20 Oct 2012, 22:27
ވިކްޓަރީގެ ޗެއާމަންކަމާ ހަވާލުވިތާ އަހަރެއް ނުވަނީސް އެމަގާމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބުދުﷲ އިސްތިއުފާ އުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ މި ދެއްވީ ތައްޓެއް ނުލިބި މި އަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމުން ކޯޗު އަލީ ސުޒޭން ވެސް ރޭ އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. ނަމަވެސް ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު މިރޭ ވިދާޅުވީ އީވާ އިސްތިއުފާ ދެއްވީ ސުޒޭނަށްވުރެ ކުރިން ހުސްވި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.
"ބޯޑުގެ ތިން މެމްބަރަކު ( އީވާ އާއި ސައުތު ފަޔާ އަދި ހުސައިން ޒިނާން) އިސްތިއުފާ ދެއްވާފައިވަނީ. މަގޭ އަތުގައި ސިޓީ އެބައޮތް. އެވަގުތު އީވާ އިސްތިއުފާ ދެއްވިކަން ނާންގައި ބޭއްވީ ސީޒަން ތެރެއަށްވެ ކުޅުންތެރިންނަށް އެކަމުން އަސަރުކޮށްފާނެތީވެ. އެކަމަކު މިމަހުގެ ނިޔަލަށް އީވާ ކުލަބުގައި މަސައްކަތްކުރާނެ. މިހާރު ވެސް ކުޅުންތެރިންގެ ކަންތައް ބަރާބަރަށް ނިންމައި އެގްރީމަންޓްތައް ކޮމްޕްލީޓް ކުރައްވާ،" ވިކްޓަރީގެ ކުރީގެ ކެޕްޓަން އަދި ކީޕަރު ޒަރިޔަންދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ދެން އޮތީ ތައްޓެއް ލިބޭތޯ ނުބަލައި އާ އިންތިހާބެއް ބާއްވައި ކުލަބު ސަލާމަތްކުރުން ކަމަށެވެ.
"92ގައި ސުޒޭންމެން މާއްޓޭމެން ވިކްޓަރީ ދޫކޮށްލާފައި ވެލެންސިއާ އަށް ދިޔައިރު ވެސް ޓީމުގައި އަޅުގަނޑު ހުރިން. އެހެންވީމަ މިހިސާބުން ޓީމު ސަލާމަތްކުރަން އަޅުގަނޑު މަސައްކަތް ފަށާނަން. ދާ ކުޅުންތެރިން ވެސް ދިޔައިމަ ޓީމު ރަނގަޅަށް ހެދޭތޯ ވެސް އެބަ ބަލަންޖެހޭ. މިކަމުގައި ސަޕޯޓަރުންގެ ބައިވެރިވުން ވަރަށް މުހިންމު. ބޯޑު ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ،" ޒަރިޔަންދު ވިދާޅުވި އެވެ.
ވިކްޓަރީގެ ކޯޗުކަމުން ރޭ ސުޒޭން ވަކިވީ މެނޭޖްމަންޓާމެދު އޮތް ހިތްހަމަނުޖެހުމަކާ ހެދިކަމަށް އޭނާ ބުންޏެވެ. އެއީ އެފްއޭއެމުގެ އިންތިހާބުގެ މައްސަލަ އެވެ. މި އިންތިހާބުގައި އީވާ އާއި ވިކްޓަރީގެ ބޯޑުގެ ދެ މެމްބަރަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ސަޕޯޓްކުރައްވަނީ މިހާރުގެ ޗެއާމަން އަލީ އާޒިމަށެވެ. ސުޒޭން ސަޕޯޓްކުރަނީ އިނދިކޮޅު ކެނޑިޑޭޓް ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދަށެވެ. ވިކްޓަރީގެ ބޯޑު މެމްބަރުންގެ ތެރެއިން އިލްހާމަށް ތާއިދު ކުރަނީ އިލްހާމްގެ ދަށުން މަސައްކަތްކުރެއްވުމަށް ނާއިބް ރައީސްކަމަށް ކުރިމަތިލެއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އާއި ސުޒޭންގެ ބޭބެ އަހުމަދު ރިޔާޒް (ގާނާ) އެވެ.
ޒަރިޔަންދު ވިދާޅުވީ ސުޒޭނާއި މެނޭޖްމަންޓާ މައްސަލަޖެހުނީ އިންތިހާބާ ހެދި ކަމަށެވެ. އެގޮތުން ބޯޑުން އާޒިމަށް ވޯޓުދޭން ނިންމުމުން ސުޒޭނާއި ޓީމު މެނޭޖްމަންޓުގެ އެހެން މީހުން އައިސް އެނިންމުން ބަދަލު ކުރަން އެދުނު ކަމަށެވެ.
"އެހިސާބުން އެ ގޯސްވީ. ބޯޑުން ޑިމޮކްރަޓިކްކޮށް މި ނިންމަނީ ވޯޓުލައިގެން އެފްއޭއިންތިހާބުގައި ވޯޓުލާނެ މީހަކު. ދެން ޓީމު މެނޭޖްމަންޓުން ސުޒޭން އައިސް އެ ނިންމުން ބަދަލު ކުރަން ބުނުމަކީ ގޯހެއް. ދެން އަދި ސުޒޭންގެ އިސްތިއުފާ ސިޓީއެއްނުލިބޭ. މީޑިޔާއިން އެނގުނީ އިސްތިއުފާދިންކަން،" ޒަރިޔަންދު ވިދާޅުވި އެވެ.