13 Sep 2010, 13:59
މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ތިން އިމާރާތެއްގައި ކަރަންޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގައި ކޮލެޖުން އަމަލުކޮށްފައި ވަނީ ގަވައިދާ އެއްގޮތަށް ނޫން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާ ބެހޭ ގޮތުން މިއަދު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ކަރަންޓް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކޮލެޖުން އިއުލާނު ކުރުމުން ގިނަ ކުންފުނިތަކަކުން ބިޑްކޮށްފައި ވަނިކޮށް ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަކަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.
އޭސީސީން ބުނީ ކޮލެޖާ ބެހޭ މި މައްސަލަ ބެލި އިރު ކަރަންޓްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގައި ސަރުކާރުގެ ފައިސާއާ ބެހޭ ގަވައިދާ އެއްގޮތަށް ބައެއް ކަންތައް ކޮށްފައި ނުވާ ކަމަށެވެ. އަދި ބުނީ ކުރިން އަމަލު ކުރަމުން އައި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ، ބެލެހެއްޓުމުގެ ގަވައިދުގެ 8.17ގެ (ށ) ގައި ބުނާ އަންދާސީ ހިސާބު ހުށަހެޅުމުގައި ހުށަހަޅަން ޖެހޭ ފޯމް ކޮލެޖުން ގެންގުޅެފައި ނުވުމާއި ޕޮއިންޓް ދޭނެ އުސޫލު ކަނަޑައެޅިފައި ނެތުމުން ޕޮއިންޓް ދީގެން ބިޑްތައް އިވެލުއޭޓް ކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަމްބަރުގެ ދަށުން އެކަން ތަކުރާރު ނުވާނެ ގޮތަށް ކަންތައްތައް އިސްލާހު ކުރުމަށް އޭސީސީން މިހާރު ވަނީ ކޮލެޖަށް އަންގަފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.