ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި، އަދި މރ. ޕާފެކްޝަނިސްޓުގެ ނަމުން މަޝްހޫރު އާމިރު ޚާން، އޭނާގެ މަންމަ ޒީނަތު ޙުސައިންއާ އެކު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރާން ސައުދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.

އާމިރު ޚާނުގެ މަންމަ ޒީނަތު ބުނާ ކޮންމެ ކަމެއް އުފަލާ އެކު ކޮށް ދިނުމަކީ އާމިރު ޚާން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މަންމައާ އެކު ގިނަ ވަގުތު ހޭދަ ކުރުމަކީ އާމިރު އަބަދުވެސް ސަމާލުކަން ދޭ ކަމެކެވެ. އާމިރުގެ ބައްޕަ ޠާހިރު ޙުސައިން، 2010 ވަނަ އަހަރު ނިޔާ ވުމަށް ފަހު، އާމިރު ވަނީ ކުރިޔަށް ވުރެ ވެސް ގިނައިން މަންމައާ އެކު ވަގުތު ހޭދަ ކުރާން ފަށައިފައެވެ.

މި އަހަރު ހައްޖަށް ދިއުމަކީ ކުރީން އާމިރު ރާވައިފައި އޮތް ކަމަކަށް ނުވި ނަމަވެސް، އާމިރުގެ މަންމަ މި އަހަރު ހައްޖަށް ދާން ބޭނުން ވުމުން މަންމައާ އެކު ހައްޖަށް ދާން އާމިރު ނިންމީއެވެ. އާމިރު ޚާން ހައްޖަށް ދިޔައީ މަންމަގެ އިތުރުން އާއިލާގެ އެހެން ފަރުދުންނާއި ސަލާމަތީ ހަ ގާޑަކު ވެސް ގޮވައިގެންނެވެ.

ހަގީގަތުގައި މި ދުވަސްކޮޅަކީ އެމެރިކާގެ ޗިކާގޯގައި އާމިރު ޚާންގެ ފިލްމެއް ޝޫޓު ކުރަމުން ދާ ވެސް ދުވަސްކޮޅެކެވެ. އަދި މީގެ އިތުރުން، ވަރަށް އަވަހަށް ރިލީޒުވުމުގެ މަގުމަތީގައި އޮތް، އޭނާގެ ފިލްމެއް ކަމުގައި ވާ "ތަލާޝް" އިޝްތިހާރު ކުރުމުގެ ތައްޔާރީގައި ވެސް އާމިރު ވަރަށް އަވަދި ނެތި އުޅެމުން ދިޔަ ދުވަސްކޮޅެކެވެ. އެހެން ނަމަވެސް އާމިރު އެންމެ ބޮޑު ސަމާލުކަމެއް ދިނީ މަންމަގެ ހިތް ހަމަ ޖައްސައިދިނުމަށެވެ. ކުރީން ރާވައިގެން ނޫނީ އެއްވެސް ކަމެއް ނުކުރާ އާމިރު ޚާން، ކުއްލިޔަކަށް ހައްޖަށް ދާން ނިންމި ނިންމުމާ މެދު ނޫސްވެރިޔަކު ސުވާލު ކުރުމުން ބުނީ "މަންމައަށް ޓަކައި ހުރިހާ އުސޫލެއް އަދި އާދައެއް ވެސް ގުރުބާން ކުރާން ޖެހޭނެ،" ކަމަށެވެ.