ބޭރަށް އެކްސްޕޯޓް ކުރި މަސް ޝިޕްމަންޓެެއްގެ ތެރެއިން ފެނުނު ދެ މާހުޅުބުލަނޑާ ކަސްޓަމްސްއިން ނައްތާލައިފި އެވެ. މާހުޅުބުލަނޑާ އަކީ ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖެއިން އެކްސްޕޯޓު ކުރަން އުޅެނިކޮށް އަތުލި ދިގު މިނުގައި ހަތަރު ފޫޓު، ބަރު ދަނުގައި 45 ކިލޯ ހުރި އެ ދެ މަސްވެސް ނައްތާލާފައިވަނީ ނޫސްވެރިންގެ ހާޒިރުގައި އިއްޔެ އެއާޕޯޓްގަ އެވެ.

މަސް ނައްތާލުމަށްފަހު ޗީފް ކަސްޓަމްސް އޮފިސަރު ހުސެއިން ޝާޒު "ސަން އޮންލައިން" އަށް ވިދާޅުވީ އެ މަސްތަށް ފެނުނީ ރާއްޖެއިން އާއްމުކޮށް މަސް ބޭރުކުރާ ކުންފުންޏަކުން ލަނޑާގެ ނަމުގައި އެކްސްޕޯޓު ކުރަން އުޅުނު ޝިޕްމެންޓެއް އާއްމު އުސޫލުން ބަލާ ފާސްކުރަން އުޅުމުގެ ތެރޭގައި އެ ޝިޕްމަންޓްގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު ތަހުގީގު ކުރިއަށް ދާތީ އެއީ ކޮންފަރާތެއްކަން އަދި ހާމަ ކުރެވެން ނެތް ކަމަށާއި، ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭ ވަރަށް ހެއްކާއި، ގަރީނާ ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބާވަތުގެ މަސްތަކެއް ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

"އާއްމުކޮށްވެސް މަސް ބޭރުކުރާ ކުންފުންޏަކުން [އެ މަސްތައް] ބޭރު ކުރަން އުޅެނިކޮށް ފެނުނީ. އަޅުގަނޑުމެން ގަވާއިދުން އެގޮތަށް ބޭރުކުރެވޭ މަސް ބަލާ ފާސްކުރަން. ކުންފުނީގެ ނަން އަދި ހާމަ ކުރެވޭކަށް ނެތް ތަހުގީގު ކުރިއަށް ދާތި. މަސްތައް ނައްތާނުލާ މިހާ ދުވަސް ނެގީ ތަހުގީގު ކުރަންވެގެން؛" ޝާޒު ވިދާޅުވި އެވެ.