ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަން އެމެރިކާގެ އިންޓީރިއާ ޑިޕާޓްމަންޓުން ތައްޔާރުވެއްޖެ އެވެ.

އެމެރިކާ އެމްބަސީން މިއަދު ބުނީ އަންނަ އާދީއްތަ ދުވަހު ފަށާ އެ ޕްރޮގްރާމަކީ އިންޓީރިއާ ޑިޕާޓްމަންޓްގެ އިންޓަނޭޝަނަލް ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށާއި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ ގޮތާ މެދު އެ ޕްރޮގްރާމްގައި އަލިއަޅުވާލާނެ ކަމަށެވެ.

އަދި ބުނީ އެ ޕްރޮގްރާމް ރާވާފައި ވަނީ ރާއްޖޭގެ މެރިން ރިސާޗް ސެކްޝަނާއި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ގުޅިގެން ކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމްގައި ބަޔޯޑައިވަސިޓީ ހިމާޔަތްކުރުމާއި ފިޝަރީޒް މެނޭޖްމަންޓް އަދި ޓޫރިޒަމް މެނޭޖްމެންޓް ރެގިއުލޭޓަރީ ފްރޭމްވޯކެއްގެ މުހިއްމު ކަމާ ބެހޭ މައުލޫމާތު ބައިވެރިންނަށް ދިނުމުގެ ވޯކްޝޮޕްތަކެއް ހިމެނޭނެ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެހެން ނުރައްކާތަކާ ކުރިމަތި ލުމުގައި އުފެއްދުންތެރި އަދި ރާއްޖެއާ ގުޅޭ ގޮތަކަށް މަސައްކަތް ކުރުމަށް ، އީޕީއޭއަށާއި މެރިން ރިސާޗްސެކްޝަނުގެ ގާބިލުކަން އިތުރުކުރަން އެމެރިކާއިން އެހީ ލިބޭނެ ކަމަށް ވެސް އެމެރިކާ އެމްބަސީން ބުންޏެވެ.

އެ ޕްރޮގްރާމްގެ ދަށުން މާލެއާ ކައިރި ރަށެއްގައި މެރިން ރިސޯސް ޓްރޭނިން ސެންޓަރެއް ވެސް ގާއިމްކޮށްދޭނެ ކަމަށް އެމްބަސީން ބުންޏެވެ.