތަންތަން ބެލެހެއްޓުމަށް އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ތަނުގައި ކަނޑުގެ ދިރުންތައް ވަރަށް ބޮޑަށް ހިމާޔަތް ކުރަން. އެކަން ނުކޮށްފި ނަމަ ރާއްޖޭގެ މުސްތަގުބަލު ވަރަށް ބަނަވާނެ. ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ބަރޯސާވާ ހުރިހާ ވަސީލަތްތައް އަޅުގަނޑުމެން އަތުން ނެތިގެން ހިނގާދާނެ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޖެނެރަލް އިބްރާހިމް މުހައްމަދު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ކަނޑުގެ 41 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި ނަމަވެސް ބަޖެޓުގެ ދަތިކަމުންނާއި އަދި މުވައްޒަފުން މަދުވުމުގެ ސަބަބުން އެމަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ތަޖުރިބާކާރު ބޭފުޅުންގެ ފަންނީ އެހީތެރިކަމާ އެކު މިހާރު ކުރަމުންދާ ގޮތް ބަދަލު ކޮށްގެން އެ މަސައްކަތްތައް ކުރާގޮ ތަށް ނިންމާފައިވާ ކަމަށެވެ.

ދެހާސް ވިހި ވަނަ އަހަރާ ހަމައަށް އަންނަ އިރު ރާއްޖެއަކީ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރާ އަދި ކަނޑުގެ ދިރުންތައް އާލާ ވުމަށް ފުރުސަރު ލިބޭ ގޮތަށް ތަންތަން ހިމާޔަތްކޮށްފައިވާ ގައުމަކަށް ހެދުމަށް މި އަހަރުގެ "ރިއޯ ސަމިޓް"ގައި ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފަ އެވެ.