21 Oct 2012, 09:24
ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިޓަލީވިލާތަށް ލޯބިކުރާކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފި އެވެ.
ލަޕޯޓާ މިހެން ބުނެފައިވަނީ އޭސީ މިލާންއާއި ގުޅެން ގާޑިއޯލާ ތައްޔާރުވަމުންދާކަމަށް ރިޕޯޓްތަކަކުން ބުނަމުންދަނިކޮށެވެ.
މިސީޒަންގެ އިޓަލީ ލީގުގައި މިލާނަށް ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިސީޒަނުގެ އިޓަލީ ލީގުގައި މިލާން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މިލާންގެ ކޯޗު މަސިމިލިއާނޯ އަލެގްރީ އެކުލަބުގެ ކޯޗުކަމުން ދުރުކޮށް އެމަގާމް ގާޑިއޯލާއަށް ދިނުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
"ގާޑިއޯލާއަކީ ވަރަށް މޮޅު ކޯޗެއް. އޭނާއަކީ އޭނާ ކުރާ މަސައްކަތުގައި ވަރަށް ހަރަކާތްތެރިވެ އުޅޭ ކޯޗެއް. އަހަރެންނަށް އެނގޭ މިލާންގެ ރައީސް ސިލްވިއޯ ބަރްލަސްކޯނީ. ގާޑިއޯލާއަކީ މޮޅު ކޯޗެއްކަން އަހަރެންނަށް ބަރްލަސްކޯނީއަށް ޔަގީންކޮށްދެވިދާނެ. ގާޑިއޯލާ އަބަދުވެސް މަސައްކަތްކުރާނީ ކާމިޔާބީއަށް. ނާކާމިޔާބީއަކަށް ނޫން." ލަޕޯޓާ ބުންޏެވެ.
ލަޕޯޓާވަނީ 2003 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ބާސާގެ ރައީސްކަން ކޮށްފައެވެ. 2008 ވަނަ އަހަރު ގާޑިއޯލާއާއި ބާސާގެ ސީނިއާ ޓީމް ހަވާލުކުރީވެސް ލަޕޯޓާ އެވެ.