20 Oct 2012, 09:09
އެއްކަލަ ގަޑިއަށް ބަޑުހައި ވެއްޖެ އެވެ. ގަނޑިން މެންދަމު 2:00 ޖަހާފައި ހުއްޓަސް ކޮފީއެއް ނުބޮއި ހިތެއް ނުފުރުނެވެ. ރައްޓެއްސަކަށް ގުޅައިގެން ހާބަރު ކެފޭތަކާ ދިމާލަށް މިސްރާބުޖެހީ އެވެ. ކިތަންމެ ބާރަށް ދުއްވާފައި ދިޔައަސް ހުޅުވާފައި ހުރި އެންމެ ކެފޭއެއް ވެސް ނެތެވެ. ހުޅުވާފައި ހުންނާނެކަމަށް "ގައިމު"ކޮށް އަރާފައި ތިބި ރުޅިއާ އެކު "ސީހައުސް"އާ ދިމާލަށް މިސްރާބުޖެހީމެވެ. ކާމިޔާބުވާ ގޮތެއްނުވި އެވެ. އެތަންވެސް ބަންދެވެ. ނުވީތާކަށް މީގެ ކުރިން ހަލަބޮލި އެ ހިސާބުގައި މީހެއްގެ ހިލެމެއްވެސް ނެތެވެ. ގެޔަށް ވަދެ ފޮތެއް ނަގައިގެން ކިޔަން ފެށީ އެވެ. ވިއްސަކަށް ސޮފްހާ ކިހުނުތަނާ ނިދިއްޖެ އެވެ. ހޭލެވުނީ ފަތިހު 6:00 ޖެހީއިރު އެވެ. ތެދުވެގެން ފެންވަރާލައިގެން އައީ އޮފީހަށެވެ. ހެނދުނު ހެދުނާ އޮފީހުގެ މަސައްކަތް ފެއްޓީ އެވެ.
މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަހަރެންގެ ހަޔާތަށް އައި "ބޮޑު" ބަދަލެކެވެ. މިހާރު ކޮންމެ ރެއަކު ވެސް 12:00 ޖަހާކަން ހާއިރު ގެއަށް ވަދެ ފޮތެއް ކިޔާލުމުގެ ތެރޭގައި އޮއްވާ ނިދެނީ އެވެ. އެއްކަލަ ދަންވަރު "ކޮފީގަޑަކަށް އެރުމު"ގެ ހިޔާލެއް ވެސް މިހާރު ނުގެންގުޅެމެވެ.
މާބޮޑު ބަޑެއްލާތީ ރޭގަނޑު ދަންވަރު ކެއުމުގެ އާދަ ހުއްޓުވަން މީގެ މަހެއްހާ ދުވަސް ކުރިން އުޅުނަސް އެކަން އޮތީ އޭރު ނުހުއްޓިފަ އެވެ. ނަމަވެސް މިއަދު ހުއްޓިއްޖެ އެވެ.
އެހެން ވާހަކަ އެކެވެ. ފާތުމަތު ޝިމްޒާ (އަސްލު ނަމެއްނޫން)، އަހަރެން އޭލަވަލް ހެދި ދުވަސް ވަރުގެ ރަހުމަތްތެރި އެކެވެ. ރޭގަނޑު ދަންވަރު އަވިސްޓާގައި ޝީޝާ (ގުޑުގުޑާ ފާޑުގެ ނޮޅިއެއް) ބުޔުމުގެ އާދަ ހިފާފައި ހުރި ޒުވާނެކެވެ. ޝިމްޒާއާ އިއްޔެ ބައްދަލުކޮށް ވާހަކަ ދައްކާލީމެވެ. ސައްވީސްގަޑިއިރުގެ ފިހާރަތަކާއި ކެފޭތައް ބަންދު ކުރީމާ ފުރަތަމަ ވެސް ހެޓަކަށް ސަރުކާރަށް "ބަވާލީ" އެވެ. ނަމަވެސް ހަމަޖެހިލާފައި އަހަރެންގެ ސުވާލަށް ޖަވާބުދެމުން ބުނީ ވަރަށްވެސް "ޗޭންޖް" (ބަދަލުވެއްޖެ) ކަމަށެވެ. ޝިމްޒާގެ ދަންވަރުގެ ގިނަ ވަގުތުތައް މިހާރު ހޭދަކުރަނީ ހިޔާލީ ދުނިޔޭގައި ކުރެހޭ ތަސްވީރުތައް ކަރުދާހަށް ގެނެސްދިނުމަށެވެ. އޭނާ އަކީ ސްކޫލް ދައުރުއްސުރެ ވެސް މޮޅަށް ކުރަހާ ކުއްޖެކެވެ. ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން ޝިމްޒާ ކޮންމެވެސް އާ ކޮންސެޕްޓަކަށް ކުރެހުމެއް ކުރަހަ އެވެ.
"މި ކުރެހުންތައް މިހިރީ ދަންވަރު ކުރަހާފައި ކޮމެންޓެއް ކޮއްލަބަލަ! މީދެން ކުރާ ކަމަކީ،" ތަފާތު ފަސް ކުރެހުމެއް ދައްކަމުން ބުންޏެވެ. މީގެ ދެ އަހަރެއް ވަރު ކުރިން އޭނާ ކުރެހި ކުރެހުންތަކަށް ވުރެ އެ ކުރެހުންތައް މާރީއްޗެވެ. "މީތި ވަރަށް ސަޅި، މީތި އަދި މާސަޅިއޭ،" ކޮންމެ ކުރެހުމަކަށް ވަކިން ކޮމެންޓް ކުރަމުން ބުނީމެވެ.
ޝިމްޒާ މިއަދު ހުރީ އުފާވެފަ އެވެ. ދަންވަރު "ޝީޝާ" ބުޔުމުގެ ބަދަލުގައި އޭނާގެ "ހުނަރުން" މުޅި ހަޔާތް އެންޓަޓެއިންކޮށްދީފި އެވެ. "އޭރުވެސް އެގޭ ރަނގަޅުކަމެއް ނޫންކަން. ހުއްޓަން ވެސް އުޅުނިން، ހުއްޓުނީތީ ކިތަންމެހާވެސް ރަނގަޅުތާ،"
އެހެން ޒުވާނެއްގެ ވާހަކަ އެކެވެ. މުހަންމަދު އައިމަން (އަސްލު ނަމެއްނޫން) މިވީ ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ދެތިން ތަނަކަށް ވަޒީފާޔާ ގުޅިއްޖެ އެވެ. ހަރުލާ ގޮތެއްނުވި އެވެ. މައްސަލައަކަށް ވަނީ ގަޑިއަށް އޮފީހަށް ނާދެވޭތީ އެވެ. ވާޒީފާގެ އަހުލާގެއް ނެތީ އެވެ. އައިމަންއަށް ވެސް މައްސަލައަކަށް ވަނީ ދަންވަރު ކޮފީއަށް ދާންޖެހޭތީ އެވެ. ނަމަވެސް މިވީ ހަފްތާއެއްހާ ދުވަހު އައިމަން ވެސް ބަދަލުކޮށްފި އެވެ. އެއީ މިއަދު އެހެން އައިމަން އެކެވެ.
"މިހާރު 8:30 އަށް ހުންނާނީ އޮފީސްދޮރުމަތީގައި. ނުޖެހޭ ގުޅާކަށް. ބައެއް ދުވަސްދުވަހު އައިމަން ވެސް މަށަށް ގޮވާ. މިވީ ހަފްތާއެއްހާ ދުވަހު އައިމަންގެ ގަޑިޖެހުމުގެ މައްސަލައެއްނެތް،" އައިމަންގެ އޮފީސްމޭޓަކު ބުންޏެވެ.
އައިމަންއަށް ވެސް ގަޑިއަށް އޮފީހަށް ނާދެވެނީ ދަންވަރު ކޮފީއަށް އަރަންޖެހޭތީ އެވެ. ބައެއް ރަހުމަތްތެރިންނާ އައިމަން ވެސް ވަކިވާން ބޭނުންނުވާތީ ކޮފީއަށް ދެވެނީ އެވެ. ނަމަވެސް އައިމަން މިއަދު ހިތްހަމަޖެހެ އެވެ. އޮފީސް އަހުލާގު "މަޖުބޫރުން" ނަމަވެސް ދަސްވާތީ އެވެ.
"ކުރިން ވާގޮތަކީ ކޮފީއަށް ނުގޮސްފިއްޔާ މަލާމާތް ކުރާނެ، އެހެންވެ ދެން ރައްޓެހިންނާ މޫނު ނުޖެހެން ވެގެން ދަނީ. މި ބަދަލުއައިމާ އައިމަން ވެސް ރައްޓެހިންނަށް ވެސް ހެޔޮ ބަދަލު ގެންނަން ޖެހިއްޖެ. އެގޮތުން ރަނގަޅު،" އައިމަން ބުންޏެވެ.
ސައްވީސް ގަޑިއިރު ހިދުމަތް ދެމުން އަންނަ ފިހާރަތައް އަވަހަށް ބަންދު ކުރަން ފެށުމުން އަހަންނާ ތަފާތު ދެ ޒުވާނެއްގެ "ނައިޓް ލައިފް" އަށް ގައިމު ވެސް ބަދަލުތަކެއް އައިސްފި އެވެ. އަވަހަށް ނިދައި އަވަހަށް ހޭލުމުގެ އާދަ ހިފައިފި އެވެ. މަސައްކަތުގެ ވަގުތު ގިނަކޮށް ގައުމަށް ފައިދާ ހުރި ޒުވާނަކަށް ވުމުގެ އަޒުމް އަހަރެން ވެސް ޝިމްޒާ ވެސް އަދި އައިމަންގެ ވެސް މިހާރު އެބައޮތެވެ. އެއީ 24 ގަޑިއިރުގެ ފިހާރަތަކާއި ކެފޭތައް އަވަހަށް ބަންދުކުރުމުގެ ހެޔޮނަތީޖާ އެވެ. އެއީ އެ ފިޔަވަޅުގެ ހެޔޮފަރާތެވެ.