20 Oct 2012, 09:31
މަސްތުވާ ބޭހެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަސްތުވާ ބޭހެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ނ. ވެލިދޫ އިހާޒު، އިސްހާގް އަބްދުﷲ ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ އޯގަސްޓް 22، 2010 ދުވަހުގެ ރޭ 8:10 އެހާކަންހާއިރު ވެލިދޫ ބަނދަރު ސަރަހައްދުގައި ހުންނަ ސްޓޭޖް ކޮޓަރި ކައިރީގައި އިސްހާގު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް އޭނާ ހައްޔަރު ކުރި ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އިސްހާގު ހައްޔަރު ކުރި ވަގުތު ޖީބުން ސިނގިރޭޓް ފޮއްޓެއް ނަގައި އޭނާ ބިންމައްޗަށް ވައްޓާލި މަންޒަރު ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ޕޮލިސް ލާންސް ކޯޕްރަލް ހުސެއިން އަޝްރާހު އާއި ލާންސް ކޯޕްރަލް މުހައްމަދު ޝިފާއު އަށް ފެނިފައިވާކަމަށް އެ މީހުން ޝަރީއަތުގައި ބުނެފައިވާކަމަށެވެ. އަދި އެ ސިނގިރެޓް ފޮށި އޭނާގެ ހާޒިރުގައި ނަގައި ބެލި އިރު އޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 14 ރަބަރު ޕެކެޓް އޮތްކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
އެ 14 ރަބަރު ޕެކެޓްގައިވާ ތަކެތި ތަހުލީލު ކުރި އިރު އޭގައި ވަނީ 7.4862 ގްރާމް ޒެނެކްސް ކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ އިރު އެ ރިޕޯޓަކީ ސައްޚަ ރިޕޯޓެއް ކަމަށް އެ ރިޕޯޓު ތައްޔާރު ކުރި ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ބުނަނީ އެފަދަ ބޭހެއް ޑޮކްޓަރަކު އާންމުކޮށް ލިޔެދޭ މިންވަރަކީ 0.0225 ގްރާމް ކަމަށާއި އޭނާގެ އަތުގައި އެ ބޭސް ހުރީ އެ މިންވަރަށް ވުރެ އިތުރަށް ކަމަށެވެ. އަދި އެ މިންވަރަށް ވުރެ އިތުރަށް ހުރެއްޖެނަމަ ބެލެވޭނީ އެއީ ވިޔަފާރި ކުރުމަށް އެތަކެތި އަތުގައި ބެހެއްޓުން ކަމަށް މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.