ޓްރިޕޮލީ (އޮކްޓޯބަރ21): ލީބިޔާގެ ކުރީގެ ޒަޢީމް މުއައްމަރުލްޤައްޒާފީގެ ވެރިކަމުގައި ލީބިޔާ ސަރުކާރުގެ އިސް ތަރްޖަމާންކަމުގެ މަޤާމުގައި ހުންނެވި ޑރ. މޫސާ އިބްރާހީމް ހައްޔަރު ކޮށްފިކަމަށް ބުނެ ލީބިޔާ ސަރުކާރުން ފެތުރި ޚަބަރުތަކެއް އޭނާ ދޮގުކުރައްވަފި އެވެ.

އިންޓަނެޓް މެދުވެރިކޮށް ޝާޢިޢުކޮށްފައިވާ އޯޑިއޯ ކްލިޕެއްގައި މޫސާ އިބްރާހީމް ވިދާޅުވީ އޭނާ ހުންނެވީ ލީބިޔާ އިން ބޭރުގައި ކަމަށާއި ލީބިޔާގެ ބިންވަލީދުގައި ހިނގަމުންދާ ކަންތައްތަކާ އޭނާއާ ގުޅުމެއްނެތް ކަމުގަ އެވެ. އަދި ލީބިޔާގައި މިހާރު ވެރިކަންކުރަނީ ރައްޔިތުން ނޫން ކަމަށާއި ނޭޓޯ އާއި އަލްގާޢިދާ ފަދަ ހަރުކަށި ޖަމާއަތްތަކުން ކަމަށާއި މި ދެފަރާތުގެ އެޖެންޓުން ލީބިޔާ ރައްޔިތުންގެ ޙައްޤުގައި ބޮޑެތި ޖަރީމާތަކެއް ހިންގަމުންގެންދާ ކަމަށް ވެސް މޫސާ އިބްރާހީމް ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިއީ އޭނާގެ އަޑުކަން ކަށަވަރުނުވާ ކަމަށް ބައެއްފަރާތްތަކުން ބުނެ އެވެ. ލީބިޔާ ސަރުކާރުން އިއްޔެ ބުނެފައި ވަނީ ޓްރިޕޮލީގެ ދެކުނުގައިވާ ތަރްހޫނާ ސިޓީން މޫސާ އިބްރާހީމް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ވެރިރަށް ޓްރިޕޮލީ އަށް ގެންދެވޭނެ ކަމުގަ އެވެ. ނަމަވެސް ލީބިޔާ ސަރުކާރުގެ މިވާހަކަތައް ކަށަވަރުނުވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. މޫސާ އިބްރާހީމަކީ ގައްޒާފީއާ ތިމާގެ ބޭފުޅެކެވެ. އޭނާ އަކީ ޖަރުމަނުގެ އަންހެނަކާ ކައިވެނި ބައްލަވައިގެން ލަންޑަންގައި ދިރިއުޅުއްވި ބޭފުޅެކެވެ. އަދި އޭނާގެ އަތުގައި އިނގިރޭސިވިލާތުގެ ޕާސްޕޯޓް އޮންނަކަމަށް ވެސް ޚަބަރުލިބިފައިވެ އެވެ.

އަނެއްކޮޅުން ގައްޒާފީއާ އެކު އަވަހާރަކޮށްލެވުނު ކަމަށް ކުރިން ޚަބަރު ފެތުރުނު އޭނާގެ ފިރިހެން ދަރިފުޅެއް ކަމަށްވާ ޚަމީސް ގައްޒާފީ ބިންވަލީދު ސިޓީން ފެނިފައިވާ ކަމުގެ ޚަބަރެއް ވެސް އިއްޔެވަނީ ފެތުރިފަ އެވެ. ނަމަވެސް މިޚަބަރު ވެސް ކަށަވަރުވެފައެއްނުވެ އެވެ. ޚަމީސް ޤައްޒާފީއަކީ އޭނާގެ ބައްޕަގެ ވެރިކަމުގައި ލީބިޔާ ސިފައިންގެ ކޮމާންޑަރެކެވެ. ބިންވަލީދު ސިޓީއަކީ ލީބިޔާގެ ހުޅަނގު އުތުރުގެ ރަށެކެވެ. މިއީ ގައްޒާފީ އަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ކޮންޓްރޯލް އަދި ވެސް އޮންނަ ރަށެކެވެ. މިރަށުގައި ގައްޒާފީ އަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި ލީބިޔާ ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލުކުރެވެމުންދާ ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)