ޗައިނާ ސަރުކާރުން ރާއްޖޭން ރައްޔިތުންގެ މަޖިލީހަށް 500،000 ޔުއާން ރެންބިންބީ (1.2 މިލިއަން ރުފިޔާ)ގެ އޮފީސް އިކިއުޕްމަންޓް ހަދިޔާކޮށްފި އެވެ.

އެތަކެތި މިއަދު މަޖިލިޙަށް ހަދިޔާކުރެއްވީ މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިން ކޮމިޓީގެ މެމްބަރު، ލީ ޗޭންޗުން މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު މަޖިލީހުގެ އިދާރާއަށް ކުރެއްވި ޒިޔާރަތުގަ އެވެ.

އެ ޒިޔާރަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ ލީ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމު ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން ބަދަހިވި ގޮތުގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން ވިދާޅުވީ ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ވަމުން އަންނަ އެހީތެރިކަމަށާއި މަޖިލީހަށް ވެދެއްވި އެހީތެރިކަމަށް ޝުކުރުދެންނެވި އެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ ތާރީޙީ ގުޅުމެއްކަން ފާހަގަ ކުރައްވާ ޝާހިދު ވަނީ ދެ ޤައުމު ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ މިހާރު 40 އަހަރު ފުރިފައިވާކަމަށް ވިދާޅުވެފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް 2007 ވަނަ އަހަރު ބެއިޖިންގްގައި ހުޅުވުނު ރާއްޖޭގެ މިޝަންއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގެންނެވިކަން އަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޗައިނާ ވަފްދުގެ ބޭފުޅުންގެ ތެރޭ ސީ.ޕީ.ސީ.ސީ.ސީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް މިނިސްޓާ ވާންގް ޖިއާރުއި، އެޑިއުކޭޝަން މިނިސްޓާ ޔުއާން ގުއެރެން، ކަލްޗްރަލް މިނިސްޓާ، ކާއީ ވޫ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔޫ ހޮންގްޔާއޯ، މިނިސްޓަރ އޮފް ދި ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ރޭޑިޔޯ، ފިލްމް އެންޑް ޓެލެވިޜަން، ކާއީ ފުޗާއޯ، މިނިސްޓަރ އޮފް ދި ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް އެންޑް ޕަބްލިކޭޝަން، ލިއޫ ބިންޖީ، ވައިސް މިނިސްޓަރ އޮފް ދި ޕަބްލިސިޓީ ޑިޕާޓްމެންޓް މިސްޓަރ ސުން ޒީޖުން އަދި ކޮމާސް މިނިސްޓަރު ޖާންގް ޒެންގްވެއި ބައިވެރިވެ ވަޑައިގަތެވެ.