އެގާރަ ޕޮއިންޓާ އެކު ސްޕެނިސް ލީގުގެ ފަސް ވަނާގައި ރެއާލް މެޑްރިޑް އޮތް ނަމަވެސް ލީގު ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބޮތް ކަމަށް ވާދަވެރި ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު އިނިއެސްޓާ ބުނެފި އެވެ.

އިނިއެސްޓާ ބުނީ، ހުސްވި އަހަރުގެ ޗެމްޕިއަން ރެއާލް ލީގުގެ ފަސް ވަނާގައި އޮތު މުން، އެޓީމަށް ލީގު ހޯދުމުގެ ފުރުޞަތު ގެއްލިގެން ހިނގައިދާނެ ކަމަށް ހީކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ލީގުގައި ވާދަކުރާ ހުރިހާ ޓީމަކީ ވެސް އާދަޔާ ހިލާފް މޮޅެތި ޓީމްތައް ކަމަށެވެ.

"ސްޕެނިޝް ލަލީގާ ހޯދުމުގެ ފުރުސަތު އަދި އެއްވެސް ޓީމަކަށް ނުގެއްލެ. ލީގުގައި ވާދަކުރާ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމްތައް. ބާސާ ލީގުގެ އެއްވަނާގައި އޮތީ ހިތް ހަމަޖެހިގެނެއް ނޫން. ބާސާ އަށް ވެސް އަދީ ބާކީ ގިނަ މެޗްތަކެއް އެބަހުރި. އެމެޗްތަކަކީ ވާދަވެރި ވަރުގަދަ މެޗްތަކެއް." އިނިއެސްޓާ ބުންޏެވެ.

އޭނާ ބުނީ ސީޒަން ފެށިގެން މާގިނަ ދުވަސްތަކެއް ވެފައިނުވާކަމަށާއި ލީގުގައި ބާސެލޯނާއާއި ވާދަވެރި ރެއާލް މެޑްރިޑާއި ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް އެއީ އަދި ރެއާލް މެޑްރިޑަށް ލީގު ހޯދުމަށް އޮތް ފުރުސަތު ހަނިވުން ނޫން ކަމަށާއި ލީގުގައި އަދި ކުޅެން ގިނަ މެޗްތަކެއް ހުރުމާ އެކު އެކަމަކީ ބަދަލުވެގެން ހިނގައިދާނެކަމެއް ކަމަށެވެ.

ލީގުގެ އެއްވަނާގައި ބާސާ އޮތީ އެޓީމް ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާ އެކު އެވެ. ރެއާލް ލީގުގެ ފަސް ވަނާގައި އޮތީ އެޓީމް ކުޅުނު ހަތް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ.

އުމުރުން 28 އަހަރުގެ ބާސާގެ މިޑްފީލްޑަރު އިނިއެސްޓާ އަކީ 2008 ވަަނަ އަހަރު ސްޕޭން ޔޫރޯ ހޯދި ޓީމުގައި ކުޅުނު ކުޅުންތެރިއެއްގެ އިތުރުން އެންމެ ފަހުގެ ވޯލްޑް ކަޕް ސްޕޭނަށް ކާމިޔާބުކޮށްދިނުމަށް ފައިނަލްގައި ހޮލެންޑް ކޮޅަށް ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ބާސެލޯނާގެ މިޑްފީލްޑަރު ވަނީ މިހާތަނަށް ގައުމީ ޓީމަށް 71 މެޗު ކުޅެ 10 ގޯލު ޖަހާފަ އެވެ.