ލ. ގަމާއި ފޮނަދުއާ ދެމެދު ހަނދާ 16 ކިލޯ މީޓަރުގެ މަގު ހެދުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ.

އެ އެގްރިމަންޓްގެ ދަށުން ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީޒް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނު އެވެ.
ސޮއި ކުރި އެގްރިމަންޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓާ، ޑރ. މުހަންމަދު މުއިއްޒު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީޒްގެ މަސައްކަތް ޗައިނާގެ އެކްސްޕާޓުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ އެ ޕްރޮޖެކްޓްގެ ދަށުން ގަމާއި ފޮނަދުއާ ދެމެދު އޮންނަ 16 ކިލޯ މީޓަރުގެ މަގު ތާރު އަޅައި ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ހިނގާނެ ފައިސާގެ އަދަދާއި މުއްދަތެއް އެނގޭނީ ފީސިބިލިޓީ ސްޓަޑީޒް ނިމުމުން ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ހަރަދެއް ޗައިނާގެ ސަރުކާރުން ކޮށްދޭނީ، ފީސިބިލިޓީ ސްޓަޑީޒް ނިމުނީމައި މަސައްކަތް ފެށޭނެ،" މިނިސްޓާ ވިދާޅުވި އެވެ.

މަގު ހެދުމުގެ ސަބަބުން ލ. އަތޮޅުގެ ތަރައްގީއަށް އިތުރު ކުރިއެރުމެއް ލިބި އިތުރު ސިނާއީ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ކެޕިޓަލް އިންވެސްޓްމަންޓެއް. މިކަމުން ލ. އަތޮޅުގެ ތަރައްގީއަށް ކުރިއެރުން ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.