ދިވެހި ސަރުކާރުގެ ދައުވަތަކަށް، ޗައިނާގެ އިސްލީޑަރެއް ކަމަށްވާ ލީޗޭންޗުން ރާއްޖެ އަށް ވަޑައިގެންފި އެވެ.

ލީ ޗޭންޗުން ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިއްޔެ ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ލިއުމުން ދެއްވި ކުރު ސްޕީޗުގައި ލީ ވިދާޅުވީ ރާއްޖެ އާއި ޗައިނާ ދެމެދު ސިޔާސީ ގުޅުން ގާއިމުވިތާ 40 އަހަރުވެފައިވާ ކަމަށާއި ރާއްޖެ އަކީ ޗައިނާ އަށް ވަރަށް މުހިންމު ގައުމެއް ކަމަށާއި އަދި ރާއްޖެ އާއި ޗައިނާގެ ބަދަހި ގުޅުމަށް އިޝާރާތް ކުރައްވައި ލީ ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ ދެމެދުގައި އޮތް ނަމޫނާ ގުޅުމެއް ކަމަށެވެ.

ލީގެ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައި އަދި ދެ ގައުމުން ކަންބޮޑުވާ ކަންކަމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާނެ ކަމަށް ޗައިނާގެ "ޒިންހުއާ ނިއުސް" ބުންޏެވެ.

ލީގެ ދަތުރުފުޅުގެ ދެ ވަނަ މަންޒިލަކީ ރާއްޖެ އެވެ. ލީ ރާއްޖެ ވަޑައިގަތީ ޕާކިސްތާނަށް ވަޑައިގަތުމަށް ފަހު އެވެ. ދެ ވަޑައިގަންނަވާނީ ސްރީލަންކާ އަށެވެ.