21 Oct 2012, 09:22
މޮސްކޯ (އޮކްޓޯބަރ21): އެމެރިކާގެ ރިޔާސީ ރޭހުގެ ވާދަވެރިކަން ބޮޑުވެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ދެހަފްތާއެއްހާ ދުވަހަށް ވެފައިވާ އިރު ރައީސް ބަރަކް އޮބާމާ އާއި އޭނާގެ ވާދަވެރިޔާ މިޓްރޮމްނީއާ ދެމެދުގައިވާ ރައްޔިތުންގެ ތާއީދުގެ ތަފާތު ވަރަށް ކުޑަވެފައިވާކަން ޚިޔާލު ހޯދުމުގެ އައު ސާވޭއަކުން ހާމަވެއްޖެ އެވެ.
ރޮއިޓާސްގެ އިން ސްޕޮންސާ ކޮށްގެން އެމެރިކާގެ އެބްސޮސް މަރުކަޒުން އިއްޔެ ކުރި ޢާންމު ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން އޮބާމާ އާއި އޭނާގެ ވާދަވެރިޔާ މިޓްރޮމްނީއާ ދެމެދުގައިވާ ރައްޔިތުންގެ ތާއީދުގެ ތަފާތު ވަނީ އެންމެ ޢަދަދަކަށް ކުޑަވެފަ އެވެ. މިސާވޭގައި ޝާމިލްވި މީހުންގެ ތެރެއިން 46 އިންސައްތަ މީހުން އޮބާމާ އަށް ވޯޓުދޭނެކަން ހާމަކޮށްފައިވާ އިރު ރޮމްނީއަށް ވޯޓުދޭނެކަން ހާމަކޮށްފައި ވަނީ 45 އިންސައްތަ މީހުންނެވެ.
ނަމަވެސް އޭގެ އެއް ދުވަސްކުރިން (މިދިޔަ ހުކުރު ދުވަހު) ކޮށްފައިވާ ޢާންމު ޚިޔާލު ހޯދުމުގެ ސާވޭގައި ހިމެނުނު މީހުންގެ ތެރެއިން 46 އިންސައްތަ މީހުން ބުނެފައި ވަނީ އޮބާމާ އަށް ވޯޓުދޭނެ ކަމުގަ އެވެ. ރޮމްނީ އަށް ވޯޓުދޭނެ ކަމަށް ބުނެފައި ވަނީ 43 އިންސައްތަ މީހުންނެވެ. މިހާ ކައިރި ކައިރީގައި މިދެ ސަރވޭކޮށްފައި ވަނީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ތަފާތަށް ކުރު މުއްދަތެއްގައި ބަދަލު އަންނަ މިންވަރު ބެލުމުގެ ގޮތުންކަމަށް އެބްސޮސް މަރުކަޒުގެ ތަރްޖަމާނާ ޖޫނިޔާ ކްލާކް ވިދާޅުވި އެވެ.
މިހާތަނަށް ކޮށްފައިވާ އެއްވެސް ސަވޭއަކުން އޮބާމާގެ މައްޗަށް ރޮމްނީ އަށް ކުރި ހޯއްދެވިފައެއްނުވެ އެވެ. ނަމަވެސް މީގެ ދެތިން ހަފްތާކުރިން ދެ ބޭފުޅުންގެ ދެމެދުގައި އޮތް ތަފާތު ރޮމްނީ ވަނީ އޭނާ އަށް ތާއީދު އިތުރުވާ ގޮތަށް ކުޑަކުރެއްވުމުގައި ބޮޑު ކާމިޔާބެއް ހޯއްދަވާފަ އެވެ. އެމެރިކާގައި ޢާންމުގޮތެއްގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަނީ ވަރަށް ކުޑަކުޑަ ތަފާތަކުންނެވެ. އެހެންކަމުން މިހާރު އޮބާމާއަށް އޮތް ތާއީދު އިތުރަށް ގެއްލިގެންނުދާ ނަމަ އިންތިޚާބު ކާމިޔާބު ކުރުމަކީ އޮބާމާ އަށް ކުރެއްވިދާނެ ކަމެއްކަމަށް އިންތިޚާބާ ބެހޭ މާހިރުން ދެކެވަޑައިގަންނަވަ އެވެ.
އޮބާމާއާ ރޮމްނީ އާ ދެމެދު ނިޔުޔޯކްގައި ބޭއްވި ރިޔާސީ ދެވަނަ ބަޙްސް ގައި އޮބާމާ ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފަ އެވެ. ފުރަތަމަ ބަޙްސުގައި އޮބާމާގެ ޙުއްޖަތްތައް ބަލިކަށި ކަމަށްވިޔަސް ދެވަނަ ބަޙްސުގައި އޮބާމާ ކާމިޔާބުކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. (ރޮއިޓާސް)