އަބޫދާބީ ސަރުކާރުން އިންތިޒާމް ކޮށްގެން ބާއްވާ ހަލީފާ ފައުންޑޭޝަނުންދޭ "ޒައިދު ފިއުޗާ އެނާޖީ ޕްރައިސް" އެވޯޑް ދިނުމުގެ ރަސްމީއްޔާތުގައި ބައިވެރި ވުމަށް މިމަހުގެ 16 ވަނަ ދުވަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު މާލެ ވަޑައިގެންފި އެވެ.

ޒައިދު ފިއުޗާ އެވޯޑަކީ ކުރީގެ އަބޫދާބީގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޝައިޚް ޒައިދު ބިން ސުލްތާން އައްނަހްޔާނު ގެ ނަމުން ނަން ދީފައިވާ އެވޯޑެކެވެ. އެ އެވޯޑަކީ އިޔާދަ ކުރަނަވި ހަކަތައިގެ ދާއިރާއިން އާ އުފެއްދުންތައް އުފައްދާ އެ ދާއިރާ އަށް އެކި ގޮތްގޮތުން ކުރިއެރުންތައް ހޯދައިދީފައިވާ ފަރާތް ތަކަށް ދޭ އެވޯޑެކެވެ. އެވޯޑް ލިބޭ ފަރާތްތަށް ގިންތި ކުރަނީ ފަސް މެމްބަރުންގެ މައްޗައް އެކުލެވޭ ޕެނަލަކުންނެވެ. ނަޝީދަށް މިއަހަރު އެ ޕެނަލުން ފުރުސަތު ލިބިފައިވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ހަފްލާގައިވެސް ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި ރަސްމީޔާތައް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަބޫދާބީއަށް ވަޑައިގަންނަވަން ނިންމެވީ އެ ގައުމުގެ ސަރުކާރުން ދައުވަތު ދީފައިވާތީ ކަމަށާއި އެ މަނިކުފާނަކީ އެ އެވޯޑް އެސެސްކުރާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހަންމަދު ހައްޔަރުކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގައި ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުންދާތީ ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވީ ނަމަވެސް އަބޫދާބީ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ ނަޝީދުގެ އެދުމުގެ މަތިން ކޯޓުން ވަނީ އެ ޕާސްޕޯޓް ދޫކޮށްލައިފަ އެވެ. ޕާސްޕޯޓް ދޫކުރީ މި މަހުގެ 16 އިން 20 ވަނަ ދުވަހަށެވެ.