ބިމުގެ ވަށައިގެން ދަތުރުކުރާ ހަނދަކީ ބިމުގެ ބައެއް ކަމަށާއި ހަނދު އުފެދުނީ ބިމުގެ ތެރެއިން ކަމަށް ބުނާ ފަލަކީ ޢިލްމުގެ އައު ނަޒަރިއްޔާއެއް އެމެރިކާގެ ފަލަކީ ދެ ޢިލްމުވެރިއަކު ނެރުއްވައިފި އެވެ.

އެމެރިކާގެ މަޝްހޫރު ހަވާޑް ޔުނިވަސިޓީގެ ދެ ޢިލްމުވެރިން ކަމަށްވާ ސާރާ ސްޓީވާޓް އާއި މިޓިގާ ފޯކްސް ނެރުއްވި މިނަޒަރިއްޔާ ޝާއިޢުކޮށްފައި ވަނީ އެމެރިކާގެ މަޝްހޫރު ޢިލްމީ މަޖައްލާ "ސައެންސް" ގަ އެވެ. އެތައް ޒަނާމެއްގެ ދިރާސާތަކަށް ފަހު މި ދެ ޢިލްމުވެރިން އެކުލަވާލެއްވި މިނަޒަރިއްޔާ ބުނަނީ ބިމާއި ހަނދުގައި ވަނީ ދާދި އެއްމާއްދާތަކެއް ކަމަށާއި މި ދެ ތަނުގައިވާ ކެމިކަލް އެލެމެންޓްތަކަކީ ވެސް ދާދި އެކައްޗެއް ކަމުގަ އެވެ.

މިނަޒަރިއްޔާ ބުނާ ގޮތުން ބިމުގެ ވަށައިގެން ކޮންމެ 24 ގަޑިއިރު އެއްްފަހަރު މިހާރު ބުރު އަޅަމުންދާ ހަނދަކީ މީގެއެތައް މިލިޔަން އަހަރެއްގެ ކުރިިން ހުރިއެއްޗެއް ނޫނެވެ. އަދި ބިމުގެ ތެރެއިން ބައެއް ނައްޓައިގެންގޮސް ހަނދު އުފެދުނީ އާދަޔާ ޚިލާފު ބާރުމިނެއްގައި ބިން އޭގެ ޒާތުގައި އެނބުރެމުން ދަނިކޮށް ޖައްވުންއައި ބިޔަ އެއްޗެއް (އެސްޓްރޮއިޑެއް ފަދަ އެއްޗެއް) ބިމުގައި ޖެހި ބިމުގެ ބޮޑުބައެއް ނައްޓައިގެން ޖައްވަށް ގޮސްގެންނެވެ. ބިމުން ހަނދު އުފެދުމުގެ ކުރިން ބިން އޭގެ ޒާތުގައި އެނބުރެމުން ދިޔައީ މިހާރު 24 ގަޑީއިރުން އަޅާބުރު ދެގަޑިއާއި ތިން ގަޑީއިރު ތެރޭގައި އަޅާ ބާރުމިނުގައި ކަމަށް ވެސް މިނަޒަރިއްޔާ ބުނެ އެވެ. ބިން އޭގެ ޒާތުގައި އެނބުރޭ އެނބުރުން 24 ގަޑިއިރަށް ބަދަލުވީ އެއަށްފަހުގައި ކަމަށް ވެސް މިނަޒަރިއްޔާ ބުނެ އެވެ.

ހަނދު އުފެދުނު ގޮތާބެހޭ ގޮތުން ކުރިިން ނެރެފައިވާ ނަޒަރިއްޔާ ބުނަނީ ހަނދު އުފެދިފައި ވަނީ ޖައްވުންއައި ބިޔަ އެއްޗެއް (އެސްޓްރޮއިޑެއް ފަދަ އެއްޗެއް) ޖެހިގެން ކަމަށާއި ނަމަވެސް ހަނދަކީ ބިމުގެ ބައެއް ނޫން ކަމުގައެވެ. އަދި ހަނދަކީ ޖައްވުން އައިސް ބިމުގައި ޖެހުނު އެއެތީގެ ބައިތައް ޖައްވަށް ބުރައިގެންގޮސް އެއިން އުފެދުނު ޖައްވީ މާސް އެއް ކަމުގަ އެވެ. (ރޮއިޓާސް)