ޓޫރިޒަމް ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރެއްގައިދޭ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަން އެވޯޑާ އެކު ރާއްޖެ އަށް ރަން އެވޯޑްތަކެއް ލިބިއްޖެ އެވެ.

ސިންގަޕޫރުގެ އިންޓަކޮންޓިނެންޓަލް ހޮޓެލްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ ވަނީ އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަން އެވޯޑާއި އިންޑިއާ ކަނޑުގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑުގެ އިތުރުން އިންޑިއާ ކަނޑުގެ ލީޑިން ކްރޫސް ޑެސްޓިނޭޝަން އެވޯޑް ހޯދައިފަ އެވެ. އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓްގެ އެވޯޑް ވެސް ލިބިފަ އެވެ.

ދަތުރުފަތުރުކުރުމުގެ އިންޑަސްޓްރީގައިދޭ "އޮސްކާ" އެވޯޑްގެ ގޮތުގައި މަޝްހޫރުވެފައިވާ ވޯލްޑް ޓްރަވެލް އެވޯޑްސްގެ ރަން ވަނަތަކެއް މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އަށް ލިބިފައިވާ އިރު މިފަހަރުގެ އެވޯޑްތަކުގެ ތެރެއިން އިންޑިއާ ކަނޑުގެ ލީޑިން ނިއު ހޮޓެލްގެ އެވޯޑް ލިބިފައި ވަނީ އަނަންތަރާ ކިހާވައް ވިލާ އަށެވެ. އަދި އިންޑިއާ ކަނޑުގެ ލީޑިން ބުޓީކް ހޮޓެލްގެ އެވޯޑު އައިލެންޑް ހައިޑަވޭ، ދޮނަކުޅި ސްޕާ ރިސޯޓް އެންޑް މެރީނާ ހޯދާފައިވާ އިރު އިންޑިއާ ކަނޑުގެ ލީޑިން ފެމެލީ ރިސޯޓްގެ އެވޯޑު ލިބިފައި ވަނީ ލިލީ ބީޗް ރިސޯޓަށެވެ. އަދި އިންޑީއާ ކަނޑުގެ ލީޑިން ގްރީން ރިސޯޓް އެވޯޑު ސަން އައިލެންޑް ރިސޯޓަށް ލިބިފައިވާ އިރު އިންޑިއާ ކަނޑުގެ ލީޑިން ހޮޓެލްގެ އެވޯޑް ލަކްސް މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ.

އަދި ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖޭގެ ލީޑިން ލައިފް ސްޓައިލް އެވޯޑު ތުނޑުފުށި ބީޗް އެންޑް ވޯޓާ ވިލާ އަށް ލިބިފައިވާ އިރު ރާއްޖޭގެ ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓާގެ އެވޯޑު ހޯދާފައި ވަނީ އެޓޯލް ޕެރަޑައިސް އިން އެވެ. އަދި ރާއްޖޭގެ ލީޑިން ރިސޯޓް އެވޯޑް ކޮންރެޑް މޯލްޑިވްސް ރަންގަލި އަށް ލިބުނު އިރު ރާއްޖޭގެ ލީޑިން ސްޕާ ރިސޯޓް އެވޯޑު ލިބިފައި ވަނީ އަނަންތަރާ ރިސޯޓް އަށެވެ. ރާއްޖޭގެ ލީޑިން ވިލާގެ އެވޯޑު އަދާރަން ޕްރެސްޓީޖް ވޯޓާ ވިލާ އަށް ލިބިފައިވާ އިރު ރާއްޖޭގެ ލީޑިން ވޯޓާ ވިލާސް އެވޯޑު ވަނީ ބަރޮސް މޯލްޑިވްސް އަށް ލިބިފަ އެވެ.

އަދި ރާއްޖެ ހޯދާފައިވާ ރަން ވަނަތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިން ޕީއާރްސީ (އެމްއެމްޕީއާރުސީ) އަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު ލިބިފަ އެވެ. އަދި އިންޑިއާ ކަނޑުގެ ލީޑިން ޓްރެވަލް އެޖެންސީގެ އެވޯޑް ރާއްޖޭގެ އެޓޯލް ޕެރަޑައިސް އަށް ލިބިފައިވާ އިރު އިންޑިއަން އޯޝަން ލީޑިން ވިލާގެ އެވޯޑު ބަރޮސް މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ. އަދި އިންޑިއަން އޯޝަން ލީޑިން ވޯޓާ ވިލާ ގްރޫޕް އެވޯޑު ލިބިފައި ވަނީ އަދާރަން ޕްރެސްޓީޖް ރިސޯޓްސްއަށެވެ.

ވޯލްޑް ޓުރެވަލް އެ ވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ. މިއީ މިއެވޯޑް ދިން 19 ވަނަ ފަހަރެވެ.