19 Oct 2012, 23:00
ގައުމުތަކުގެ ރައްޔިތުންގެ މަޖިލީސްތައް ތަމްސީލްކުރާ ބައިނަލް އަގްވާމީ ޖަމްއިއްޔާ، އިންޓަޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ފުރާވަޑައިގެންފި އެވެ.
އެމްޑީޕީން ބުނީ އީވާގެ އެ ދަތުރުފުޅަކީ އައިޕީޔޫ ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ބައްދަލުވުން އޮންނާނީ މި މަހުގެ 21 ން 26 އަށް ކެނެޑާގެ، ކިއުބެކްގަ އެވެ.
ފެބުރުއަރީ 7 އަދި 8 ގައި ފުލުހުންނާއި ސިފައިން މަޖިލީހުގެ މެންބަރުންނަށް އަނިޔާކޮށް އަދި ގާނޫނުގެ ބޭރުން މެންބަރުން ހިފައި ހައްޔަރުކުރި ކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ އެ މައްސަލަތައް އައިޕީޔޫގެ ހިއުމަންރައިޓްސް ކޮމެޓީއަށް ހުށަހަހަޅައިފަ އެވެ. އެ މައްސަލަތައް އެ ކޮމެޓީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވެސް އައިޕީޔޫން ވަނީ އެ މައްސަލަތަކާ ތިން ރިޕޯޓެއް ސިއްރު ރިޕޯޓުތަކެއްގެ ގޮތުގައި ސަރުކާރާއި މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓްތަށް މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.
އެމްޑީޕީން ބުނީ މިފަހަރުގެ ބައްދަލުވުމުގައި އެ މައްސަލައިގައި ގޮތްތަކެއް ނިންމާނެ ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން ނިންމި ރިޕޯޓް ވެސް އާންމުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އައިޕީޔޫގެ ހިއުމަންރައިޓްސް ކޮމެޓީގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެއީ ޔުގެންޑާގެ ކަމްޕާލާ ގައި އޮތް ބައްދަލުވުމާއި ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބަދަލުވުމުގަ އެވެ.
އީވާ އަކީ އައިޕީޔޫގެ އަންހެން ޕާލިމަންޓަރީ މެމްބަރުންގެ ކޮމެޓީގެ މެންބަރެކެވެ.