20 Oct 2012, 13:27
ގޭންގު ކުއްތަކާއި ގޭންގު ހަރަކާތްތައް ނުހުއްޓުވޭ މައިގަނޑު ސަބަބަކީ "ގޭންގު ކުށުގެ ގާނޫނު" ގައި ގޭންގު މާނަ ކުރެވިފައިވާ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އޭނާގެ އަމިއްލަ ބްލޮގް "އެމް ނަޝީދު ޑޮޓް ކޮމް" ގައި މިއަދު ވިދާޅުވެފައި ވަނީ ގޭންގު ކުށުގެ ގާނޫނަށް ދެ އަހަރުވެފައިވާއިރު މިދިޔަ ދެ އަހަރު ތެރޭގައި މިހާތަނަށް އެ ގާނޫނުގެ ދަށުން ކުރެވުނީ އެންމެ ހަތަރު ދައުވާ ކަމަށާއި އެއީވެސް ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ދައުވާ ކަމަށެވެ. އަދި އެއީ ވެސް އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކުރެވުނު ދައުވާތައް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ އެ ގާނޫނުނުގެ އެހެން މާއްދާތަކުގެ މާ ބޮޑު ބޭނުމެއް ނުކުރެވޭ ކަމަށާއި ހަގީގަތަކީ އެއް ގޮތަކަށްވެސް އެ ގާނޫނުގެ އެހެން މާއްދާތައް ބޭނުން ކުރެވިފައި ނުވާ ކަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މިކަން މިހެން ދިމާ ވުމުގެ މައިގަނޑު ސަބަބެއް ކަމަށް ނުވަތަ އަސާސީ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ ގޭންގު ކުށުގެ ގާނޫނުގައި ގޭންގު މާނަ ކުރެވިފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.
"ޤާނޫނަށް މިވީ ދެއަހަރު ތެރޭގައި، މިހާތަނަށް އެ ޤާނޫނުގެ ދަށުން ކުރެވުނީ އެންމެ 4 ދައުވާއެއް. އެއީވެސް، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ. އެއީ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކުރެވުނު ދައުވާތައް. އެ ޤާނޫނުގެ އެހެން މާއްދާތަކުގެ މާބޮޑު ބޭނުމެއް ކުރެވުނު ތަނެއް ނުފެނުނު. ޙަޤީޤަތަކީ، އެއްގޮތަކަށްވެސް، އެ ޤާނޫނުގެ އެހެން މާއްދާތައް ބޭނުން ނުކުރެވޭކަން. އެންމެބޮޑު، އެންމެ އަސާސީ ސަބަބެއްކަމަށް ވަނީ، އެ ޤާނޫނުގައި ގޭންގު މާނަކުރެވިގެންވާ ގޮތް،" ނަޝީދު ވިދާޅުވި އެވެ.
އެ ގާނޫނުގައި ގޭންގުކަމަށް ބުނެފައިވަނީ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، ޖަމާޢަތެއް ނުވަތަ ގްރޫޕަކުން މައިގަނޑު ހަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްތައް ހިންގާ ޖަމާއަތްތައް ނޫނީ ގްރޫޕުތަކެވެ.
ނަޝީދު ވިދާޅުވީ އެ މާނަކުރުމުގެ ސަބަބުން ކަމާއިބެހޭ ފަރާތްތަކަށް އެ ގާނޫނު ބޭނުން ކުރުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވާ ކަމަށެވެ.
އެގޮތުން ނަޝީދު ފާހަގަކުރެއްވީ ގާނޫނުން ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުން އެގުނު ނަމަވެސް އަދި އެ ގޭންގު ތަކުން ކުރާ ކުށްތައް އާންމުކޮށް އެނގުނު ނަމަވެސް އެ ގާނޫނުގެ ތެރެއިން އެ މީހުންނަކީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމާއި އަދި އެ މީހުން ހިންގާ މައިގަނޑު ހަރަކާތަކީ ޖިނާއި ކުށެއްކަން ސާބިތުކޮށްދިނުމަކީ ފަސޭހަކަމަކަށް ނުވުމެވެ. އަދި ގޭންގު މީހެއްގެ މައްޗަށް ކުށުގެ ދައުވާއެއް ގާނޫނުގެ ދަށުން ކުރެވޭނީ ދައުވާ ކުރެވޭ މީހާ ނިސްބަތްވާ ޖަމާޢަތަކީ ގޭންގެއް ކަމަށް ސާބިތު ކޮށްދިނުމަށް ފަހުގައި ކަމަށްވުމުން ކަމަށްވެސް އެއީ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ކުރާ ކުށަކަށް، ގޭންގު ޤާނޫނުގެ ދަށުން ދަޢުވާއެއް ސާބިތުކުރެވޭނީ، އޭގެ ފަހުގައި ކަމަށާއި އެހެން ނޫނީ، އެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކުށުގެ ދަޢުވާއެއް މީހެއްގެ މައްޗަށް އެ ޤާނޫނުގެ ދަށަކުން ސާބިތެއް ނުކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޤާނޫނު ތަޢާރަފުކުރި އެންމެބޮޑު އެއް މަޤްޞަދަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި، ގޭންގް ތަކަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލަށް ވަކި ޚާއްޞަ އުސޫލެއް ނުވަތަ ވަކި ޚާއްޞަ ވިސްނުމެއް ނެތުމުން، އެކަން ފޫބެއްދުން ކަމަށެވެ. އަދި، ގޭންގުތަކުން ހިންގާ، ގޭންގުތަކާގުޅޭ ބައެއް ކަންކަން އެއީ ކުށްކަމަށް ކަނޑައެޅުމުގެ ގޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން ގޭންގުތަކަށް ސީދާ ފޯކަސްކޮށް، ގޭންގުތައް ރޫޅާލައި، ގޭންގުތަކުގެ މެންބަރުންނަށް ތިބެ ކުށްކުރާ މީހުންނަށް އަދަބު ދެވި، ގޭންގުތަކުން ކުރާ ކުށުގެ ޢަމަލުތައް ހުއްޓުމަކަށް ގެނައުމެވެ.
ގޭންގް ކުށުގެ ގާނޫނު ބުނާގޮތުން ގޭންގު އުފެއްދުމާއި، ގޭންގު ހިންގުމާއި، ގޭންގެއްގެ މެންބަރަކަށްވުމާއި، ގޭންގެއްގެ މީހެއްގޮތުގައި ދެއްކުމާއި، ގޭންގެއްގެ ލީޑަރަކަށްވުމަކީ، ކުށެކެވެ. އަދި ގޭންގްތަކަށް މީހުން ވެއްދުމާއި ގޭންގުތަކަށް ފައިސާގެ އެހީ ފޯރުކޮށް ދިނުމާއި ގޭންގުތަކުން ސަރަޙައްދު ކަނޑައެޅުމާއި، ގޭންގުތަކަށް ނިސްބަތްވާ ނިޝާން ކުރެހުމާއި ބެހެއްޓުމާއި ދެއްކުމާއި އެކަމަށް ހަރަދު ކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި ހަމައެހެންމެ ގޭންގުތަކުން ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭނެކަމަށް ބުނާ އުސޫލުތައްވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ގޭންގުގެ ބޭނުމަށް، ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމާއި އެތެރެކުރުމަކީވެސް، ކުށެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ނަޝީދު ވިދާޅުވީ ގޭންގު ކުށުގެ ގާނޫނުގައި ގޭންގު ކުއްތަކާއި ގޭންގު ހަރަކާތްތައް ހުއްޓުވޭނެ ގޮތް މިހާ ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށްފައިިވީ ނަމަވެސް އެ ގާނޫނު އުފަންކުރަން ދެކެވުނު ވާހަކަ ތަކާއި އެ ގާނޫނުން ހާސިލްކުރެވޭނެ ކަމަށް އުންމީދު ކުރި ނަތީޖާއަށް ބަލާއިރު އެ ގާނޫނުން ހާސިލްކުރެވުނު ނަތީޖާ ކުޑަކަމަށެވެ.
"އެ ގާނޫނުން ހާސިލްކުރެވުނު ނަތީޖާ ގާތްގަނޑަކަށް ސުމެއް،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އެހެންކަމުން، ނަޝީދުގެ ލިޔުމުގައި އޭނާ އެ ގާނޫނު ސިފަކުރެއްވީ ވާތްގެއްނެތް ބޭކާރު އެއްޗެއްގެ ގޮތުގަ އެވެ.