ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ހަނު ހުރުމުގެ ހައްގުގެ ވާހަކަ ބަޔާން ކޮށްފައި ވަނީ އެހެނިހެން ޑިމޮކްރެޓިކް ގައުމުތަކުގައި އެކަން އޮންނަ ގޮތާ ޚިލާފަށް ކަމަށާއި އޭގެ ނަތީޖާ އަކަށް ވެގެން ދިޔައީ ތަހުގީގު ހިންގުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެގެން ދިއުން ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު ވިދާޅު ވެއްޖެ އެވެ.

ޑީޕީއާރުއެސް އަށް 41 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ ދުނިޔޭގެ އެހެން ނިޒާމުތަކުގައި އެފަދަ ހައްގުތައް ބަޔާން ކޮށްފައި އޮންނަ އިރު އެއާ އެކު ތަފްސީލުތައް ވެސް ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.

ނަމަވެސް ޖަމީލު ވިދާޅުވީ ރާއްޖޭގައި ހަނު ހުރުމުގެ ހައްގު މާނަކޮށްފައި އޮތީ ތަހުގީގު މަރުހަލާގައި އެއްވެސް އެއްޗެއް ނުބުނެ ހުރުމުން ހުރިހާ ކަމެއް ފުދޭ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުގެ "ދަ ކްރިމިނަލް ޖަސްޓިސް އެންޑް ޕަބްލިކް އޯޑާ އެކްޓް" ގަނޫނުގެ 33 ވަނަ މާއްދާ އިން ފެށިގެން 38 ވަނަ މާއްދާއާ ހަމައަށް ލިޔެފައި އޮންނަނީ ހަނުހުރުމުގެ ހައްގުގެ މާނައިގެ ތެރޭގައި ހިމެނޭ ވާހަކަތައް ކަމަށެވެ. އަދި އިނގިރޭސި ވިލާތުގައި މީހަކު ކުށެއް ކުރަނިކޮށް ފެނި، އޭނާގެ ފަރާތުން އެ ކުށަކަށް އަރައިގަތް ކަމުގެ ހުރިހާ އަލާމާތެއް ފެނުމުން ވެސް ހަނު ހުރެއްޖެ ނަމަ އެއީ ޝަރުއީ މަރުހަލާގައި އެމީހަކާ ދެކޮޅަށް ނެގޭ ހެކި ބަހެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.

"މިއަދާ ހަމައަށް އައި އިރު ހަނު ހުރުމުގެ ހައްގު [ރާއްްޖޭގައި] މާނަ ކުރެވިފައި މިއޮތީީ ތަހުގީގުގައި އެއްވެސް އެއްޗެއް ނުބުނެ ހުރީމާ މުޅިން ނިމޭ ގޮތަށް. އެއީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫން. މިސާލަކަށް އިނގިރޭސި ވިލާތަށް ބެލި ނަމަވެސް މީހަކު ކުށެއް ކުރަނިކޮށް ފެނި، އޭނާ ހުރިތަނުން ކުށަށް އަރައިގަތް ސާމާނު ފެނި، އޭނާގެ ގައިން އެކަމުގެ އަލާމާތް ފެނި، އަދި އޭނާ އެތަނުގައި ހުންނަން ޖެހުނު ސަބަބާ ބެހޭ ގޮތުން ސުވާލުކޮށް، އެ ސުވާލުތަކާ ބެހޭ ގޮތުން ހަނު ހުރެއްޖެ ނަމަ އެއީ ޝަރުއީ މަރުހަލާގައި އޭނާއާ ދެކޮޅަށް ނެގޭ ހެކިބަހެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އާ ގާނުނު އަސާސީ އަށް 2008 ވަނަ އަހަރު އަމަލު ކުރަން ފެށުމާ އެކު ކުރިން ނުލިބޭ ވަރަށް ގިނަ ހައްގުތަކެއް ރައްޔިތުން ނަށް ލިބިގެން ހިނގައްޖެ ކަމަށާއި މިއަދު މީހެއްގެ މައްޗަށް ކުށެއް ސާބިތު ވަނީ ވަރަށް ބުރަ މަސައްކަތްތަކަކަށް ފަހު ކަމަށެވެ. އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާ އެކު ގާނޫނީ ވަކީލުންގެ ހައްގާއި ހައްޔަރު ކުރާ ހިސާބުން ފެށިގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮސް ވަކާލާތު ކުރުމުގެ ހައްގުގެ އިތުރުން އެންްމެ ފާހަގަ ކޮށްލެވިގެން ދިޔައީ ހަނު ހުރުމުގެ ހައްގު ކަމަށް ޖަމީލު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގައި ހުރި ބަލިކަށި ބައެއް ކަންތައްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އުގޫބާތަކީ 1960 ވަނަ އަހަރު ވުޖޫދަށް އައި އެއްޗެއް ކަމަށާއި އޭގައި މިޒަމާނަށް ނުފެތޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ގިނަ ކުށްތަކެއްގެ އަދަބުގެ ގޮތުގައި 150 ރުފިޔާ އިން ޖޫރިމަނާ ކުރުން އޮންނަ ކަމަށާއި އެވަރުގެ އަދަދެއް ހިފައިގެން ރެސްޓޯރެންޓަކަށް ގޮސް ރަނގަޅު ނާސްތާއެއް ވެސް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ބަސްއަހާ މުޖުތަމައުއެއްގައި ގޭބަންދު ކުރާ މީހުން ގޭގައި ތިބި ނަމަވެސް ރާއްޖޭގައި މިއަދު މީހުން އެގޮތަށް ނުތިބޭނެ ކަމަށެވެ. އަދި އަރުވާލަން ކުރާ ހުކުމްތަކަކީ ވެސް ދަތުރު ފަތުރު ކުރުމާއި މުވާސަލާތުގެ ގޮތުން ދަތި އުނދަގޫ ޒަމާނުގައި އަދަބަކަށް ވިޔަސް މިއަދު އެއީ އަދަބެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"ވަރަށް ގިނަ ކުށްތަކުގެ އަދަބަކަށް އޮވޭ 150 ރުފިޔާ އިން ޖޫރިމަނާ ކުރުން، މިހާރު 150 ރުފިޔާ ހިފައިގެން ރެސްޓޯރެންޓަކަށް ގޮސް ރަނގަޅު ނާސްތާ އެއްވެސް ނުލިބޭނެ،" ހޯމް މިނިސަޓަރު ޖަމީލް ވިދާޅުވި އެވެ.