21 Oct 2012, 13:01
މިއަހަރުގެ އަލްހާ އީދު (ބޮޑު އީދު) ދުވަސް ކަމަށްވާ އަންނަ ހުކުރު ދުވަހު ވަކި ވަގުތު ތަކެއް ގައި ދުއްވާ އެއްޗިހި ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން، އަބްދުއް ރަޝީދު ނާފިޒު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޓީ ކައުންސިލާ ގުޅިގެން މިހާރު ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަކަށް ފައިމަގުގައި އުޅޭގޮތަށް ކަމަށެވެ. އަދި އެ ވަގުތުތަކުގައި ދުއްވޭނީ ހަމަ އެކަނި ހުއްދަ ދޫކޮށްފައިވާ ވެހިކަލްތަކަށް އެކަނި ކަމަށްވެސް ނާފިޒް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ހިމެނެނީ ސަލާމަތީ ބާރުތަކުގެ ވެލިކަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތާގައި ބޭނުންކުރާ ވެހިކަލްތައް ދެން އޭގެ އިތުރުން ނުކުޅެދޭ މީހުނަށް ހާއްސަ ބައިސްކަލް ފަދަ ތަކެތި ދުއްވޭނެ ދެން އޭގެ އިތުރުން އެހެން އެއްވެސް ވެހިކަލެއް ދުއްވުން މަނާވާނެ" ނާފިޒް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު އަބުދުލް ކަރީމް(ރުކުމާ) މިއަދު ވިދާޅުވީ އީދު ދުވަހަކީ އާއިލާތަކަށް ހިތް ހަމަޖެހޭ އުފާވެރި ދުވަހަކަށް ހަދަން ފައިމަގުގައި އުޅޭގޮތަށް އީދު ދުވަސް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށާއި އެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދޫކޮށްފައިވާ ކަމަށެވެ.
ފުލުހުންވެސް މިއަދު ބުނީ އީދު ދުވަހުގެ ހަވީރު މަނާކޮށްފައިވާ ވަގުތުތަކުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.
ބޮޑު އީދު ދުވަހުގެ ހަވީރު ފައިމަގުގައި އުޅޭގޮތަށް ނިންމި އިރު މިދިޔަ ކުޑަ އީދު ދުވަހަކީވެސް ހިނގާފަ އުޅޭ ދުވަހެއްގެ ގޮތުގައި ސިޓީ ކައުންސިލުން ހަމަޖެއްސި އެވެ. ނަމަވެސް އެ ނިންމުން ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީއާ މަޝްވަރާނުކޮށްކަމަށް ބުނެ އެ އޮތޯރިޓީން ވަނީ އެ ނިންމުން ބާތިލްކޮށް އެދުވަހު ވެހިކަލް ދުއްވޭގޮތަށް ހަމަޖައްސާފަ އެވެ.