ސްރީލަންކާގައި މި މަހު ފަހުކޮޅު ފައްޓާ ހަ ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ކެރަމް ކުޅުންތެރިން ޓްރޭނިން ދަތުރެއްގައި އަވައްޓެރި އިންޑިއާ އަށް އިއްޔެ ފުރައިފި އެވެ.

މި މަހު 31 އިން އަންނަ މަހު 4 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާ އަށް ގައުމީ ކެރަމް ޓީމް ކުރާ ޓްރޭނިން ދަތުރުގައި ބައިވެރިވެފައި ވަނީ ހަ ކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް ލަންކާގައި އޮންނަ މުބާރާތުގައި އަށް ކުޅުންތެރިން ވާދަކުރާނެ ކަމަށް ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވި އެވެ.

"ގައުމީ ޓީމް އިންޑިއާގެ މެޑްރާސްގައި 10 ދުވަހުގެ ޓްރޭނިން ފުރިހަމަ ކުރާނެ. ޓްރޭނިން ދަތުރަށް ފަހު މުބާރާތުގައި ވާދަކުރުމަށް މިމަހުގެ 30 ވަނަ ދުވަހު ގައުމީ ޓީމް ލަންކާ އަށް ފުރާނެ." މުބީން ވިދާޅުވި އެވެ.

މުބާރާތުގައި ވާދަކުރުމަށް ގައުމީ ކެރަމް ޓީމުގެ ސްކޮޑަށް އަށް ކުޅުންތެރިން ނަގާފައިވާ އިރު، އެކުޅުންތެރިންނަކީ މީގެ ކުރިން ކެރަމްގެ އެކިއެކި މުބާރާތްތަކުގައި ރާއްޖެ އަށް ރީތި ނަން ހޯދާދީފައިވާ ކުޅުންތެރިންނެވެ. އެގޮތުން ޤައުމީ ފިރިހެން ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ ހަސަން ނާޒިމް، ހުސެއިން އަލީ، ޝާފީ މުހައްމަދު އަދި ހުސެއިން ފާރިހު އެވެ. އަދި އަންހެން ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ އައިޝަތު ފައިނާޒު (26އ)، އައިމިނަތު ވިދާދު (16އ)، އައިޝަތު ޝަޒްނާ (32އ) އާއި އައިމިނަތް ނިފާޝާ (22އ) އެވެ.

ދެ ހާސް އަށް ވަނަ އަހަރު ފްރާންސްގައި އޮތް ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމު ކަމުގައިވާ ސްރީލަންކާގައި މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނެ ކަމަށް ބެލެވިފައިވާ ގައުމުތަކުގެ ލިސްޓުގައި، އިންޑިއާ، ޝްރީލަންކާ، ޖަރުމަން، އިޓަލީ، ފްރާންސް، ސްޕެއިން، އިންގްލެންޑް، ޔޫއެސްއޭ، ކެނެޑާ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، އޮމާން، ޔޫ އޭއީ އެވެ.

ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެގެ ފިރިހެން ކެރަމް ޓީމު އޮތީ ހަތަރު ވަނާގަ އެވެ. އަދި އަންހެން ޓީމު އޮތީ ތިން ވަނައިގަ އެވެ.