ބްރެޒިލްގައި އަންނަ އަހަރު ބާއްވާ ފީފާ ކޮންފެޑަރޭޝަންސްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ޖުމްލަ ހަ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ރާވާފައިވާ ތާވަލާއި އެއްގޮތަށް ނޫންކަމަށް ފީފާގެ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ވަލްކޭ ވިދާޅުވެއްޖެ އެވެ.

މުބާރާތުގެ މެޗްތައް ކުޅުމަށް ތައްޔާރު ކުރަމުން އަންނަ ސްޓޭޑިއަމްތަކުގެ މަސައްކަތް ނިމިފައި ހުރީ ކިހާ ބާރު މިނެއްގަތޯ ބެލުމަށް ބްރެޒިލްއަށް ކުރަމުންދާ ދަތުރުގައި ޖެރޯމް ވަލްކޭ ވިދާޅުވެފައި ވަނީ މިއަހަރުގެ އޭޕްރީލް މަހަށް ނިންމަންޖެހޭ ހަ ސްޓޭޑިއަމްގެ ތެރެއިން މިހާރު ވެސް ފަސް ސްޓޭޑިއަމްއެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެހެން ނަމަވެސް ނިމިފައިވާ ފަސް ސްޓޭޑިއަމްގައި ވެސް ނިންމަންޖެހޭ ކުދިކުދި މަސައްކަތްތައް އެބަހުރި ކަމެވެ.

ބްރެޒިލްގެ ހަ ސްޓޭޑިއަމްއެއްގައި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެގައުމުގެ ރެސިފޭ ސިޓީގައި ހަދަމުންދާ ސްޓޭޑިއަމްގެ މަސައްކަތް ކުރިން ތައްޔާރުކޮށްފައިވާ ތާވަލާއި އެއްގޮތަށް ނުދާކަމަށް ވެސް ޖެރޯމް ވަލްކޭ ވަނީ ބުނެފަ އެވެ.

ނަމަވެސް ބްރެޒިލްގެ ކުޅިވަރާއި ބެހޭ ވަޒީރު އަލްޑޯ ރެބޭލޯ ވިދާޅުވެފައިވަނީ ރެސިފޭގައި ހަދަމުންދާ ސްޓޭޑިއަމް ކަނޑައެޅިފައިވާ ތާރީހަށް ނިންމޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އެސްޓޭޑިއަމްތަކުގެ މަސައްކަތްތައް ނިންމާލުމުގައި ބްރެޒިލްގެ ސަރުކާރުން ވެސް އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުން ކަމަށް އަލްޑޯ ވިދާޅުވި އެވެ.

މިއަހަރުގެ އޭޕްރީލް މަހު މުޅިން ނިންމާލެވޭނެ ކަމަށް ކުރިން ފީފާ އިން ބުނި ނަމަވެސް، އެ ހަ ސްޓޭޑިއަމްގެ މަސައްކަތްތައް ނުނިމި ލަސްވަމުން ގޮސްފައި ވަނީ ސްޓޭޑިއަމް ހެދުމަށް ބޭނުންވާ ބައެއް ސާމާނު ނުލިބިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބްރެޒިލްގައި އޮންނަ ފީފާ ކޮންފެޑަރޭޝަންސްކަޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބްރެޒީލިއާގެ މަނޭގަރިންޗާ ސްޓޭޑިއަމްގައި އޮންނައިރު މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގަ އެވެ.

މުބާރާތުގެ މެޗްތަކުގެ ޓިކެޓް ވިއްކުމަށް ފީފާ އިން ނިންމާފައި ވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ކުރީ ކޮޅެވެ.
ފިފާ ކޮންފެޑަރޭޝަންސް ކަޕަށް ބްރެޒިލްގައި ހަދާ ބައެއް ސްޓޭޑިއަމް ތަކަކީ 2014 ވަނަ އަހަރު އެ ގައުމުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ބޭނުން ކުރާނެ ސްޓޭޑިއަމްތަކެއް ކަމަށް މީޑިއާ ރިޕޯޓް ތަކުންބުނެ އެވެ.