އެއްވެސް ޝައްކެއް، އޮޅުމެއް ނެތްގޮތުގައި ދިވެހި ޤައުމު މިވަނީ ބޮއްސުން ލައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އެވިދާޅުވަނީ ގައުމު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ކުރިއަށް އޮތް ތިން އަހަރު ތެރޭވެސް އަރައި ނުގަނެވޭނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑުބައި ޚަރަދު ވަނީ ލޯނުތަކުގެ ދަރަނި ދެއްކުމަށާއި ރިކަރެންޓް ޚަރަދުތައް ކުރުމަށެވެ.

ޖިނާއީ އަދުލުގެ އިޖްރާއަތު ޕާލިމަންޓުން ފާސް ނުކޮށް ލަސްކުރުމުގެ ސަބަބުން މީހުން މަރާމީހުންނާ މެދު މަރުގެ ހުކުމް ތަންފީޒު ކުރެވޭކަށް ނެތެވެ. އާއްމު ރައްޔިތުންނާއި، ޤާނޫނީ ވަކީލުންނާއި، ފުލުހުންނާއި، މަޖިލިސް މެންބަރުންވެސް މަރައި، ފޮތި ފޮތި ކުރަނީއެވެ.

ޤައުމުގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީ އެމް.ޑީ.ޕީ ގެ ގައުމީ މަޖިލިހުން ރާއްޖޭގެ ކޯޓުތައް ޤަބޫލު ނުކުރާ ކަމަށް ބަޔާނެއް ނެރެ، ދައުލަތުގެ ތިންބާރު ގެ ތެރެއިން އެއްބާރު ބަލައި ނުގަންނާނެ ކަމަށް ބުނި އިރުވެސް ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތް، އިލެކްޝަންސް ކޮމިޝަން ކަހާތަން ހިރުވާލިހެންވެސް ހީނުވެއެވެ. އިލެކްޝަންސް ކޮމިޝަން އަށް މުހިއްމު ވަނީ މިފަދަ ބޮޑެތި ކަންތައްތަކެއް ނޫނެވެ! އެކޮމިޝަނަށް މުހިއްމުވާހެން ހީވާނީ ކޮންމެވެސް ކުޑަ ޕާޓީއެއްގެ އޮފީހުގެ ބޭރު ފާރުގައި ނަންބޯޑެއް ނެތުމެވެ. އިލެކްޝަންސް ކޮމިޝަން ޕެރެލައިޒް ވެފައި އޮތްއިރު އެފަދަ ކޮމިޝަންތައް ހިނގާ ނުހިނގާގޮތް ބެލުން ރައްޔިތުންގެ މަޖިލީހުގައި އުފައްދާފައިވާ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީވެސް އޮތީ ސިޔާސީ ގޮތުން ޕެރެލައިޒްވެ، ނުކުޅެދުންތެރިވެފަ އެވެ.

ޤައުމު ބޮއްސުންލާފައި އޮތީ ހަމައެކަނި މިދެންނެވި ކަންތައްތަކަކުން ނޫނެވެ. މާލޭ ބައިނަލްއަގުވާމީ ވައިގެން ބަނދަރު އިންޑިއާގެ ޖީ.އެމް.އާރަށް ފަންސަވީސް އަހަރަށް ކުއްޔަށް ދިނުމުގެ ފަހަތުގައި ފޮރުވިފައިވާ އަނދިރި ފަރާތް ހާމަވުމުން ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލް ވެސް ދެމިއޮވެދާނެ ކަމާއި މެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޖީ.އެމް.އާރު އަކީ އޮޅު ދޫންޏެއް ކަމަށެވެ. ގައުމިއްޔަތު އިސްކުރާ ގިނަ ރައްޔިތަކު ދެކޭގޮތުގައި ޖީ.އެމް.އާރް އަކީ އޮޅު ހަރުފައެކެވެ. މަޑު މަޑުން އޮވެފައި ވިހަލާނީ ކޮންއިރަކު ކަމެއް އެކަކަށް ވެސް ނޭނގޭނެ އެވެ. އެގްރީމެންޓް އިސްލާހުކޮށްގެން ވެސް ޖީ.އެމް.އާރް ރާއްޖޭގައި ދެމިއޮވެއްޖެނަމަ 25 އަހަރުފަހުން މިދިވެހި ގައުމު ވެގެންދާނީ އިންޑިއާގެ ސްޓޭޓަކަށް ނޫން ކަމެއް ވެސް ނޭނގެ އެވެ. އަދި މިގައުމުގައި އެދުވަހަކުން ކުރިސްޓިއަން ފައްޅި އާއި ބުދު ފައްޅިވެސް ހުރެދާނެ އެވެ. އަދި އެދުވަހަކުން ދިވެހި ރައްޔިތުންގެ ގޮތުގައި ހަތަރުމަތިފުން ހިންދޫ މީހުންވެސް އުޅެފާނެ އެވެ.

ބޮއްސުންލާފާއިވާ ކަންތައްތަކުގެ ތެރޭގައި ބޯޑަރކޮންޓްރޯލް ސިސްޓަމުގެ މަސައްކަތް ވެސް ހިމެނެއެވެ. އެންމެ ދެ މިލިޔަން ޑޮލަރަށް ގާއިމުކުރެވެން އޮތް ނިޒާމެއް ގާތްގަނޑަކަށް ސަތޭކަ ފަންސާސް މިލިޔަން ޑޮލަރުގެ އަގަކަށް މެލޭޝިޔާގެ ކުންފުންޏަކާ ހަވާލު ކުރެވުނު އިރު އެކަމުގައި ޝާމިލުވި ކޮންމެވެސް ބަޔަކު ބޮޑެތި ފައިދާތަކެއް ލިބިފައިވާނެކަން ކަށަވަރެވެ. މިއީވެސް ޖީ.އެމް.އާރް ފަދައިން ގައުމު ބޮއްސުން ނުލަނީސް ބޭރުކުރަންޖެހޭ ބައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ.އަފްރާޝީމް ޝަހީދުކޮށްލި ހާދިސާގެ ފަހަތުގައިވާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް އިސްލާމީ ޝަރީއަތާ އެއްގޮތަށް މަރަށް މަރު ނުހިފެނީސް މިގައުމުގެ ޖިނާއީ އަދުލުގެ ނިޒާމު ހަމައަކަށް ނޭޅޭނެ އެވެ. މިހާރު ސަރުކާރުން މިކަމާ ގުޅޭ ގޮތުން ތައްޔާރުކުރާ ބިލް މަޖިލިހުން އަވަހަށް ފާސްކޮށް، ނުހެދި ހުރި އެހެން ގާނޫނުތައް ވެސް އަވަހަށް ހަދައި ތަންފީޒު ކުރެވިގެން މެނުވީ މިގައުމު ސަލާމަތެއް ނުކުރެވޭނެ އެވެ. ގައުމު މިއޮއްގެން އޮޔާ ދަނީއެވެ.

ސައްވީސްގަޑިއިރު ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ނަޝީދުގެ ސަރުކާރުން ދިނީ ވެސް ގައުމު ބޮއްސުން ލައްވާލައި، ކުށުގެ ވެށި އިތުރަށް ވަރުގަދަ ކުރުމުގެ ނިޔަތުގައި ކަމަށް ގިނަ ބަޔަކު ޝައްކު ކުރެ އެވެ. ޑރ. ވަހީދުގެ ސަރުކާރަށް މިކަން ވިސްނިގެން މިކަމާއި މެދު ދެވަނަ ވިސްނުމަކަށް ދާންއުޅޭ ކަމުގެ އަޑުތައް މިހާރު އެބަ އިވެއެވެ. އިކޮނޮމިކް މިނިސްޓަރަށް އަޅުގަނޑު ގޮވާލަނީ މި ގަވާއިދު ވަގުތުން ބަދަލުކޮށް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ދީފައިވާ ތަންތަނުން ނަގާފައިވާ ފީއެއް ނަމަ އެފީއެއް ރީފަންޑު ކުރެއްވުމަށް ފަހު މިކަން ދާއިމީ ގޮތަކަށް ހުއްޓާލުމަށެވެ. މިފަދަ ތަންތަން ދަންވަރު ހުޅުވާފައި ހުރުމަކީ މަގުމަތީގައި ހޫރޭ ކުށްވެރިންނަށް ކުށަށް އަރައިގަތުމަށް ލިބޭ އިތުރު ހިތްވަރެކެވެ. އަދި ފިހާރަތައް އެގާރަ ޖަހާއިރަށް ބަންދުކުރަން އޮންނަ އޮތުންވެސް ރިވިއުކޮށް 10 ޖަހާއިރު ބަންދު ކުރާގޮތަށް ބަދަލުކުރުމަކީވެސް އިޖްތިމާއީ ގުޅުން އަދި އާއިލީ ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބި، ރޭއަޅުކަމާއި ފަތިސް ނަމާދަށް ހޭލުމަށް ރައްޔިތުންނަށް ލިބޭނެ ފުރުސަތަކަށް ވެގެން ދާނެ އެވެ.

މަސްތުވާ ތަކެތީގެ މައްސަލަ އަކީވެސް ދިވެހި ގައުމު ބޮއްސުންލައިގެން ދިއުމަށް މެދުވެރިވި ބޮޑު އެއް ސަބަބެވެ. ރަބަރު ޕެކެޓަށް ލައިގެން ފުރަގަސް ފަރާތަށް ލައްވައިގެން ވެސް ދިވެހި ޒުވާނުން ޑްރަގް އެތެރެ ކުރަނީ އެވެ. ބަނގުރަލާއި މަސްތުވާ ހިކި ތަކެއްޗަށް ދެވިހިފާ ދިވެހި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދީން ދަނީ އިތުރުވަމުންނެވެ. މިކަންވެސް ހުއްޓުވޭނީ ސިންގަޕޫރު ފަދަ ގައުމުތަކުގައި އަމަލުކުރާ ފަދައިން މަސްތުވާ ހިކިތަކެތި ގައުމަށް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ ހުކުމް ކޮށް، އެހުކުމް ތަންފީޒު ކުރެވިގެންނެވެ.

ދުންފަތާއި ސިނގިރެޓްގެ މައްސަލައަކީ ވެސް މިކަމާއި ގުޅުން ހުރި މައްސަލައެކެވެ. ސިނގިރޭޓަކީ މަސްތުވާތަކެތި ބުއިމަށް ހިތްވަރުލިބޭ ފަދަ އެއްޗަކަށް ވުމުގެ އިތުރުން ސިނގިރޭޓަކީ ގައުމުގެ އިގްތިސާދަށް ވެސް އޮތް ބޮޑު އިސްރާފެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަހަރަކު 350 މިލިޔަން ސިގިރޭޓް ނުވަތަ ސުއްޓާ އެތެރެ ކުރެވެއެވެ. އެއީ އެވްރެޖްކޮށް ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ބާރަސަތޭކަ ސިނގިރެޓެވެ. މިތަކެތި އިމްޕޯރޓް ކުރުމަށް އަހަރަކު ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ހަރަދުވެ އެވެ. ކޮންފަދަ ބޮޑު އިސްރާފެއްތޯ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ހެދުނު ފުރަތަމަ ގަވާއިދު "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު" މިހާރު މިވަނީ އެކުލަވައިލެވިފައެވެ. އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން މިގަވާއިދަށް އަމަލުކުރަން ފެށުމުން މިގައުމު ސިނގިރެޓާއި ދުންފަތުން ސަލާމަތް ކުރުމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ. ނަމަވެސް މިހިސާބުން އަދި ނުފުދެއެވެ. ޑްރަގާއި ދެކޮޅަށް ހަނގުރާމަ ކުރާ ފަދައިން ހުއްޓުމެއް ނެތި ދުންފަތާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަން ޖެހެއެވެ.

މިގައުމު މިހިސާބަށް ބޮއްސުން ލުމުގެ ޒިންމާގެ ބޮޑު ބައި އުފުލަން ޖެހޭނީ ކުރީގެ ރައީސް ނަޝީދާއި އޭނާ ކުށުގެ ވެއްޓެއްގައި ދެމިހުންނެވުމަށް ހިތްވަރުދެއްވާ އޭނާގެ އަރިސް އައުވާނުންނެވެ. ވެރިކަމަށް ވަޑައިގެންނެވުމާ އެކު ޗާޓުން ބޭރަށް ނަޝީދު ފިޔަވަޅު އެޅުއްވި ގޮތަށް މުޅީންވެސް އުޅުއްވަނީ ޗާޓުން ބޭރުގައެވެ.

ނަޝީދާއި އޭނާގެ އައުވާނުންގެ މަގްސަދަކީ އެމީހުންގެ އަމިއްލަ ފައިދާއިން މިދިވެހި ޤައުމު، ބަކަރިއެއްފަދައިން ކަތިލައި ގުރުބާންކޮށްލުމެވެ. ގާނޫނީ ވެރިކަން މިތާނގައި ހިނގުމަކީ ނަޝީދު އެދޭނެ ގޮތެއްނޫނެވެ. އަޅުގަނޑުގެ ހަޔާތުގައި ދުނިޔޭގެ އެއްވެސް ގައުމަކުން އެމީހެއްގެ އަމިއްލަ އުފަން ގައުމު ނެތި ފަނާކޮށްލުމަށް، އެގައުމާއި މެދު އަދާވާތްތެރިވެގެން އުޅޭ މީހަކު ރައީސް ނަޝީދު ނޫނިއްޔާނުދެކެމެވެ.

ނަޝީދާއި އޭނާގެ އައުވާނުން ހިންގާފައިވާ ގިނަ ޖަރީމަތަކަށް އެމީހުން ޒިންމާދާރުކުރުވި، އެކަމުގެ ހައްގު އަދަބު ނުލިބޭހާ ހިނދަކު މިގައުމު ބޮއްސުންލާފައިވާ ބޮއްސުންލުން ނިމުމަކަށް ނާންނާނެއެވެ.