ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން ފުޓްބޯޅަ ކޯޗިން ކޯހެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާނީ ފީފާގެ އިންސްޓެކްޓަރެއްކަމަށްވާ މާޓިނޭޒް ލަގުނަސްއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ، ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ބޯޅަ ދަނޑުގައި ކަމަށެވެ. އަދި ކޯސް ނިމޭދުވަހު 13 އަހަރުންދަށުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް މާއްޓޭ ވިދާޅުވިއެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ފަސް ފޮޅުވަތުގެ ކުރު ބަޔާނެއްގައި ބުނެފައި ވަނީ، މިކޯސް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަންހެން ފުޓްބޯޅަ ތަރައްގީކޮށް، ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށެވެ.