20 Oct 2012, 10:45
ބ. ދަރަވަންދޫ އިންޖީނުގޭގެ އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތަކާއި އެކު އެ ރަށުން އިރުއިރުކޮޅުން ކަރަންޓް ކެނޑޭ މައްސަލާގައި ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންދާކަމަށް އެރަށު ކައުންސިލްއިން ބުނެފި އެވެ.
ދާދިފަހުން އެއާޕޯޓެއް ހުޅުވާފައިވާ އަދި އާބާދީގައި 1040 މީހުން ދިރިއުޅޭ ދަރަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަކީ އެރަށުގެ ރައްޔިތުނަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެކަން ހައްލުކުރުމަށް އެތަށްފަހަރަކު އެ ރަށުގެ އިންޖީނުގޭ ހިންގުމާ ހަވާލުވެފައިވާ ނޯދަން ޔޫޓިލިޓީޒް ލިމިޓެޑްއާ ތަކުރާރުކޮށް މައްޝަވަރާކޮށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
"ރައްޔިތުން ޖަނަރޭޓަރުތަށް ޔޫޓިލިޓީޒްއާ ހަވާލުކުރިއިރު އިންޖީނުތަކަށް އެއްވެސް މައްސަލައެއް ދިމައެއްނުވޭ އޭރުގައި ކަރަންޓް ކެނޑުމުގެ މައްސަލައަކީ ދިމާވާ މައްސަލައެއް ނޫން، ނަމަވެސް ޔޫޓިލިޓީޒްއިން ހަވާލުވިފަހުން އެއްވެސް ވަރެއްގެ މަރާމާތެއް ނުކުރެވިގެން ހަގީގަތުގައި މިމައްސަލަތަށް ދިމާވެފައިމިވަނީ،" ރަޝީދު ވިދާޅުވި އެވެ.
ދަރަވަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާ ގުޅިގެން އެރަށުން 10 މިނެޓުން 10 މިނެޓުން ކަރަންޓް ކެނޑެ އެވެ. އަދި މެންދުރު ވަގުތުގަޔާއި ރޭގަނޑު ވަގުތުގައިވެސް ކަރަންޓްގެ ހިދުމަތް ނުލިބި ގިނަ ވަގުތުތަކެއްގައި މެދުކެނޑޭތީ އެރަށުގެ ރައްޔިތުން އެމީހުންގެ ކުޑަ ކުދިންނާ އެކު ގިނަ ވަގުތު ހޭދަކުރަނީ މަގުމަތީގަ އެވެ.
"އަޅުގަނޑުމެނަށް ދިމާވެފައިވަނީ ބޮޑު ދައްޗެއް، އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ އަޅުގަނޑުމެން ގެންގުޅޭ އެތަށް ބައިވަރު އިލެކްޓޯނިކްސް އެޗިއްސެއްވެސް ވަނީ ހަލާކުވެފައި، ދެން ކަރަންޓާއި ނުލާ ނޫޅެވޭ މިޒަމާނުގައި އަޅުގަނޑުމެންގެ ޅަ ދަރިން ގޮވައިގެން މިއުޅެން ޖެހެނީ މަގުމަތީގައި،" ދަރަވަންދޫއިން ވާހަކަދެއްވި މެދު އުމުރުފުރައިގެ ހުސެއިން ހަސަން ބުންޏެވެ.
ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު އަދި ވިދާޅުވީ އެރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދަނީ 100 ކިލޯވޯޓުގެ އިންޖީނަކާއި 120 ކިލޯވޯޓްގެ އިންޖީނެއްގެ އިތުރުން 125 ކިލޯވޯޓުގެ އިންޖީނެއް ކަމަށާއި އެތިން އިންޖީނުން ވެސް ރައްޔިތުން ޔޫޓީލިޓީޒްއާ ހަވާލުކުރިއިރު ރަނގަޅަށް ބޭނުންކުރެވޭ ކަމަށާއި ނަމަވެސް އޯވަހޯލް ނުކޮށް ގިނަ ދުވަސްތަކެއް ވުމުން އެ އިންޖީނުތަކަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
ދަރަވަންދޫއިން ކަރަންޓް ކެނޑުމަށް ދިމާވާ މައްސަލައަކީ ސިޔާސީ ވަކި ފިކުރެއްގައި ރައްޔިތުނަށް ޖެއްސުންކުރުމުގެ ގެގޮތުން ކުރާކަމެއް ކަމަށް އެރަށުގެ ގިނަ ރައްޔިތުން ތުހުމަތުކުރާއިރު ޑިއާރްޕީގެ އަގުލަބިއްޔަތު އޮންނަ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އެމައްސަލަ ދިމާވަނީ އިންޖީނުތައް ބާވެ ޔޫޓިލިޓީޒްއިން މަރާމާތު ނުކުރާތީ ކަމަށެވެ.
ދަރަވަންދޫއަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލާގައި ނޯދަން ޔޫޓިލިޓީޒް ލިމިޓެޑްގެ ބ.އަތޮޅު އޮޕަރޭޝަންގެ އެސިސްޓެންޓް މެނޭޖާ އަހުމަދު އަންވަރު ވިދާޅުވީ ދަރަންދޫއިން ކަރަންޓް ކެނޑުމަށް ދިމާވެފައިވާ މައްސަލައަކީ އެރަށުގެ އިންޖީނުތަކަށް ދިމާވެފައިމާ ބޮޑެތި މައްސަލަތަކެއްގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް އެއިންޖީނުގޭ މެއިންޓެނިންސްގެ ބޮޑެތި މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލަތަށް ހައްލުކުރެވޭނެ ވަކި ދުވަހެއް އަންވަރު ވިދާޅުނުވާއިރު އޭނާ ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.
ދޭތެރެދޭތެރެއިން ކަރަންޓްދާ މައްސަލަ އާއި ކަރަންޓްގެ ހިދުމަތް ގިނަ ވަގުތުތަކަކަށް ނުލިބޭ މައްސަލައަކީ ރާއްޖޭގެ ގިނަ ރައްރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ބައެއް ރަށްރަށުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭއިރު އަނެއް ބައި ރަށްރަށުގައި އެތަށް ހަފްތާއެއް ކަރަންޓް ނެތި ހޭދަކުރަންޖެހެ އެވެ.