19 Oct 2012, 16:51
މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓާއި އެކު ގއ. ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވަހީދު ހައްޔަރުކޮށްފި އެވެ.
ދާންދޫ ކައުންސިލް މެންބަރަކު މިއަދު ވިދާޅުވީ މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓާއި އެކު ކައުންސިލްގެ ރައީސް އެރަށު ދަޑިގޭ، އިމްރާން ވަހީދު 44، ހައްޔަރުކޮށްފައި ވަނީ ރޭ 8:15 އެހާކަން ހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރޭ 8:15 އެހާކަންހާއިރު ދާންދޫގެ 44 އަހަރުގެ ފިރިހެނަކު އެރަށު މަގުމަތިން ފެނިގެން ހުއްޓުވާ ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓް ފެނުމުން އެ މީހާ ހައްޔަރު ކޮށްފައި ވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ރަބަރު ޕެކެޓާއި އެކު ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ދާންދޫ ކައުންސިލްގެ ރައީސް އިމްރާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުން އެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފައިވާކަމަށެވެ.
"ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވަހީދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން މިއަދު މި ކޯޓަށް އޭނާ ހާޒިރުކުރި. މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް 15 ދުވަހަށް އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް މިއަދު މި ކޯޓުން ވަނީ އަމުރުކޮށްފައި،" ނިލަންދޫ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓްގައި ދާންދޫ ކައުންސިލަށް އިންތިޚާބުވެފައިވާ އިމްރާން މިއަހަރުގެ ކުރީކޮޅު ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ދާންދޫ ކައުންސިލްގެ މެންބަރަކު މިއަދު ވަނީ ވިދާޅުވެފަ އެވެ.