20 Oct 2012, 15:53
އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު އޭނާ އަނބުރާ ގެންދަވާފައި ވަނިކޮށް އެ އިސްލާހު މަޖިލީހަށް އަލުން ވައްދައިފި އެވެ.
އެ އިސްލާހު އަލުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ. ޝިފާޒު މިއަދު ވިދާޅުވީ އިތުބާރު ނެތްކަމަށް ނަގާ ވޯޓުތައް ސިއްރު ކުރާގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް އާންމު ކޮމިޓީ އަށް ފޮނުވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
"މިދިޔަ ބުދަ ދުވަހު އަޅުގަނޑު އެ އިސްލާހު ހުށަހެޅީ،" ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ އިސްލާހެއް ހުށަހެޅުއްވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން މެންބަރުންނަށް ރައްކާތެރިކަމެއް ބޭނުންވާ ކަމަށް ގަބޫލުކުރެވޭތީ މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކަމަށެވެ.
"މިއަދުގެ ޕޮލިޓިކަލް މާހައުލު އޮތް ގޮތުން މެންބަރުންނަށް ރައްކާތެރިކަމެއް ބޭނުންވާހެން އަޅުގަނޑަށް ހީވަނީ. މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ކުރި ކަމެއް އެއީ،" ޝިފާޒު ވިދާޅުވި އެވެ.
ކުރިން އާމިރު އެ އިސްލާހު ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް އެ އެ އިސްލާހު އަނބުރާ ގެންދެވުމަށް ފަހު އާމިރު ވިދާޅުވީ އެއީ މަޖިލީހުގެ ބައެއް މެމްބަރުންނާއި އޭނާގެ ދާއިރާގެ ބައެއް ރައްޔިތުންގެ އެދުމުގެ މަތިން ކުރެއްވި ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓުތައް ފާޅުކޮށް ނަގަން ގަވާއިދުގައި އޮންނަނީ ނާޖާއިޒު ފައިދާތައް ނެގުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށާއި
ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ބަޔަކު ކުރާ ކަންކަމުގެ ދެ ފަރާތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ. ނަމަވެސް ވޯޓްތައް ސިއްރުކުރަން ހުށަހަޅަނީ އެކަމުގައި ނާޖާއިޒު ފައިދާތަކަށް ޖާގަ ތަނަވަސް ކުރުމުގެ ނިޔަތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.