މާލޭގެ ބައެއް ބިންތައް ވިއްކަން މާލޭ މުނިސިޕަލްޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ކުރި ދައުވާގައި، ދައުވާ ކުރާ ޕާޓީތަކުން އެ ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތަކީ ކޮބައި ކަން ޝަރީއަތުން ކަނޑައަޅައި ދެއްވުމުން ނޫނީ ދައުވާ އަށް ޖަވާބުދާރީވާން ދައުލަތުން އިންކާރުކޮށްފި އެވެ.


މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިދިކޮޅު އިއްތިހާދުގެ ވަކީލު އަލީ ހުސައިން ދައުވާ ހުށަހެޅުއްވަމުން، އެ ދައުވާ އަށް ޖަވާބުދާރީ ވުމަށާއި ކޯޓަށް ވަޑައިގަތީ ޖަވާބު ތައްޔާރު ކުރައްވައިގެންތޯ ގާޒީ ސުވާލު ކުރެއްވުމުން  ދައުލަތުގެ ގާނޫނީ ވަކީލުންގެ ޓީމުން އަލީ އާޒިމު ވިދާޅުވީ ވަޑައިގަތީ ޖަވާބު ތައްޔާރު ކުރައްވައިގެން ކަމަށެވެ. ނަމަވެސް ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީ ވާނީ އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުން އެ ދައުވާކޮށްފައި ވަނީ ގާނޫނީ ކޮން ހައިސިއްޔަތަކުން ކަން ސާފުކޮށްދެއްވުމުން ކަމަށެވެ. އަދި މިއީ ކުރިޔަށް ގެންދެވިދާނެ ދައުވާއެއްކަން ނުވަތަ ނޫންކަން ކަނޑައަޅުއްވައި ދެއްވުމުން ކަމަށެވެ.


އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގަވައިދު ބުނާ ގޮތުން ބިމާ ބެހޭ މައްސަލައެއްގައި ދައުވާ ކުރުމުގެ ފުރުސަތު ޕާޓީތަކަށް ނުލިބޭ ކަމަށެވެ.


އެއަށް އިދިކޮޅު އިއްތިހާދުން ޖަވާބު ދެއްވަމުން ވިދާޅުވީ ޕާޓީތަކަކީ ގާނޫނީ ޝަހުސެއް ކަމަށާއި އަދި ދިވެހި ދައުލަތުގެ ބިމާ ބެހޭ ގޮތުން ކޮންމެ ޕާޓީއަކަށް ވެސް ކޮންމެ ފަރުދަކަށް ވެސް ދައުވާ ކުރެއްވޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ ޖަވާބުދާރީ ވާނީ މި މައްސަލައަކީ ކޯޓުގައި ކުރިޔަށް ގެންދެވޭނެ މައްސަލައެއްކަން ކަނޑައެޅުއްވުމުން ކަމަށެވެ.


ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ މި މައްސަލަ ކުރިޔަށް ގެންދަވަނީ ކޯޓުގެ އިހުތިސާސްގެ ތެރެއިން މިހާތަނަށް ކުރިޔަށް ގެންދެވޭނެ މައްސަލައަކަށް ވާތީ ކަމަށެވެ. މުނިސިޕަލްޓީގެ ފަރާތުން ނަގާ ނުކުތާއާ މެދު ދެން އަންނަ މަޖިލީހެއްގައި ގޮތެއް ކަނޑައަޅުއްވާނެ ކަމަށާއި މިއަދުގެ މަޖިލީހުގައި މުނިސިޕަލްޓީން ދައުވާ އަށް ޖަވާބުދާރީ ވުމަށް ވެސް ގާޒީ ވިދާޅުވި އެވެ. ނަމަވެސް މުނިސިޕަލްޓީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓާނީ، މިންނާ ނާފިޒް ވިދާޅުވީ ދައުލަތުން ޖާވާބުދާރީވާނީ މިއީ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަން ކަނޑައަޅުއްވައިދެއްވުމުން ކަމަށެވެ. ގާޒީ ތަކުރާކޮށް ތިން ފަހަރު ޖަވާބުދާރީވުމަށް އަމުރު ކުރެއްވުމުން ވެސް މިންނާ ދެއްވީ އެ ޖަވާބެވެ. ނަމަވެސް ފަހުން އޭނާ ވިދާޅުވީ ވަޑައިގަތީ ޖަވާބު ތައްޔާރު ނުކުރައްވައި ކަމަށާއި ކުރިން ޖާވަބު ތައްޔާރުކުރެއްވި ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެކަމާ މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.


ޖާވާބުދާރީ ވުމަށް އޭޖީގެ ވަކީލުން ދެކޮޅު ހެއްދެވުމަށް ފަހު ޖާވާބު ތައްޔާރުކުރައްވައިގެން ވަޑައިގެންނެވި ކަމަށް ވިދާޅުވެ، މާފަށް އެދި ވަޑައިގަތުމުން ގާޒީ ވިދާޅުވީ ޝަރީއަތުން ބޭނުންވީ މި މައްސަލައިގެ ބާވަތުން ވަރަށް އަވަހަށް ކުރިޔަށް ގެންގޮސް ނިންމަވަން ކަމަށާއި ނަމަވެސް ދައުލަތުން ކަންތައް ކުރެއްވި ގޮތުން ޝަރީއަތުން ރޭވި ގޮތަށް ނުދިޔަ ކަމަށެވެ.


މިއަދުގެ ޝަރީއަތުގައި އިދިކޮޅު އިއްތިހާދުގެ ވަކީލު ވިދާޅުވީ އޭޖީގެ ވަކީލުން ޖަވާބުދާރީ ނުވަނީ މައްސަލަ ދިގުދައްމައި ސަރުކާރަށް ފުރުސަތު ހޯދައި ދިނުމަށް ކަމަށާއި ކޮންމެ ދުވަހަކު އިބްތިދާއީ ނުކުތާއެއް ނަންގަވާ ނަމަ އެހެން ހުރި ހުރިހާ ނުކުތާއެއް މިއަދު ހުށަހަޅައި ދެއްވުމަށެވެ.


އޭޖީގެ ވަކީލު ވިދާޅުވީ ލަސް ކުރުމުގެ ނިޔަތް ނެތް ކަމަށާއި އެހެންނަމަވެސް މި ދައުވާގައި ގެއްލުމުގެ މާލީ މިންވަރެއް ހިމަނާފައި ނުވާ ކަމަށެވެ.


ގާޒީ ވިދާޅުވީ ދައުލަތުގެ އެ ނުކުތާ ބަލައިނުގަންނަ ކަމަށާއި ކޮންމެ މައްސަލެއްގައި "މަނިޓަރީ ވެލިޔު" ހިމަނަން ނުޖެހޭނެ ކަމަށެވެ.


އިދިކޮޅު އިއްތިހާދުން މުނިސިޕަލްޓީގެ މައްޗަށް ދައުވާކޮށްފައި ވަނީ މުނިސިޕަލްޓީން ނީލަމުގައި 11 ބިމެއް ވިއްކަމުން ދާދިއުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި މުނިސިޕަލްޓީން ބިން ވިއްކަން ނިންމި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް އެދި އެވެ.


ސަރުކާރާ ދެކޮޅު، ޑީއާރްޕީއާ، ޕީއޭއާ، ޖުމްހޫރީ ޕާޓީ އަދި ގައުމީ ޕާޓީ ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ދައުވާގައި ބުނަނީ އާ ހާބަރު ސަރަހައްދުން 2000 އަކަފޫޓުގެ ފަސް ބިމާއި  5000 އަކަފޫޓުގެ ތިން ބިމާއި 7500  އަކަފޫޓުގެ ދެ ބިމާއި 10000 އަކަފޫޓުގެ ބިމެއް ވިކުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އިއުލާނުކޮށް އެކަން މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.  


ދައުވާގައި ބުނަނީ ބިމާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައިވާ ގޮތުން ބިމާ ބެހޭ ސިޔާސަތު ކަނޑައަޅާނީ ރައީސް ކަމަށާއި އެކަމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ހޯދަން ވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ ލާޒިމުކުރާ ފަދަ ވަޒީރުންގެ މަޖިލީހެއް ނެތި ބިން ވިއްކުމުގެ ސިޔާސަތެއް ނެރެ މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.  


އާ ހާބާރުން ބިން ވިއްކުމަކީ ވިޔާފާރި ބަންޑާރަ ބިން އަމިއްލަވެގެންދާނެ ކަމަކަށްވާ އިރު އެފަދަ ބިން އަމިއްލަ ކުރުމުގެ ގަވައިދުގެ 10 ވަނަ މާއްދާގައި ބުނާ ކޮމެޓީން އަގެއް ކަނޑައެޅުމަކާ ނުލައި ބިންތައް  ވިއްކުމުގެ ކަންތައް ކުރިޔަށް ގެންދާ ކަމަށެވެ.