21 Oct 2012, 13:19
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އަތުން 2-4 ލަނޑުން މޮޅުވެ، ލީގް ތާވަލްގެ އެއްވަނަ މަގާމު ޗެލްސީއިން ދަމަހައްޓައިފި އެވެ.
ލީގުގެ އެއް ވަނަ މަގާމުގައި ޗެލްސީ އޮތީ 22 ޕޮއިންޓާއެކު އެވެ. އަދި ޗެލްސީއާ އެންމެ ކައިރިން ދެން ވާދަކުރާ އަނެއް ދެޓީމަކީ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑެވެ. މި ދެޓީމަށް ވެސް ލިބިފައި ވަނީ 18 ޕޮއިންޓެވެ. އަދި ރޭ ޗެލްސީ އަތުން ބަލިވި ޓޮޓެންހަމް އޮތީ ފަސް ވަނާގައި 14 ޕޮއިންޓާއެކު އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޗެލްސީއިންނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ޑިފެންޑަރު ގެރީ ކޭހިލް އެވެ. އެހެންނމަވެސް ރޭގެ މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ޓޮޓެންހަމްއިން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ 1-1 ލަނޑަށް އެއްވަރުކޮށްފައެވެ. އެލަނޑު ޓޮޓެންހަމްއަށް ޖަހައިދިނީ ފްރާންސްގެ ވިލިއަމް ގަލަސް އެވެ.
ރޭގެ މެޗުގެ ނަތީޖާ އެއްވަރުވެފައި ވަނިކޮށް ޓޮޓިން ހަމްއިން މެޗުގެ 54 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑް ނެގިއެވެ. އެލަނޑު ޓޮޓެންހަމްއަށް ޖަހައިދިނީ ޑެފޯއެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމްއިން ލީޑް ނެގުމުން، ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ، ޓޮޓެންހަމްގެ ކުޅުންތެރިންނަށް މެޗް ކޮންޓުރޯލް ނުކުރެވިގެންދިޔަކަން ފާހަގަ ކުރެވުނެވެ.. އެގޮތުން ރޭ ޗެލްސީގެ މައްޗަށް ޓޮޓެންހަމްއިން ލީޑު ނެގިތާ ތިން މިނެޓް ފަހުން، ޗެލްސީގެ މާޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 2-2 ބަދަލުކޮށްފައެވެ. އަދި ރޭ ޗެލްސީ މޮޅުކޮށްދިން ލަނޑު ވެސް ދެ ވަނަ ހާފުގައި މާޓާ އެޓީމަށް ކާމިޔާބު ކޮށްދިންއިރު، ޗެލްސީގެ ހަތަރު ވަނަ ލަނޑު މެޗް ނިމެން އުޅެނިކޮށް އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިއެލް ސްޓަރިޖެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީ އަތުން 4- 2 އިން މޮޅުވެފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ 10 މީހުންނާ އެކު، ރޭ ރަށުން ބޭރުގައި ކުޅެ، ވެސްޓް ބްރޮމް އަތުން 2- 1 އިން މޮޅުވެފަ އެވެ. އަދި ނޯވިޗް އަތުން 1-0 ލަނޑުން އާސެނަލް ބަލިވިއިރު، ލިވަޕޫލް ވަނީ ރޭ ރެޑިން އަތުން 1-0 ލަނޑުން މޮޅުވެފައެވެ. އެސްޓަން ވިލާއަތުން 1-0 ލަނޑުން ފުލަމް މޮޅެއް ހޯދިއިރު، ސައުތުހެމްޓަން އަތުން 4-1 ލަނޑުން ވެސްޓް ހޭމް ވަނީ މޮޅުވެފައެވެ. އަދި ސްވަންސީވެސް ވަނީ ވިގަން އަތުން 2-1 ލަނޑުން ރޭ މޮޅުވެފަ އެވެ.