20:17


ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ގޮތުން "އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް" އާއެކު ސަރުކާރުން ގާއިމްކުރާ އެއްބަސްވުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެ ކޮމިޝަނުގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.


ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން އިތުރުކޮށް، ކޯޓުތަކަށް އާއްމުންގެ އިތުބާރު ހޯދުމުގެ މަގުސަދުގައި އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް ނުވަތަ އައިސީޖޭ އާއެކު ސަރުކާރުން ދިގު މުއްދަތުގެ އެއްބަސްވުމެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މިދިޔަ މަހު ބުނެފަ އެވެ.


މިއަދު ހެނދުނު ރާއްޖެ އައި އައި.ސީ.ޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޝަރުއީ ނިޒާމާ ގުޅޭ ދެ ތަޖުރިބާކާރުން ކަމަށްވާ ޑރ. ޕަރަމް ކުމަރަސުވާމީ އަދި ޑރ. ލިއެންޑްރޯ ޑެސްޕޯއި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މީގެ ކުރިން އ.ދގެ ސްޕެޝަލް ރެޕަޓުއަރސް އޮން އިންޑިޕެންޑެންސް އޮފް ޖުޑީޝަރީގެ މަގާމު ވެސް ފުރުއްވާފައިވާ ދެ ބޭފުޅުންގެ މި ދަތުރުފުޅުގައި، އެގްރިމެންޓުގެ ޓަރމްސް އޮފް ރެފަރެންސް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވާ، އެކަންކަން ރަގަޅު ކުރުމަށް ސަރުކާރަށް އިސްލާހުތައް ހުށަހަޅުއްވާނެ އެވެ.


ރައީސް އޮފީހުން ބުނިގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަހީދު ވަނީ އައި.ސީ.ޖޭގެ ވަފްދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުންނާއި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.


ދިވެހި ސަރުކާރުން އައިސީޖޭ އާއެކު ދިގުމުއްދަތުގެ އެގްރިމެންޓެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ބުނެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނީ، ދާދިފަހުން ސިޔާސީ މަސްރަހު ހަލަބޮލިވެ، ޝަރުއީ ނިޒާމަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ ދުވަސްވަރެއްގަ އެވެ.


1952 ވަނަ އަހަރު އުފެއްދިގެން އައި އައިސީޖޭއަކީ، ގައުމުތަކުގެ ޝަރުއީ ނިޒާމް ވަރުގަދަކޮށް، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނީ ވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އަމިއްލަ ޖަމިއްޔާއެކެވެ.