ނ. ކެނދިކުޅުދު އަށް ނަގޫރޯޅިއެއް އަރައި އެ ރަށު ދެ ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެޖެ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޒަމީރު މިއަދު ވިދާޅުވީ މޫސުން ގޯސްވެ މިއަދު ހެނދުނު 8:50ގައި ނަގޫރޯޅި އެރުމުގެ ސަބަބުން ގެއްލުންވެފައި ވަނީ އެ ރަށު ޝަބާބް ނަމަކަށް ކިޔާގެ އަށާއި ރާސްތާ ނަމަށް ކިޔާ ގެއަކަށް ކަމަށެވެ. އަދި ނަގޫރޯޅި އެރުމުގެ ސަބަބުން އެ ދެ ގޭގެ ފުރާޅު އެއްލާލުމުގެ އިތުރުން އެ ދެ ގޯތީގައި ހުރި ހުރިހާ ރުއްގަހެއް ވެއްޓިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ކައުންސިލްގެ އިދާރާ އިން ބުންޏެވެ.

"އެއްގެއަކީ މީހުންއުޅޭ ގެއެއް އެގޭގެ ސީލިންގާއި އެހެން ގެންގުޅޭ އެއްޗިއްސަށް ވެސް ވަނީ ގެއްލުންވެފައި. ދެން އަނެއް ގެއަކީ މީހުން އުޅެން އަންނަން ތައްޔާރުވަމުން އަންނަގެއެއް. މަންޒަރުދުން މީހުން ބުނީ ނަގޫރޯޅިއާ އެކު އެދެގޭގެ ޓިނު ވެސް ގާތްގަޑަކަށް 150 ފޫޓަށް ވުރެ މައްޗަށް އެރިކަމަށް. އަޅުގަނޑުމެނަށް އެޓިނުތައް ފެނުނީ ގާތްގަނޑަކަށް އެދެގެއާ 200 ފޫޓް ދުރުގައި ހުއްޓައި،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންވެގެން ހުންނަ އެދެގޭގެ މީހުނަށް އެހީތެރިވުމުގެ ގޮތުން އެ ރަށުގެ ރައްޔިތުން މިހާރު މަސައްކަތް ކުރަމުން އަަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ވެސް އެ ރަށަށް ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެގޮތުން ގެއްލުން ވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގައި އެދި އެކަން ހާސިލްވެފައި ނުވާ ކަމަށެވެ.

http://www.youtube.com/watch?v=gLg_U0hdLXM