އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގިނަ ބާރުތަކެއް ލިބިދޭ ބިލެއް އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

ދައުލަތުގެ މުއައްސަސާއަކުން ކުރަމުންދާ މަސައްކަތެއް ހުއްޓާލުމަށް އޭސީސީ އިން އަންގާ އެއްގުމަކަށް އަމަލު ކުރުމުގެ "އިހްތިމާލް ވުޖޫދުގައި ނުވާ" ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވައިވަނިކޮށް، އެ ކޮމިޝަނަށް ގިނަ ބާރުތަކެއް ލިބޭ ބިލެއް ހައްދަވައި ދެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ އެ ބިލަކީ ގާނޫނީ ގޮތުން އޭސީސީ އަށް ހުރި ހުސްރަސްތައް ނައްތާލަދޭނެ ބިލެއް ކަމަށާއި ބިލުގެ މަސައްކަތް ނިންމައި އަންނަ ހަފްތާތެރޭގައި މަޖިލީހަށް އެ ބިލު ވައްދާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެ ބިލާ ބެހޭ ގޮތުން ކޮމެޓީގައި މަޝްވަރާކޮށްފަ އެވެ. ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އެ ބިލަކީ އޭސީސީގެ ހިންގުމަށް ވަރަށް މުހިއްމު ބިލެއް ކަމަށާއި އެ ބިލް ހުށަހަޅާތާ އެއް މަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ފާސްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސީހު ހުށަހެޅުއްވީ އަންނަ ނޮވެމްބަރު މަހުގެ 30ގެ ކުރިން އެ ބިލް މަޖިލީހުން ފާސްކޮށް ނިންމުމަށެވެ. އަދި އެ ބިލު އަވަހަށް ފާސްކޮށްދިނުމަށް މާލިއްޔަތު ކޮމެޓިން އެ ބިލު ދިރާސާ ކުރާ ކޮމެޓީއަކަށް އެންގުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ ހުއްޓުވުމަށް ހައި ކޯޓުން ކުރި އަމަލު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާއަކުން ކުރާ އެފަދަ ކަމެއް ހުއްޓުވުމަށް އެންގުމުގެ ހައްގު އޭސީސީ އަށް ލިބިދޭ ގާނޫނީ ގާއިދާއެއް ނެތް ކަމަށެވެ.