މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެެއް ތަންފީޒު ކުރަމުން ދިޔަ މީހެއްގެ މައްޗަށް ރިހެބިލިޓޭޝަން ފަރުވާގައި ބައިވެރިވުމަށް ޑްރަގް ކޯޓުން އަމުރުކޮށްފި އެވެ.

މ. މެދުރިިޔާ ޖައުފަރު މުހައްމަދުގެ މައްޗަށް ރިހެބިލިޓޭޝަން ފަރުވާގައި ބައިވެރިވުމަށް ޑްރަގް ކޯޓުން ބުދަ ދުވަހު އަމުރުކޮށްފައި ވަނީ އޭނާ މާފުށީ ޖަލުގައި ތަންފީޒު ކުރަމުން ދިޔަ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކުރުމަށް ފަހު އެވެ.

ޖައުފަރުގެ މައްޗަށް ޑްރަގް ކޯޓުން ކުރި އަމުރުގައި ބުނަނީީ އެ ކޯޓުގެ ފަރުވާގެ ޕްރޮގްރާމްގައި އޭނާ ބައިވެރިކޮށްދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން އެ ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ކޯޓަށް އޭނާ ހާޒިރުކޮށް ބޭއްވި "އިބްތިދާއީ ބައްދަލުވުމުގައި" ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރަން ބޭނުންވާ ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ޑްރަގް ކޯޓުގެ ހުކުމްގައިވެ އެވެ.

ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޖައުފަރުގެ މައްޗަށް އަމުރު ކުރި އިރު އިތުރު ފަސް ކަމަކަށް އޭނާގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރިހެބިލިޓޭޝަން އަމުރުގެ މުއްދަތުގައި އެއްވެސް ކުށެއް ނުކުރުމަށާއި ޑްރަގް ކޯޓާއި ފަރުވާދޭ މަރުކަޒުން ކުރާ އަމުރުތަކަށް ތަބާވުމަށް ވެސް އޭނާގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އަދި އެ ކޯޓަށް ހާޒިރުވުމަށް އަންގާ ދުވަސްތަކުގައި ގަވާއިދުން ކޯޓަށް ހާޒިރުވުމަށާއި ދިރިއުޅޭ ތަނާއި ވަޒީފާ އަދާކުރާ ތަން ބަދަލުވެެއްޖެ ނަމަ ތިން ދުވަހުގެ ތެރޭގައި އެކަން ފަރުވާ ލިބިގަތުމަށް ރަޖިސްޓްރީކޮށްފައިވާ މަރުކަޒަކަށް އެންގުމަށް ވެސް އޭނާގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

މީގެ އިތުރުން ޑްރަގް ކޯޓުގެ އަމުރެއް ލިޔުމަކުން ލިބިގެން ނޫނީ ފަރުވާދޭ މަރުކަޒު ހުރި ރަށުން ފުރައިގެން ނުދިޔުމަށް އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ޖައުފަރު ފުރިހަމަކުރަން ޖެހޭ ފަރުވާގެ ޕްރޮގްރާމްގެ ތަފްސީލު ވެސް ޑްރަގް ކޯޓުން ވަނީ ބުދަ ދުވަހު އާންމުކޮށްފަ އެވެ.

ފަރުވާގެ ޕްރޮގްރާމްގައިވާ ގޮތުން ހަތް މަރުހަލާއެއް އޭނާ ފުރިހަމަ ކުރަން ޖެހެ އެވެ. ފުރަތަމަ މަރުހަލާގައި ދެ ހަފްތާގެ ގްރުއާން ކުލާސް ފުރިހަމަކުރަން ޖެހޭ އިރު ކޮންމެ މަރުހަލާއެއްގައި ވެސް މަދުވެގެން އެއްފަހަރު ކުޑަކަމުދާ ތަކެތި ޓެސްޓް ކުރަންޖެހެ އެވެ. އަދި ފުރަތަމަ މަރުހަލާގައި އޭނާ އަށް އަމާޒުކޮށްގެން ހިންގާ ސެމިނާ އަދި ވޯކްޝޮޕްތަކުގައި ވެސް ބައިވެރިވުން ވަނީ ލާޒިމް ކޮށްފަ އެވެ.

އެއްމަރުހަލާ އިން އަނެއް މަރުހަލާއަށް ބަދަލު ވެވޭނީ އެ މަރުހަލާއެއްގައި ފުރިހަމަ ކުރުމަށް ލާޒިމް ހުރިހާ ކަމެއް ފުރިހަމަކޮށް އަދި މަސްތުވާތަކެއްޗަށް ނެގެޓިވް ވުމުން ކަމަށް ވެސް އޭނާ ފުރިހަމަ ކުރަން ޖެހޭ ފަރުވާގެ ޕްރޮގްރާމްގައިވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ޑްރަގް ކޯޓުން ކުރާ އަމުރަކާ ގުޅިގެން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް ނިންމައިފި މީހަކާ މެދު ދެން އަމަލު ކުރަން ޖެހޭ ގޮތެއް ވެސް ކަނޑައަޅާނީ ޑްރަގް ކޯޓުން ނެވެ.