21 Oct 2012, 09:22
މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ތަރި ވޭން ރޫނީ އެނބުރި ކުރީގެ ކްލަބު އެވަޓަންއަށް އަންނާނެކަމަށް އެވަޓަންގެ ކޯޗް ޑޭވިޑް މޮއީސް ބުނެފި އެވެ.
އެވަޓަންއިން ޔުނައިޓެޑަށް ރޫނީ ވިއްކާލިއިރު، ޓީމްގެ ކޯޗެއްގެ ގޮތުގައި ހުރީވެސް މޮއީސް އެވެ. 2004 ވަނަ އަހަރު އެވަޓަންއިން ޔުނައިޓެޑަށް ރޫނީ ވިއްކާލީ 37 މިލިއަން ޔޫރޯގެ އަގަކަށެވެ. އެވަޓަންގެ ކޯޗު މޮއީސް ބުނީ، އެކުލަބާއި ގުޅެން ރޫނީ ބޭނުންނަމަ އެކަމަށް މަރުހަބާ ކިޔާނެކަމަށެވެ.
"ރޫނީ އެނބުރި އެވަޓަންއަށް އަންނަން ބޭނުންނަމަ، އޭނާއަށް މަރުހަބާ ކިޔާނަން. ރޫނީއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާއަކީ ކުޑައިރުވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ ކުޅުންތެރިއެއް. ހާއްސަކޮށް ރޫނީގެ އުމުރުން 16 އަހަރުގައި އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ގޯލް ފާހަގަކޮށްލެވޭ. ރޫނީ އެނބުރި އެވަޓަންއާއި ގުޅޭނެ." މޮއީސް ބުންޏެވެ.
ރޫނީގެ ފުޓްބޯޅަ ކެރިޔަރު ފަށައިގަތް ކްލަބަކީ އެވަޓަން އެވެ. އެވަޓަންގެ ޒުވާން ޓީމަށް ހަ އަހަރުދުވަހު ކުޅުމަށްފަހު، ސީނިއާ ޓީމަށް ނެގި ދެއަހަރު އޭނާވަނީ ވިދާލާފަ އެވެ. ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑް ފަދަ ގިނަ ކްލަބުތަކަކުން ރޫނީއަށް ލޯ އަޅަން ފެށި އެވެ.