ޖަޕާނު ސަރުކާރުގެ ކުންފުންޏަކުން ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ އަށް ދީފައިވާ 2.2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަށް، އޭރު މީޓިއޮރޮލޮޖީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިރެކްޓަރު ޖެނެރަލް އަބްދުﷲ އަލްގީން ހިޔާނާތްވެފައިވާ ކަމަށް ބުނެ ފަށާފައިވާ ޝަރީއަތުގައި އަނެއްކާ ވެސް މީޓީއޮރޮލޮޖީގެ އިސް ވެރިޔަކު ހެކިބަސް ދެއްވައިފި އެވެ.


މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ ސ. ހިތަދޫ ނިކަގަސްދޮށުގޭ އަލީ ޝަރީފެވެ. އޭނާއަކީ މިޓީއޮރޮލޮޖީގައި މިހާރު ވެސް އިސްކޮށް މަސައްކަތްކުރައްވާ އެ ޑިޕާޓްމަންޓްގެ ވެރިއެކެވެ.


ޝަރީފު މިއަދު ކޯޓުގައި ވިދާޅުވީ ޖެމްސްޓެކުން އެއްބަސްވުމެއް ހެދީ މިޓިއޮރޮލޮޖީއާއެކުގައި ކަމަށާއި މި ޕްރޮޖެކްޓަށް ސަރުކާރުން ހަރަދުކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އަލްގީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ ޖަޕާނު މީހުން އެ ފައިސާ ބޭނުން ކުރުމުގެ ފަސޭހައަކަށް ކަމަށް ލަފާ ކުރެއްވޭ ކަމަށާއި އެމީހުން ރާއްޖޭގައި ރޭވި ޕްރޮޖެކްޓްގައި ކުރަން ބޭނުންވި ހުރިހާ ކަމެއް އެ ފައިސާ އިން ކޮށްފައިވާ ކަމަށެވެ.


އަލީ ޝަރީފުގެ ހެކިބަސް ހޯއްދެވުމަށް ފަހު އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ.


މި ޝަރީއަތަކީ 2006 އަދި 2007 ވަނަ އަހަރު ރާއްޖޭގައި މޫސުމާ ބެހޭ ތަހުލީލުތަކެއް ހިންގުމަށް ޖަޕާނުގެ ޖެމްސްޓެކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކި ފަހަރު މަތިން ޖެމްސްޓެކުން ދިން 177،460 ޑޮލަރު (2،280،361ދިވެހި ރުފިޔާ) އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެފައިސާ އަށް ހިޔާނާތްވެފައިވާ ކަމަށް ބުނާ  މައްސަލައިގެ ޝަރީއަތެކެވެ.


ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ހިޔާނާތްތެރިވުމުގެ ކުށުގައި މީހަކަށް އަދަބު ކަނޑައަޅާ ނަމަ އެކަން ކުރި ފުރަތަމަ ފަހަރު ނަމަ ހަމަހާއި އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލެވިދާނެ ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގައި ބުނެފައި ވަނީ ހިޔާނާތްތެރިވި މުދަލުގެ އަގު 10،000ރ. އިން ފެށިގެން މަތިވާ ނަމަ ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރާ މުއްދަތަށް ކޮންމެ 1000ރ. އަކަށް އެއް މަސް ދުވަސް އިތުރުވާނެ ކަމަށެވެ.  ގާނޫނުލް އުގޫބާތުގެ 143 ވަނަ މާއްދާގައި ބުނަނީ ސަރުކާރުގެ މުދަލަކުން ހިޔާނާތްތެރިވެއްޖެ ނަމަ އެ މީހެއްގެ އުގޫބާތަކީ ގާނޫނުލްއުގޫބާތުގެ 131ވަނަ މާއްދާ އާއި 132ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް ދެ އަހަރާ ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލަން ނުވަތަ ޖަލަށް ލެވިދާނެ ކަމަށެވެ.