21 Oct 2012, 09:17
މަސްމާރުކޭޓުގައި މަހުގެ އަގުތައް ހުރީ ކިހިނެތް ހެއްޔެވެ؟ އާދައިގެ ކަޑު މަހެއްގެ އަގު ހުންނާނީ އާންމުކޮށް 100ރ. އާއި 400ރ. ދެމެދުގަ އެވެ. ވަރަށް މަދު ދުވަސް ދުވަހު ނޫނީ ހެޔޮވަރުގެ މަހެއް އެއަށް ވުރެ ކުޑަ އަގެއްގައި ހޯދުމަކީ ނާދިރު ކަމެކެވެ. މިއީ މީގެ ދެ އަހަރު ކުރީއްސުރެ ވެސް މަހުގެ އަގުތައް އުފުލި ބާޒާރުގައި މަހުގެ އެވްރެޖް އަގެވެ.
މެދުމިންގަނޑެއްގެ އާމްދަނީ ލިބޭ މީހަކަށް ރޯމަސް ގަނެގެން ގޭގެ ކެއިންބުޔުމުގެ ހަރަދު ދެކޮޅެއް ނުޖެއްސޭނެ އެވެ. ދިވެހިން އަމިއްލަ މަސައްކަތުން ދިވެހިންގެ ކަނޑުތަކުން ބާނާ މަސް އަގު ހެޔޮނުވުމަކީ އާންމު ރައްޔިތުންގެ ޝަކުވާއަކަށް އޮންނަނީ ވެފަ އެވެ.
އެ ޝަކުވާތަކަށް މަސްވެރިންދޭ ރައްދަކީ ތެޔޮ އަގު ބޮޑުވެ މަސް ބޭނުމަށް ކުރަން ޖެހޭ ހަރަދުބޮޑުވުމެވެ. އެކަމަށް އެހީތަކެއް ނުލިބި މަހުގެ އަގު ކުޑަނުކުރެވޭނެ ވާހަކަ އެވެ. އަނެއް ވާހަކައަކީ އިންފްލޭޝަން، ނޫނީ ތަކެތީގެ އަގުތައް އުފުލި މަސްވެރިންނަށް ވެސް ލިބެން ޖެހޭ އާމްދަނީ އިތުރުކުރަން ޖެހުމަށް މަޖުބޫރުވުމެވެ.
"އަގު ބޮޑު ނުކޮށެއް ދެކޮޅެއް ނުޖެއްސޭނެ، ތަކެތީގެ އަގުތައް ބާޒާރުގައި އުފުލޭ މިންވަރާ އެއްވަރަށް އެ އާމްދަނީ މަސްވެރިންނަށް ވެސް ލިބެންޖެހޭނެ. އާމްދަނީ އިތުރު ކުރެވޭނީ މަހުގެ އަގުވެސް ބޮޑުކޮށްގެން،" މަސްވެރިއަކު ބުންޏެވެ.
މަސްވެރިންނާއި އާންމު ރައްޔިތުންގެ ޝަކުވާތައް ފުނިޖެހެން ފެށުމުން މީގެ އަހަރެއްހާ ދުވަސް ކުރިން މަސްވެރިންނަށް ސަބްސިޑީ ދޭންފެށި އެވެ. ދޯންޏަށް އަޅާ ތެޔޮ އަގު ހެޔޮކުރެވޭނެ ގޮތެއް ހެދުމަށް މަސްވެރިންކަމުގެ ދޯނިތަކުގެ ސައިޒަށް ބަލައިގެން ސަބްސިޑީ ދޭންފެށި އެވެ. ނަމަވެސް މަހުގެ އަގުތަކަށް އޭރުވެސް އަދި މިހާރު ވެސް ހެޔޮއަގެއް ނުލިބުނެވެ. އެހެން ކަމުން މިދިޔަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅި އިރު ވެސް ސަރުކާރުން ބަޖެޓްގައި މަސްވެރިންގެ ސަބްސިޓީއެއް ނުހިމަނަ އެވެ. ނަމަވެސް މަޖިލީހުން ބަޖެޓް ދިރާސާކޮށް ނިމުނު އިރު އެކި ކޯޑުތަކުން ފައިސާ ނަގައިގެން މަސްވެރިންނަށް 100 މިލިއަން ރުފިޔާގެ ސަބްސިޑީ ހާއްސަކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެ ފައިސާ ހިފެހެއްޓި އެވެ.
މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމެޓީން ނިންމާފައި 100 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ހަރަދަށް ކަނޑައި ބާކީ 99 މިލިއަން ރުފިޔާ މަސްވެރިންނަށްދޭށެވެ. އެކަމަށް އާ އުސޫލުތަކެއް ކަނޑައަޅާ ކުރީގެ އުސޫލުތައް ވަނީ ބަދަލު ކޮށްފަ އެވެ. ނަމަވެސް ސުވާލަކީ ސަބްސިޑީގެ ފައިދާ މުޅި މުޖުތަމައަށް ބެހިގެން ދޭބާ އެވެ؟
މިނިވަން ވިޔަފާރީގައި ސަބްސިޑީ ދެނީ ސިނާއަތްތައް ވަރުގަދަކޮށް އޭގެ ފައިދާ ތަކެތި ގަންނަ މީހާއަށް ވެސް ދިނުމަށެވެ. ނަމަވެސް މަސްވެރިންގެ ސަބްސިޑީން މިހާތަނަށް ފެނުނު މަންޒަރަކީ އެ ސަބްސިޑީގެ ފައިދާ މަސްވެރިންނާ ހަމައިގައި ތާށިވުމެވެ. އޭގެ ފައިދާ ސީދާ ގަންނަ މީހާއާ ހަމައަށް ވާސިލްނުވުމެވެ. އިންފްލޭޝަންގެ ހިސާބުތަކަށް ބަލައިގެން ސަބްސިޑީގެ އަސަރު މުޖުތަމައަށް ކުރި ވަރު އަންދާޒާ ކުރެވިދާނެ އެވެ.
ވޭތުވެ ދެ އަހަރުގެ އިންފްލޭޝަންގެ ހިސާބުތަކަށް ބަލާއިރު މާރުކޭޓުގައި މަހުގެ އަގު ދަށަކަށް ނުދެ އެވެ. މިދިޔަ އަހަރު މަހުގެ އިންފްލޭޝަން ރޭޓް 27 ޕަސެންޓް ވަނީ މަތިވެ އެވެ. މަހުގެ ބާވަތްތަކަށް ވަކިވަކިން ބަލާ އިރު ލައްޓީގެ އަގުތައް 56 ޕަސެންޓް މަތިވެފައިވާ އިރު، ކަޅުބިލަ މަހުގެ އަގުތައް ވަނީ 50 ޕަސެންޓް އުފުލިފަ އެވެ. ފަރުމަހުގެ އަގުތައް ވެސް ވަނީ 48 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
ހިސާބުތަކަށް ބަލާ ނަމަ ސަބްސިޓީން މަހުގެ އަގުތަކަށް ވެސް އަންނާނެ ހެޔޮ ބަދަލެއް ނެތެވެ. އޭގެ އެހެން ސަބަބެއް ވެސް ހިއްސާކުރެ އެވެ. ބައެއް މަސްވެރިން ބުނާ ގޮތުން މަހުގެ އަގުތައް މައްޗަށް ދަނީ ކުރިއާ ހިލާފަށް އެތައް މޭލެއް ދުރަށް އޮޑި ދުއްވައިގެން މަސްބާނަން ޖެހުމެވެ. މޫސުމަށް އައި ބަދަލުތަކާ އެކު މަސްވެރި ކަމުގެ ސިނާއަތަށް އަސަރުކުރީ އެހެން ކަމަށް މަސްވެރިން ބުނެ އެވެ.
"މިހާރު ދުއްވަން އެބަޖެހޭ ވަރަށް ދުރަށް. ހަތްދިހަ މޭލުހާ ދުރަށް، އެއީ ދުވާލަކަށް ގާތްގަނޑަކަށް 3000ރ. އެތައް ރުފިޔާއެއްގެ ތެޔޮ ފީފާ މިޖެހެނީ އަންދަން. އެހެންވީމާ ސަބްސިޑީގެ އަސަރެއް ނުކުރަނީ،" ޅ. ނައިފަރުގެ މަސްވެރިއަކު ބުންޏެވެ.
މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މަސްވެރިންނަށް ސަބްސިޑީ ދެނީ ތެޔޮ ހަރަދަށް ބަލައިގެންނެވެ. ސީދާ އޮޑިވެރިޔާއަށެވެ. ލަފާ ކުރާ ގޮތުން ކޮންމެ ދަތުރެއްގެ ތެޔޮ ބިލުން 30 ޕަސެންޓް ސަބްސިޑީން މާފުވާނެ އެވެ. ނަމަވެސް އޭގެން ނިކުންނަ އެހެން މައްސަލަ އެބައޮތެވެ. ސީދާ އޮޑިވެރިޔާ އަށް ސަބްސިޑީ ލިބޭއިރު އެ ފައިސާ ދަނީ ކިހިނެތްތޯ މޮނީޓާ ކުރެވޭނީ ކިހާވަރަކަށްބާ އެވެ؟
އެހެންކަމަށްވާ ނަމަ ސަބްސިޑީގެ އަސަރެއް ނުފެންނާނެ އެވެ. މާލިއްޔަތު ކޮމެޓީން ސަބްސިޑީ ދިނުމުގެ އުސޫލުތައް ކަނޑައެޅުމުގައި ހަރަކާތްތެރި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވީ ސަބްސިޑީގެ އަސަރު ސީދާ މަހުގެ އަގުން ނުފެނުނު ކަމުގައި ވިޔަސް ސަބްސިޑީގެ ބޭނުމަކީ މަސްވެރިން މަހަށް ފުރުމަށް އެހީތެރިވެ ދިނުމެވެ. ކާނަލް ވެސް ގަބޫލުކުރައްވާ ގޮތުން މަހުގެ އަގު ދަށްކުރުމާއި މިކަންކަމަށް އޮތް ހައްލަކީ އިއާދަކުރަނިވި ހަކަތަ ދިރުވައިގެން ތެލަށް ކުރާ ހަރަދުކުޑަކުރުމެވެ. އެ ނޫން އުސޫލުތަކެއްގެ ތެރެއިން މަހުގެ އަގު ދަށްވުމާއި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއްނެތެވެ.
"މީގެ މައިގަނޑު މަގުސަދަކީ މިވަގުތު ވެސް ގިނަ މަސްވެރިން މަހަށް ފުރުވުން. އެކަމަށް ހިތްވަރު ދިނުން. މީގެ ސަބަބުން ގިނަ ދޯނިތައް މަހަށް ފުރުވުން. ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫން. ތެލަށް ކުރެވޭ ހަރަދުކުޑަކޮށްގެން ދާއިމީ ހައްލެއް އަންނާނީ،" ނަޝީދު ވިދާޅުވި އެވެ.
ގައުމުގެ ކޮންމެ ކަމެއް ސަބްސިޑީ ކޮށްގެން ވަގުތީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމުގެ ނަތީޖާ ހިތިވެދާނެ އެވެ. ކޮންމެ ކަމަކީ އަސާސީ ބޭނުމެއް ކަމުގައި ބަލައި މިނިވަން ވިޔަފާރީގެ އިމުގެ ބޭރުން މުޅި ގައުމު ވެލްފެއާ ނިޒާމަކަށް ބަދަލުކުރާ ނަމަ އެއީ ދެމެހެއްޓެނިވި ތަރައްގީއެއް ނޫނެވެ. ސީދާ ރައްޔިތު މީހާއަށް ނުލިބޭ ސަބްސިޑީއެއް ބެހުމުގެ ބޭނުމެއްވެސް ނެތެވެ. އޭގެ ބަދަލުގައި ކޮންމެ، މަސްވެރިއެއްގެ ދޮއްޓެއް ދިނުންވެސް މާރަނގަޅެވެ.