20 Oct 2012, 13:44
އަންނަ ބޮޑުއީދު ބަންދުގައި ބ. އޭދަފުށީގައި ބާއްވާ "އެމިސް ކަޕް" ފުޓްބޯޅަ މުބާރާތުގެ ގުރުލުން ބާއްވައިފި އެވެ.
އޭދަފުށީގައި މި ފަހަރުގެ ބޮޑުއީދު ބަންދުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގެ ގުރުލުން ބާއްވާފައި ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.
މުބާރާތުގައި ޖުމްލަ އަށްޓީމް ވާދަކުރާ އިރު، މުބާރާތް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ ދެގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ ޒުވާނުންގެ ކްލަބުގެ ސީއީއޯ އަދި ކުރީގެ ކުލަބް ވެލެންސިޔާގެ މިޑްފީލްޑަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ، އަންނަ ހޯމަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. އަދި ރަނަރަޕް ޓީމަށް 5000ރ. ވަނީ ހުށަހަޅާފައިވާ މުބާރާތުގެ ގްރޫޕް އޭފަޅީގައި ހިމެނޭ ޓީމްތަކަކީ ހުސްވި އަހަރުގެ ރަނަރަޕް އެންޖޯއީ ފްރެންޑްސް އާއި ޔުނައިޓެޑްވީ އާއި ރުވާ ސްޕޯޓްސް އަދި ސަންސެޓެެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް ސޫޕް ހިމެނެނީ ސައިނޯސާ އާއި ސީސީ ސްޕޯޓްސް އަދި މުބާރާތުގައި މިއަހަރު އަލަށް ވާދަކުރާ އޭދަފުށީ ނިއު ޖެނެރޭޝަންއެވެ.
ބައްޓޭ ބުނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ މިމުބާރާތުގައި އެންމެ ފަހުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ނެހެރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނުނު 12 ކުޅުންތެރިއަކު މިމުބާރާތުގައި ކުޅޭ ކަމަށެވެ. އަދި އޭގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން 32 ކުޅުންތެރިއަކު ވެސް މިމުބާރާތުގައި އެކިއެކި ޓީމްތަކަށް ކުޅޭނެ ކަމަށް ބައްޓޭ ބުންޏެވެ .އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ހިމެނެ އެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިން ވެސް އެކި ޓީމުތަކުގެ ލިސްޓުގައި ވަނީ ޖަހާފަ އެވެ.
ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ނިއު ރޭޑިއަންޓުގައި މި ސީޒަނުގައި މޮޅު ކުޅުމެއްދެއްކި ކެމަރޫން ޑިފެންޑަރު ކިންގްސްލީ އާއި ވެލެންސިއާގެ ލައިބީރިއާ މިޑްފީލްޑާރު ޗާލްސް ރައިޓް ގަޔޭ ހިމެނެ އެވެ.
އޭދަފުށީގައި ކޮންމެ އަހަރަކު ބާއްވާ ތަފާތު ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު މުބާރާތަކީ ވެސް ބޮޑު އީދު މުބާރާތެވެ.
ބ. އޭދަފުއްޓަކީ ދިވެހި ފުޓްބޯޅައިގައި މަތީ ފެންވަރުގެ އެތައް ކުޅުންތެރިންނެއް ވެސް އެއް ރަށަކަށް ނިސްބަތްވާ ރަށެކެވެ. އެގޮތުން އެރަށުން ވަނީ ފާއިތުވި އަހަރުތަކުގައި އަދި މިހާރު ވެސް ފުރަތަމަ ޑިވިޝަނަށް މޮޅު އެތައް ކުޅުންތެރިން ނެރެދީފަ އެވެ. މީގެ އިތުރުން އޭދަފުއްޓަށް ނިސްބަތްވާ ފުޓުބޯޅަ ޓީމު ވަނީ ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ފާހަގަ ކޮށްލެވޭ އޭދަފުށީގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވިކްޓަރީގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ވިކްޓަރީގެ ޝާފިއު އަހުމަދު (ޝާފީ) އާއި ވިކްޓަރީގެ ފޯވާޑް އަލީ ފާސިރު(ސެންޓޭ) އާއި ވިކްޓަރީގެ ސައްޕޭ އަދި ވީބީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ހިމެނެ އެވެ.
ބ. އަތޮޅުގެ ކުރީގެ އަތޮޅުވެރިއެއް ކަމަށްވާ މަރްހޫމް އިސްމާއިލް ކަލޭގެފާނުގެ ހަނދާނުގައި ކޮންމެ އަހަރަކު ބާއްވާ މުބާރާތް މި ފަހަރު ކުރިއަށްދާނީ މެއިން ސްޕޮންސާ ރެޑްވޭވް އިން މާކެޓް ކުރާ ހިކިކިރުގެ ބްރޭންޑެއް ކަމަށްވާ "އެމީސް" ކަޕުގެ ނަމުގަ އެވެ. ކޯ ސްޕޮންސާ އަކީ އެސްޓީއޯ އެވެ.