ޗައިނާ އާއި ދިވެހި ސަރުކާރާ ދެމެދު ތަފާތު ދާއިރާއަކުން ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައ ސޮއި ކުރުން އޮތީ ރާއްޖެ އަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިން ކޮމިޓީގެ މެމްބަރު، ލީ ޗޭންޗުން ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

މިއަދު ސޮއި ކުރި ފުރަތަމަ އެއްބަސްވުމަކީ ލ. އަތޮޅުގެ ރަށްތައް ގުޅާލުމަށް ގަމުން ފޮނަދު އަށް ހެދުމަށް ހަމަޖެހިފައިވާ މަގު ހަދަން ފެށުމުގެ ކުރިން ކުރާ ދިރާސާތަކާ ބެހޭ އެއްބަސްވުމެވެ. އަނެއް އެއްބަސްވުމަކީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެވެ.

އެ ދެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގަ އެވެ. މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓާ، ޑރ. މުޙަންމަދު މުޢިއްޒާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމާސްގެ ނައިބު ޖިއަންގް ޒެންގްވެއި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކަން ހޯދުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޢަބްދުލްމަތީން މުޙަންމަދާއި، ޗައިނާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫ ހޮންގްޔާއޮ އެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ޗައިނާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ، ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކާ ދެމެދު އޮންނަންވާނެފަދަ ގުޅުމުގެ ނަމޫނާއެއް ކަން ދެ ބޭފުޅުން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ތަރައްޤީ ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ޓަކައި އެކި ދާއިރާތަކުން ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފުރުސަތުތައް ހުރި ކަމުގައި އެ ރޮނގުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.

ލީ ޗޭންގްޗުން ވިދާޅުވީ ރައީސްގެ ވެރިކަމުގައި ރާއްޖެ އަށް ސިޔާސީ ހަމަޖެހުމާއި، އިޖްތިމާޢީ އެއްބައިވަންތަކަމާއި އިޤްތިޞާދީ ތަރައްޤީ ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ޗައިނާގެ ބާޒާރުގައި ރާއްޖޭގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ.