19 Oct 2012, 20:35
ރާއްޖޭގެ ޝަރުއީ ނިޒާމުގެ އަދުލުވެރިކަން ގެއްލިފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރާ ތުހުމަތުތަށް ތަކުރާރުކޮށް، އެ ނިޒާމު އަދުވުލުވެރިކުރުމަށް ގޮވާލައި އެ ޕާޓީން މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.
އެމްޑީޕީގެ ސިޔާސީ މައި ޖަގަހަ ހަދާފައިވާ އުސް ފަސްގަނޑުން ފެށި މުޒާހަރާގައި މައިގަނޑު ގޮތެއްގައި އޮތީ، ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށް ކިޔާފައިވާ ލަވަ ޖެހުމާއި ސަރުކާރުގެ ބައެއް އިސް ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލި ގޮވާލުންތަކެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު ޑރ. މުހައްްމަދު ޖަމީލު އަހުމަދު ހައްޔަރުކުރަން ހިނގާލުމުގެ ބައިވެރިން ގޮވާލި އެވެ.
ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ގޮވާލި ހިނގާލުމަކަށް ވިޔަސް، އެ ހިނގާލުމުގައި އެކަމަށް ގޮވާލައި އަޑުއުފުލީ މަދު ފަހަރަކު އެވެ. އެކަމަށް ގޮވާލި އެނައުުސްމަންޓްތަކުގައިވެސް ބުނަނީ ޝަރުއީ ނިޒާމުގެ އަދުލުވެރިކަން ގެއްލެނީ މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް އެ ނިޒާމުގެ މައްޗަށް ނުފޫޒު ފޯރުވަން ފެށުމުން ކަމަށެވެ.
މިއަދުގެ ހިނގާލުމުގައިވެސް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ރައީސް ނަޝީދުގެ ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވި ހިނގާލުން ނިންމާލީ ހިނގާލުންވެސް ފެށި ސަރަހައްދު އުސްފަސްގަނޑަށެވެ. މިއަދުގެ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއްނުވެ އެވެ.