20 Oct 2012, 09:26
ބައިރޫތު (އޮކްޓޯބަރ 20): ލުބްނާނުގެ ވެރިރަށް ބައިރޫތުގައި އިރުމަތީ ފަޅީގައި ގޮއްވާލި ބާރުގަދަ ބޮމުގެ ޓެރަރިސްޓް ޙަމަލާގައި އެ ޤައުމުގެ އެެތެރޭގެ އަމްނާ ބެހޭ އިދާރާގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ބްރިގޭޑިޔާ ވިސާމް އަލްޙަސަން އަވަހާރަވެފައިވާކަން އެޤައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފި އެވެ.
ލުބްނާނުގެ އަމްނާ ބެހޭ ދާއިރާތަކުން ބުނީ ބައިރޫތުގައި އިރުމަތީ ފަޅީގެ އަލްއަޝްރަފިއްޔާ އަވަށުގައި ގޮއްވާލި މިބޮމުގެ އަމާޒަކީ ބްރިގޭޑިޔާ ވިސާމް އަލްޙަސަން ކަމުގަ އެވެ. ބޮމުގެ މިޙަމަލާގައި ބައިރޫތުގެ ސީސާން މައިދާންވަނީ ގުޑައިގެން ގޮސްފަ އެެވެ. މިޙަމަލާގައި އިތުރުމީހުން މަރުވެ އަނެއްބަޔަކު ޒަޚަމްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ބްރިގޭޑިޔާ ވިސާމް އަލްޙަސަންގެ އިތުރުން މަރުވި މީހުންނާއި އަދި ޒަޚަމްވި މީހުންގެ ޢަދަދު ލުބްނާނުގެ އަމްނާބެހޭ ދާއިރާތަކުން ހާމަކޮށްފައެއްނުވެ އެވެ.
ލުބްނާނުގައިވާ ސޫރިޔާއާ އިދިކޮޅު ފަރާތްތަކުންވަނީ ބޮމުގެ މިޙަމަލާގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އަޅުވާފަ އެވެ. އަދި ލުބްނާނުގެ އަނެއްބައި ފަރާތްތަކުން ވަނީ މިޙަމަލާގެ ފަހަތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދް" އޮވެދާނެ ކަމަށް ތުހުމަތުކޮށްފަ އެވެ. ސޫރިޔާއާ އިދިކޮޅު ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީޤުލްޙަރީރީ އާއި ހުޅަނގުގެ ޤައުމުތަކާ ގުޅިފައިވާ ލުބްނާނުގެ ނަސާރާ ބާރުތަކުގެ ވެރިޔާ ސަމީރު ޖަޢްޖަޢުވަނީ މިހަމަލާގެ ޒިންމާ ވަގުތުުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ބޮލުގައި އަޅުވާފަ އެވެ. ސޫރިޔާގެ އިިދިކޮޅު ފަރާތްތަކުން ވެސް ވަނީ މިޙަމަލާގެ ފަހަތުގައި ހުންނެވީ ސީދާ ރައީސް ބައްޝާރުލްއަސަދް ކަމަށް ބުނެފަ އެވެ.
ލުބްނާނުގެ ރައީސް މިޝައިލް ސުލައިމާން އާއި ބޮޑުވަޒީރު ނަޖީބް މީޤާތީ އާއި ވަތަނީ މޫމެންޓްގެ ރައީސް ޖެނެރަލް މިޝައިލް ޢަވްނު ވަނީ މިއީ ލުބްނާނުގެ އެތެރޭގައި ފިތްނަ އުފެއްދުމުގެ ގޮތުން ދިން ޙަމަލާއެއްްކަމަށް ސިފަކުރައްވާފަ އެވެ. ވަކިފަރާތެއްގެ ބޮލުގައި މިކަން އެޅުވުމުގެ ބަދަލުގައި ތަޙްޤީޤްކޮށްގެން މިކަމުގެ ފަހަތުގައި ތިބިފަރާތްތައް ހޯދުމަށް މިބޭފުޅުންވަނީ ގޮވާލާފަ އެވެ.
ލުބްނާނުގައިވާ ސޫރިޔާއަށް ތާއީދުުކުރާ ހިޒްބުﷲ ޖަމާއަތުން ވެސްވަނީ މިއީ މިއީ ލުބްނާނުގެ އެތެރޭގައި ފިތްނަ އުފެއްދުމުގެ ގޮތުން ދިން ޙަމަލާއެއްްކަމަށް ސިފަކޮށްފަ އެވެ. ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ވަނީ ލުބްނާނުގެ ވަތަނީ އެއްބައިވަންތަކަން ނަގާލައި ދާޚިލީ ފިތްނަ އުފެއްދުމަށް މީގެކުރިން ދީފައިވާ މިބާވަތުގެ ޙަމަލާތަކުގެ ފަހަތުގައި އިސްރާއީލުވާކަން ހާމަވެފައިވާކަމަށް ވިދާޅުވެ އިއްޔެގެ ޙަމަލާއާ ވެސް އިސްރާއީލާ ގުޅުން އޮތުމުގެ ފުރްސަތު ބޮޑުކަމަށް ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)