ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިންގް ކޮމިޓީގެ މެންބަރު، ލީ ޗޭންގްޗުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ޗައިނާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ، ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކާ ދެމެދު އޮންނަންވާނެ ފަދަ ގުޅުމުގެ ނަމޫނާއެއް ކަން ދެ ބޭފުޅުން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ތަރައްޤީ ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީ އަށް ޓަކައި އެކި ދާއިރާތަކުން ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފުރުސަތުތައް އެބަހުރި ކަމުގައި ވިދާޅުވެ، އެ ރޮނގުން ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ލީ ޗޭންގްޗުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގައި ރާއްޖެ އަށް ސިޔާސީ ހަމަޖެހުމާއި އިޖްތިމާޢީ އެއްބައިވަންތަކަމާއި އިޤްތިޞާދީ ތަރައްޤީ ލިބިގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ޗައިނާގެ ބާޒާރުގައި ރާއްޖޭގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު ލ. އަތޮޅުގެ ރަށްތައް ގުޅާލައި ގަމުން ފޮނަދު އަށް ހެދުމަށް ހަމަޖެހިފައިވާ މަގު ހަދަން ފެށުމުގެ ކުރިން ކުރުމަށް ހަމަޖެހިފައިވާ ދިރާސާތަކާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ޑރ. މުޙަންމަދު މުޢިއްޒާއި ޗައިނާގެ މިނިސްޓަރު އޮފް ކޮމަސްގެ ނައިބު ޖިއަންގް ޒެންގްވެއި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްމަތީން މުޙަންމަދާއި ޗައިނާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫ ހޮންގްޔާއޮ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.