19 Oct 2012, 14:39
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ގެންނަން ބައިނަލްއަޤްވާމީ ފަރާތްތަކުން ފާހަގަކޮށްފައިވާ އިސްލާހުތައް ގެނެވެންދެން، ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތައް ގަބޫލު ނުކުރާން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ނިންމުމެއް ނިންމީ ދާދި ފަހުންނެވެ. މި ނިންމުމުގެ ޚަބަރު އަޅުގަނޑަށް ލިބުމުން އަޅުގަނޑު ވަރަށް ބޮޑަށް ހައިރާން ވިއެވެ. ތަސައްރަފު ފުދިފައި ތިބޭ ބޮޑެތި މީހުން ވެސް މި ބާވަތުގެ ކަންތައްތައް ކުރަނީއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އަކީ ވެސް، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް އަކީ ވެސް، ދިވެހި ރައްޔިތުންގެ ޕާޓީ އަކީ ވެސް، އަދާލަތު ޕާޓީ އަކީ ވެސް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި، އެ ޤާނޫނުން އުފައްދައިދީފައި ވާ ޝަޚްސުތަކެވެ. މިއީ ތަބީއީ ޝަޚްސުތަކެއް ނޫނެވެ. އެހެނީ ޤާނޫނުގައި ތަބީއީ ޝަޚްސުގެ މަގާމާއި ދަރަޖަ ލިބިދެނީ ހަމައެކަނި އިންސާނުންނަށެވެ. އިންސާނުން ފިޔަވައި، ޤާނޫނުގެ ކުރިމަތީގައި ޝަޚްސެއްގެ ދަރަޖަ ލިބިދެވޭ ކޮންމެ ޝަޚްސަކީ ވެސް ޤާނޫނުން އުފައްދައިދޭ، މަސްނޫއީ ޤާނޫނީ ޝަޚްސެކެވެ. އެއީ ސިޔާސީ ޕާޓީއެއް ކަމުގައި ވިޔަސް، ކުންފުންޏެއް ކަމުގައި ވިޔަސް، ނުވަތަ ޤާނޫނީ ޝަޚްސިއްޔަތު ލިބިގެން ވާ ޖަމްޢިއްޔާ ޖަމާޢަތެއް ކަމުގައި ވިޔަސް ވެހެވެ.
ކަން މިހެން އޮއްވައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަރާތުން، އެ ޕާޓީގެ ކައުންސިލަކުން ވިޔަސް، އެ ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހަކުން ވިޔަސް، އެ ޕާޓީގެ އެހެން ގުނަނަކުން ވިޔަސް، ނެރޭ ގަރާރުތަކާއި ނިންމުންތަކުގެ ޒަރީއާއިން ގައުމުގެ ގާނޫނާއި، ދުސްތޫރީ ބިންގަލުގެ މަތީގައި އުފެދިފައި ހުރި ކޯޓުތަކަށް ތަހައްދީ ކުރަން ފެށުމަކީ ހަގީގަތުގައި ވެސް ވަރަށް ހިނި އަންނަ ޒާތުގެ އަމަލެކެވެ. ތަސައްރަފު ފުދިފައި ތިބޭ ބޮޑެތި މީހުން ކުރާން ވަރަށް ލަދުހުތުރު ކަމެއް މެއެވެ.
މި ދެންނެވި ޚަބަރު އިވުނުތާ މާ ލަހެއް ނުވެ ދެން އިވުނު ޚަބަރަކީ، އެމްޑީޕީގެ އެ ނިންމުމަށް އެ ޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަބާ ވެވަޑައިގަންނަވާނެ ޚަބަރެވެ. އެއީ 30 ސެޕްޓެންބަރު 2012 ވަނަ ދުވަހުއެވެ. އެ ދުވަހު މީޑިއާއާ ވާހަކަ ދައްކަވަމުން، ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގެ ބޭފުޅަކު ވިދާޅުވިކަމަށް ވެއެވެ. "އެމްޑީޕީން ގޮވާލާފައި އޮތީ ރައްޔިތުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ކުރެވޭ އަމުރުތައް ބަލައިނުގަންނަން. އެހެންވީމާ ރައީސް ނަޝީދަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވެފައި ރައީސް ނަޝީދު ގަބޫލުފުޅުކުރައްވާ އެމްޑީޕީގެ އެފަދަ ގުނަނަކުން، އެއީ ގައުމީ ހިންގާ ކޮމިޓީ ފަދަ ގުނައަނަކުން އެހެން ނިންމާ ނިންމުންތަކަކީ އެމަނިކުފާނު ވެސް އޭގެ މައްޗަށް އަމަލުކުރައްވަން ބޭނުންފުޅުވާނެ، އެ ރޫހުގައި އަމަލުކުރައްވާނެ ނިންމުންތަކެއް ..."
މި ޚަބަރެއް ކިޔައިފައި އަޅުގަނޑުގެ ހައިރާންކަން ވީ ހައްތަހާ އިތުރެވެ. ދިވެހިރާއްޖޭގެ ޤާނޫނުން އުފައްދައި، އެ ޤާނޫނުގެ ފުރިހަމަ ބާރާއި އިޚްތިޞާޞުގެ ތެރޭގައި ވާ، އެ ޤާނޫނުން ލިބިދިން ހައިސިއްޔަތެއް ފިޔަވައި އެހެން ހައިސިއްޔަތެއް ލިބިގެން ނުވާ ސިޔާސީ ޕާޓީއަކުން، އެ ޤާނޫނަށް ގޮން ޖަހައި، އެ ޤާނޫނު މާނަކޮށް ތަޠުބީޤު ކުރުމުގެ އާޚިރީ ބާރުތައް ލިބިގެންވާ ކޯޓުތަކަށް ތަބާ ނުވާން ނިންމި ނިންމުމަކަށް ރައީސް ނަޝީދު ތަބާ ވެވަޑައިގަންނަވަން ޖެހޭ ކަމަށް ބުނުމަކީ އެ ނިންމުމަށް ވުރެ ވެސް ބޮޑު ޖޯކެކެވެ.
އޮޅުމެއް ނެތް ފަދައިން، އެމްޑީޕީގެ މި ދަންނަވާ ނިންމުމަކީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ރައީސް ނަޝީދުގެ މައްޗަށް އުފުލިފައި ވާ ޖިނާއީ ދައުވާއަކާ ގުޅިގެން ނިންމުނު ނިންމުމެކެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހެޅުނީއްސުރެ ނަޝީދާއި އެމްޑީޕީގެ ވާހަކަބަހުރުވަ ހުރި ގޮތުން ނުހަނު ބޮޑަށް ސާފު ވެފައި ވަނީ އެ ދައުވާއާ މެދު އެ ބޭފުޅުން ވަރަށް ބޮޑަށް ޖެހިލުން ވެވަޑައިގަންނަވާކަމެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލިފައި ވާ ޖިނާއީ ދައުވާ އަކީ، މި ރާއްޖޭގެ ރައީސްކަމުގައި ހުންނަވައިގެން އޭނާ ކުރެއްވި އަމަލެއްގެ ސަބަބުން ނިކުންނަ ގާނޫނީ ނަތީޖާއެވެ. ނަޝީދަކީ ހިތްވަރުފުޅުގަދަ ބޭފުޅެއް ނަމަ، އަދި އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަވާ ބޭފުޅެއް ނަމަ މި މައްސަލައިގައި ކޯޓަށް ވަޑައިގަންނަވަން ނަޝީދު ޖެހިލުން ވެވަޑައެއްނުގަތީހެވެ. ރައީސް ނަޝީދު ކުރައްވާ ކަންކަމުގެ ތަބީއީ އަދި ޒަރޫރީ ނަތީޖާއާ ކުރިމަތިލައްވަން އޭނާއަށް ކެރިވަޑައިނުގަންނަވާ ނަމަ، އެކަންތައް ކުރެއްވީ ކީއްވެގެން ބާވައެވެ! ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް، ކޮންމެ ބަހަނާއެއް ދެއްކިޔަސް، ރައީސް ނަޝީދުގެ އަމުރުފުޅަށް، މި އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު "ޖަހައިގަނެވުނީ" ޤާނޫނުއަސާސީއާ ޚިލާފަށެވެ. ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށެވެ. ރާއްޖެ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢު ޤަބޫލު ކުރާ އިންސާނީ ޙައްޤުތަކުގެ އުސޫލުތަކާއި ހަމަތަކާ މުޅީން ޚިލާފަށެވެ. އެއިރު، ތިޔަހެން ނުހައްދަވާށޭ، ތި ކަމުގެ ނަތީޖާ ރަނގަޅެއް ނުވާނޭ ދިވެހި ރައްޔިތުން ނަޝީދަކަށް ނުދަންނަވާ ބާވައެވެ! ޚުދު ނަޝީދުގެ ގާތް ބޭފުޅުން ވެސް އެ އަމަލު ނުކުރައްވާން އޭނާއަށް ނަސޭހަތް އެރުވި ކަމަށް ވެއެވެ. ނަމަވެސް ނަޝީދު އެކަން ކުރެއްވީއެވެ. އެހެންކަމުން މިއަދު އެ އަމަލުގެ ގާނޫނީ ނަތީޖާއާ ކުރިމަތިލައްވާން ކެރިވަޑައިނުގެން، ފާޑުފާޑުގެ ބަހާނާތައް ދައްކަވައި، ގައުމުގެ ދުސްތޫރީ ނިޒާމު ސުންނާފަތި ކުރައްވައި މުއައްސަސާތަކުގެ ހުރުމަތް ނަގައިލައްވައި، އެތަންތަނުގެ ބާރު ކަނޑުވައިލައްވަން ނަޝީދާއި އޭނާގެ ޕާޓީން ކުރައްވާ ކަންތައްތަކަކީ މި ގައުމަށް އެ ބޭފުޅުން ދެއްވާ ބޮޑު އަނިޔާއެކެވެ.
ހުޅުމާލޭ ކޯޓަކީ ޣައިރުޤާނޫނީ ކޯޓެއް ކަމަށާއި، އެ ކޯޓުގެ އަމުރުތަކަކީ ޣައިރުޤާނޫނީ އަމުރުތަކެއް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އެކަމަކު މި ދައުވާ ވެސް ތަހުޒީބީ ހަމަތަކެއްގެ މަތީން، މަތީ ކޯޓުތަކާ ހަމަޔަށް އުފުއްލަވާކަށް އެ ބޭފުޅުން ހަގީގަތުގައި މަސައްކަތެއް ނުކުރައްވައެވެ. އެ ދައުވާ ވެސް އެބޭފުޅުން ބޭނުންފުޅު ކުރައްވަނީ ކޯޓުގެ އަމުރަށް ފުރައްސާރަ ކުރުމަށާއި، ކޯޓަށް ކިޔަމަން ނުވުމަށް ބޭނުން ކުރައްވާ ހަތިޔާރެއްގެ ގޮތުގައެވެ. އަނެއްކާ، ހުޅުމާލޭ ކޯޓަކީ ޣައިރުޤާނޫނީ ކޯޓެއް ކަމަށް ވިދާޅުވެގެން ތިއްބަވައިމެ، އެ ކޯޓުގެ އަމުރުތައް އިސްތިއުނާފު ކޯޓުތަކުގައި އިސްތިއުނާފު ވެސް އެބަ ކުރައްވައެވެ. އެއަށްފަހު އަނެއްކާވެސް ހަރުއަޑުން "ހުޅުމާލޭގައި ހުރި ކަމަށް ބުނާ ކޯޓޭ" ވިދާޅުވެ ކޯޓަށް ޖެއްސުން ވެސް އެބަ ކުރައްވައެވެ.
މިއީ ހާދަހާ ހިތާމަ ހުރި ކަންކަމެވެ. މިގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ފަރާތްޕުޅުން ފެންނާން ޖެހޭނީ ޤާނޫނާއި ކޯޓުތަކަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް އިޙުތިރާމް ކުރެއްވުމުގެ ފުރިހަމަ ނަމޫނާއެވެ. އެބޭފުޅަކު ވެވަޑައިގަންނަވަން ޖެހޭނީ، އަޅުގަނޑުގެ ނަޒަރުގައި، ޤާނޫނަށް ކިޔަމަންތެރި ވުމާއި، ޤާނޫނީ މުއައްސަސާތަކުގެ ހުރުމަތް ރައްކާތެރި ކުރުމުގައި މުޅި ރައްޔިތުންނަށް ވާ މިސާލެއް ކަމުގައެވެ. ނަމަވެސް ފެންނަނީއަކީ އެ މަންޒަރެއް ނޫނެވެ.
އެބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ކޯޓުތަކަށް ހުރުމަތްތެރިކޮށް ނުހިތައި، އެ ކޯޓުތަކާއި ފަނޑިޔާރުންނާ ދިމާޔަށް ހިތުހުރި އެއްޗެއް ގޮވައި، އެތަންތަނުގެ އަމުރުތަކަށާއި ހުކުމްތަކަށް ފައިން އަރަން ޖެހެނީ އެތަންތާނގައި މައްސަލަތަކެއް ހުރީމައެވެ.
މި ދައުވާއަކީ ވަރަށް ވެސް ތާން ދެރަ، ތާކުންތާކު ނުޖެހޭ ދައުވާއެކެވެ. އެވިދާޅުވާ ފަދަ މައްސަލަތަކެއް ކޯޓުތަކުގައި ހުރި ނަމަ، ދެން ކުރާން ޖެހޭ ކަމަކީ އެންމެން ގުޅިގެން، އެކުވެރިކަމާ އެކު މަސައްކަތް ކޮށްގެން، ކެތްތެރިކަމާ އެކު، ވަގުތު ހޭދަ ކޮށްގެން އެތަންތަން އިސްލާހު ކުރުމެވެ. ހަމައެހެންމެ، ރާއްޖޭގެ ކޯޓުތަކުގައި ހުރިނަމަ ހުރި އުނިކަމެއް ރައްޔިތުންގެ މަޖިލީހުގައި ވެސް، ވެރިކަން ހިންގާ ބާރުގައި ވެސް އެބަހުރެއެވެ. އެއިރު ވެސް، މިހާރު ވެސް އެވެ. އެހެންކަމުން ކޮރަޕްޝަން ހުރި އެހެން ތަންތަން ބަހައްޓައިފައި، ކޯޓުތައް ފުނޑުފުނޑުކޮށް ފަނޑިޔާރުންގެ ބޮލަށް ތިރިކުރާން އުޅުމަކީ ހަމަ އެންމެ މޮޅު ގޮތް ބާވައެވެ! ނުވަތަ، ކޯޓުތަކުގައި އެ ވިދާޅުވާ ފަދަ އުނިކަންތައް ހުރީތީ ކޯޓުތަކަށް ގޮން ޖެހީމާ، ދެން ޤާނޫނު ނަގަހައްޓަނީ ކޮން ތާކުން ހެއްޔެވެ؟ ޤާނޫނުގައި ހަމަ ގައިމުވެސް އުނިކަންތައްތަކެއް އެބަ ހުއްޓެވެ. އޭގެ މާނައަކީ އެންމެން ވެގެން ގާނޫނަށް ލައުނަތް ދީފައި، ގާނޫނު ގާދޫކޮލުން ބޭރު ކޮށްލައި، ޖަންގަލީގެ އުސޫލަށް އުޅެން ފެށުން ބާވައެވެ!
މިއީ ވަރަށް ސީދާސާދާ ހަގީގަތެކެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޤާނޫނުއަސާސީއާ ޚިލާފަށް، އަދި ޤާނޫނާ ޚިލާފަށް ހައްޔަރު ކުރެއްވުމުގެ ކުށް ކުރެއްވީތީ ނަޝީދު އެކަމަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހެއެވެ. އެހެނީ އެއީ ނަޝީދު އަމިއްލަފުޅު އިޚްތިޔާރުގައި، އެހެން މީހަކު މަޖުބޫރު ކުރުމަކާ ނުލައި، އިޚްތިޔާރު ކުރެއްވި މަގެވެ. އެ މަގުން ދަތުރު ކުރައްވައި ވަޑައިގެންނެވުނު މަންޒިލެވެ. ދުނބުރި ގަހަކާއި އަނބު ގަހެއް ހުރި ތަނެއްގައި، އަމިއްލަޔަށް، އެނގިފެނި ހުރެ ދުނބުރި ގަހަށް އަރައިފައި، އެ ގަހުން އަނބު ބިނދެވޭނޭ ކަމަށް ބެލުމަކީ ބޮޑު މޮޔަކަމެކެވެ.
ނަޝީދަށް ކޯޓުތަކުގެ އަމުރަށް ކިޔަމަން ވެވަޑައިނުގެން، ކޯޓުތަކަށް ޖެއްސުން ކުރައްވައިގެން އުޅުއްވޭ ނަމަ، އެހެން ދިވެހި އެހެން ރައްޔިތުންނަށް ވެސް ނުއުޅެވެން ވީ ސަބަބެއް ނެތެވެ. އެހެންކަމުން މާދަމާ، ރައްޔިތުންގެ ތެރެއިން ފަސްހާސް މީހުން "މީގެ ފަހުން އަހަރެމެން ޓްރެފިކް ޤާނޫނަށް ތަބައެއް ނުވާނަމޭ، އެއްކޮޅަށް ނުވަތަ ދެކޮޅަށް ދުއްވާ މަގެއްގެ ތަފާތެއް އަހަރެމެންނަކަށް ނޯންނާނެޔޭ، ޓްރެފިކް ބައްތި ދިއްލިފައި ހުރީ ކޮންމެ ކުލަޔަކުން ކަމަށް ވިޔަސް އަހަރެމެންނަށް ފަރުވާލެއް ނެތޭ" ބުނީމާ އަޅުގަނޑުމެން ކުރާނޭ އެއްވެސް ކަމެއް އޮންނާނޭތޯ އެވެ؟ އޭގެ އަނެއް ދުވަހު، ރާއްޖޭގެ ހުރިހާ ވިޔަފާރިވެރީން "މިއަދަށް ފަހު ޖީއެސްޓީ ނުދައްކާނަމޭ" ބުނީމާ ކުރެވޭނޭ އެއްވެސް ކަމެއް އޮންނާނޭތޯއެވެ؟ ނޯންނާނެއެވެ. އެކެއްގެ މައްޗަށް ޤާނޫނުގެ ބާރު ނުހިންގޭ ނަމަ، ދެން އެހެން މީހުންގެ މައްޗަށް ޤާނޫނުގެ ބާރު ހިންގުމަކީ ކަނޑައެޅިގެން ހުރި އަނިޔާއެވެ. ބޭއިންސާފެވެ.
ދިވެހިރާއްޖޭގައި ވެސް، އަދި ތަހުޒީބީ އެހެން މުޖުތަމައެއްގައި ވެސް، ޤާނޫނާއި ކޯޓުތަކަކީ ކުޅޭކުޅޭ ތަންތަނެއް ނޫނެވެ. އެއީ ސަމާސާއެއް ނޫނެވެ. އެއީ ޤައުމެއް ދެމިއޮތުމުގެ އެންމެ މުހިއްމު އެއް ސަބަބެވެ. މުޖުތަމައު ސަލާމަތްކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަމުގައި އޮތުމަށް ޓަކައި އެންމެ އަސާސީ އެއް އުންސުރެވެ. ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން އެ ވިދާޅުވާ ފަދަ މައްސަލަތަކެއް ކޯޓުތަކާއި ފަނޑިޔާރުންގެ ކިބައިގައި ހުރި ނަމަވެސް، ކުރައްވަން ޖެހޭ ކަމަކީ ކޯޓުތަކަށް ޖެއްސުން ކުރެއްވުމެއް ނޫނެވެ. ޤާނޫނު އަމިއްލަ އަތްޕުޅަށް ނެންގެވުމެއް ނޫނެވެ. ފަނޑިޔާރުންނަށް ބިރު ދައްކައި، ކިޑްނެޕްކޮށް، ފުރައްސާރަ ކޮށް، ނުފޫޒު ފޯރުވައި ހެދުމެއް ނޫނެވެ. އެފަދަ ކަންތައް ކުރައްވަނީ އާއްމު ގޮތެއްގައި އެފްރިކާގެ އެންމެ ނާތަހުޒީބު ޤައުމުތަކާއި، އޭޝިއާ އާއި ލެޓިން އެމެރިކާ ފަދަ ސަރަހައްދުތަކުގެ އެންމެ ނާތަހުޒީބު މުޖުތަމައުތަކުގައި، ދޭތެރެއަކުން ރައްޔިތުންގެ ބޮލަށް ސަވާރު ވާ ބޮޑެތި ޑިކްޓޭޓަރުންނެވެ. މިސާލަކަށް ޔޫގެންޑާގެ އީދީ އަމީން ފަދަ މީހުންނެވެ.