ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު ޔާމީން އަބްދުލްގައްޔޫމް އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ދުވަސް ވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ "ވަގު" ވިޔަފާރީގެ މައްސަލައާ ގުޅިގެން މަޑުޖައްސާލާފައި އޮތް، އެސްޓީއޯ ސިންގަޕޫރު މޯލްޑިވްސްގެ ވިޔަފާރިތައް އަލުން ފަށައިފި އެވެ.

އެ ކުންފުނީން މައިގަނޑު ގޮތެއްގައި ކުރި ވިޔަފާރިއަކީ ތެޔޮ ގަތުމަށް ފަހު ދުނިޔޭގެ އެކި ގައުމުތަކަށް ތެޔޮ ވިއްކުމެވެ. ކުރީގެ ސަރުކާރުން ފެންމަތި ކުރި ތުހުމަތުތަކަކީ ރާއްޖެ އަށް އަގުހެޔޮކޮށް ލިބޭ ތެޔޮ އެ ކުންފުނިން ބަރުމާއަށް ވިއްކައިގެން 800 މިލިއަން ޑޮލަރުގެ ފައިދާއެއް ޔާމީން ނަގާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަތައް 2010 ވަނަ އަހަރު ބަލަން ފެށުމާ އެކު 2011 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރިތަށް ހުއްޓާލި އެވެ.

އެސްޓީއޯގެ 99.9 ޕަސެންޓް ހިއްސާ އޮންނަ އެސްޓީއޯ ސިންގަޕޫރުގެ ވިޔަފާރިއާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުންފުނިން އަލުން ތެލުގެ ވިޔަފާރި ފެށީ އެސްޓީއޯގެ ބޯޑުގައި މަޝްވަރާކުރުމަށް ފަހު އެސްޓީއޯ ސިންގަޕޫރުގެ ވިޔަފާރިން ރަނގަޅު ފައިދާއެއް ހޯދިދާނެ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

"މީގެ ކުރިން ވެސް ވަރަށް ކުޑަކޮށް އެކަން ކުރެވުނީ، ނަމަވެސް ލާޖް ސްކޭލްގައި މިކަން ކުރީމާ ވަރަށް ބޮޑު ހަމަ ކުރިމަގެއް އެބައޮތް މި ވިޔަފާރި ފުޅާ ކުރެވި މީގެން ރަނގަޅުފައިދާއެއް ހޯދިދާނެ ކަމުގެ. އެ މަގުސަދުގައި އަޅުގަނޑުމެން މި ފެށީ އަނެއްކާ ވެސް،" ޝާހިދު ވިދާޅުވި އެވެ.

އެ ކުންފުނިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ތެލުގެ ފުރަތަމަ ޝިޕްމަންޓް އިންޑިއާ އިން ޖަޕާނަށް އެކްސްޕޯޓް ކުރަން ނިންމައިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން މި ނޮވެމްބަރު މަހުގެ 15 އިން 17 އަށް އެސްޓީއޯ ސިންގަޕޫރުން ޖަޕާނަށް ގެންދާ އެ ޝިޕްމަންޓަކީ ތެލުގެ ބާވަތެއް ކަމަށްވާ، "ނަފްތާ" ކެޓަގަރީގެ ތެލެވެ. އެއީ ސާފުނުކުރާ ތެލަށް ވުރެ ކޮލިޓީ މަތީ ކެޓަގަރީގެ ތެލެވެ.

އެ ކުންފުނިން އިންޑިއާގެ ބަހާރަތް ޕެޓްރޯލިއަމް (ޕީބީސީއެލް) އިން 30،000 ޓަނުގެ ތެޔޮ ގަނެފައި ވަނީ، ޓަނެއް 38 ޑޮލަރުގެ މަގުން ކަމަށް އެ ކުންފުންޏާ ހަވާލާދީ ރޮއިޓާޒް އިން ބުނެ އެވެ.

ޝާހިދު ވިދާޅުވީ ތެލުގެ އެ ބީލަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ޖަޕާނުގެ "މަރުބެނިއާ" ކުންފުނިން ކަމަށެވެ. އޭނާ ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މައްސަލަ ބަލަމުން ދިޔަ ނަމަވެސް އެ ކުންފުނިން ކުރާ ވިޔަފާރިއެއްގެ ސަބަބުން އެކަން ބެލުމަށް ހުރަހެއް ނެތް ކަމަށާއި އެ ކުންފުނީގެ ވިޔަފާރިތަކަކީ ދެފުށް ފެންނަ ގޮތަށް ބައިނަލްއަގްވާމީ ވިޔަފާރީގެ މިންގަޑުތަކާ އެއްގޮތަށް ކުރިއަށްދާ ކަންތައްތަކެއް ކަމަށެވެ.

"ޓްރާންސް ޕޭރަންޓްކޮށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މިހުރިހާ ޓްރާންސްސެކްޝަނެއް ވެސް ދާނީ،" ޝާހިދު ވިދާޅުވި އެވެ.

އެސްޓީއޯ ސިންގަޕޫރު އުފެދުނީ 2002 ވަނަ އަހަރު އެވެ. ބަރުމާއިން ކާޑުގެ ބާވަތްތައް އެތެރެ ކުރުމާއި ސިންގަޕޫރުން އެސްޓީއޯ އަށް ބޭނުންވާ ތަފާތު ސާމާނު އެތެރެ ކުރުމުގައި އެ ކުންފުނި އޭރު މެދުވެރިއެއްގެ ދައުރު އަދާކުރި އެވެ.

ޝާހިދު ވިދާޅުވީ ސިންގަޕޫރު އެސްޓީއޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ވެސް އެ ކުންފުނީގެ އެމްޑީކަން ކުރެއްވި އަހުމަދު މުނީޒު ކަމަށެވެ. އަދި ޑެޕިއުޓީ އެމްޑީއަކީ އަބްދުﷲ ޝާއިދު ކަމަށް ވެސް ވިދާޅުވި އެވެ. އަށް ސަތޭކަ މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ގުޅިގެން މުނީޒު ވަނީ ކުރީގެ ސަރުކާރުން އޭނާ ހުންނެވި މަގާމުންވަކި ވެސް ކޮށްފަ އެވެ.

ވަގު ވިޔަފާރި ކަމަށް ތުހުމަތު ކުރާ ވިޔަފާރީގެ މައްސަލަ ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން މިދިޔަ އަހަރުގެ ތެރޭގައި ބަލަން ފެށި ނަމަވެސް މަޖިލީހުގެ ހާޖާނާ ހެދި އެ މަސައްކަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. ނަމަވެސް އަލުން އެ މައްސަލަ ބަލަން ފަށާނެ ކަން އެ ކޮމެޓީން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ. ނަމަވެސް ޔާމީން ވެސް އަދި މައުމޫން ވެސް ތެލުގެ ވަގު ވިޔަފާރި ކުރެއްވި ކަމުގެ ތުހުމަތުތައް ވަނީ ދޮގުކުރައްވައިފަ އެވެ.