މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް ބާރަށް އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވެ ފިޔަވަޅުތަށް އެޅުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިރަލް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް ރިކޯޑްތަކުން ދައްކާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި މަހުގެ މި ދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު އިތުރުކަމަށް ވެސް ހެލްތުން ބުންޏެވެ.

"އަރިދަފުސް ރޯގާ އަދި ވައިރަލް ހުމަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން އަރާ ބައްޔަކަށް ވާތީ ކޮންމެ ފަރާތަކުންވެސް ހާއްސަ ކަންތައްތަކަކަށް ސަމާލުކަން ދޭންޖެހެ އެވެ،" ހެލްތުން ކުރި އިލްތިމާސްގައިވެ އެވެ.

އެގޮތުން ރޯގާ ޖެހިއްޖެނަމަ ކިބިހިއަޅާއިރު އަގަމަތި ނިވާކުރުމާއި ބޭނުންކޮށްފައިވާ ޓިޝޫ، ރުމާ ފަދަ ތަކެތި ހާމައަށް ނުބެހެއްޓުމާއި އާންމު ސާފުތާހިރުކަމަށް އިސްކަންދީ ސައިބޯނުލައިގެން އަތް ދޮވުމާއި މީހުން އުޅޭތަންތަނަށް ދިޔުމުގައި ސަމާލުވެ އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށް ހެލްތުން ވަނީ އިލްތިމާސްކޮށްފަ އެވެ. ހުންއައިސް ރޯގާ ޖެހި ގިނަ ދުވަސްވާނަމަ ޑޮކްޓަރަށް ދެއްކުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި އަރިދަފުސް ރޯގާ އާއި ހުން ކޮންޓްރޯލް ކުރުމުގައި އެންމެންގެ އެއްބާރުލުން ދިނުމަށް ހެލްތް މިނިސްޓްރީން ވަނީ ގޮވާލައިފަ އެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން، އެންމެ އާބާދީ ބޮޑު ކުޅުދުއްފުށީގައި ވެސް އަރިދަފުސް ރޯގާ އާއި ހުންދަނީ ފެތުރެމުންނެވެ.