އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ މާޒިޔާ އަތުން 2-1 ލަނޑުން ވިކްޓަރީ ބަލިވެ، ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު މެޗަށް ފަހު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަމުގެ މަގާމުން އަލީ ސުޒޭން މިރޭ އިސްތިއުފާ ދީފިއެވެ.

މެޗަށް ފަހު އިސްތިއުފާ އިއުލާނުކުރަމުން ސުޒޭން ބުނީ، މިއަހަރަކީ އޭނާގެ ކޯޗިން ކެރިއަރުގައި ހިތާމައިގެ އަހަރެއް ކަމަށާއި އެގޮތުން ވިކްޓަރީގެ ކޯޗް ކަމުގެ މަގާމުން އިސްތިއުފާ ދިނީ އަމިއްލައަށް ފެނިގެން ކަމަށެވެ.

"ކޯޗް ކަމުން އިސްތިއުފާ ދިނީ އަމިއްލައަށް ފެނިގެން. އަޅުގަނޑާ ވިކްޓަރީގެ މެނޭޖްމަންޓާވެސް ހިޔާލް ތަފާތުވުންތަކެއް އޮވޭ. އަދި ކުލަބުގެ ބޯޑާ ވެސް ހިޔާލް ތަފާތުވުންތަކެއް އޮވޭ. ކޯޗް ކަމުން އިސްތިއުފާ ދިނުމުގެ ކުރިން އަޅުގަނޑުގެ ބައްޕައާ މަޝްވަރާ ކުރިން." އެފްއޭއެމުގެ އިންތިހާބުގައި ރައީސްކަމަށް މިހާރުގެ ރައީސް އަލީ އާޒިމަށް ވޯޓުދޭން ވިކްޓަރީގެ ބޯޑުން ނިންމާފައިވާތީވެ، އެކަމާހެދި ޗެއާމަން އީވާ އަބުދުﷲއާ ވެސް ހިތްހަމަ ނުޖެހިފައިހުރި ކޯޗު ސުޒޭން ބުންޏެވެ. އިންތިހާބުގައި ސުޒޭން ތާއީދު ކުރަނީ އިދިކޮޅު ކެނޑިޑޭޓް އިލްހާމް އަހުމަދަށެވެ.

އޭނާ ބުނީ، ވިކްޓަރީގެ ކޯޗް ކަމުން އިސްތިއުފާދިން ކަމުގައި ވިޔަސް، އެހެން ކުލބެއްގެ ކޯޗް ކަމުން އޭނާ ފެނިދާނެ ކަމަށާއި އެގޮތުން އަދި ދެ އަހަރެއް ވަންދޭން ކޯޗިންގެ ދާއިރާގައި ފެންނާނެ ކަމަށެވެ.

"ހަމަޔަގީނުން ވެސް ވިކްޓަރީގެ ކޯޗް ކަމުގެ މަގާމުން އަޅުނގަޑެއް ނުފެންނާނެ. އެހެން ކުލަބަކުން ފެނިދާނެ." އެފްއޭއެމުގެ ރައީސް އަލީ އާޒިމަށާއި މޫސާ މަނިކު (ކުޑަމޫސަ) އަށް ކުޅިވަރުގެ ރޫހާ ހިލާފަށް ފާޑުކިއުމުން ތިން މަސްވަންދެން މި ސީޒަނުގެ ކުރީކޮޅު ސަސްޕެންޑްކޮށްފައި ހުރި ކޯޗު ބުންޏެވެ. ސުޒޭން ބުނީ އޭނާގެ މި ސަސްޕެންޝަނަކީ ނިއު އަށް ދިވެހި ލީގު ލިބެން މެދުވެރިވި މުހިންމު ސަބަބެއްް ކަމަށެވެ.

ސުޒޭން ބުނީ، ވިކްޓަރީއަކީ އޭނަ ވަރަށް ލޯބި ކުރާ ކުލަބެއް ކަމަށާއި އެގޮތުން މީގެ 20 އަހަރު ކުރިން ފެށިގެން ވިކްޓަރީގައި މަސައްކަތް ކުރަމުން އައީ ވަރަށް ހެޔޮނިޔަތުގައި ކަމަށެވެ. އެކަން ރާއްޖޭގެ ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކަށް އިނގޭނެ ކަމަށް އޭނާ ބުންޏެވެ.

ވިކްޓަރީ އަތުން މިރޭ މާޒިޔާ މޮޅުވި މެޗުގައި އެޓީމުން ޖެހި ދެ ގޯލް ވެސް މެޗުގެ ދެ ވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް އީސަ (މެސީ) އެވެ. އަދި ވިކްޓަރީން މާޒިޔާ ކޮޅަށް ޖެހި ހަމަ އެކަނި ލަނޑު ދެ ވަނަ ހާފުގައި ޖަހާދިނީ ބިދޭސީ ކުޅުންތެރިޔާ ހަންސްލީ އަވީލޯ އެވެ.

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާޒިޔާ އާ ދެކޮޅަށް ނިކުންނާނީ ރޭ އޭވައިއެލް އަތުން 2-1 ލަނޑުން މޮޅުވެ ، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި އީގަލްސްއެވެ. ފައިނަލް މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. އަދި މުބާރާތުގެ ތިން ވަނަ ހޮވާ މެޗް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ޖާހާއިރުއެވެ. ތިން ވަނަ ހޮވާ މެޗުގައި ބަައްދަލުކުރާނީ ވިކްޓަރީ އާއި އޭވައިއެލް އެވެ.