އެކަމެއްގައި މަޑުމައިތިރިކަން ހިމެނޭ ކޮންމެ ކަމެއް ވާނީ ޒީނަތްތެރިވެގެންނެވެ. މަޑުމައިތިރިކަން އެކަމަކާ ވަކިވެއްޖެ ކޮންމެ ކަމެއް ވާނީ އައިބުވެ ހުތުރުވެގެންނެވެ. މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަވާށެވެ. މޫނުފުޅު އަލިކުރައްވައި ހިނިތުންވެވަޑައިގަންނަވާށެވެ. ރީތިބަހުން އިޙްތިރާމާއެކު މީހުނާ ވާހަކަ ދައްކަވާށެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. މިއީ ނަސީބުވެރީންގެ ޙިއްސާއެއް ކަމުގައި ހިމެނޭ މާތް ސިފަތަކެވެ. މިއީ މުއުމިނުންގެ ރީތި ސިފަތަކެވެ. މުއުމިނުންގެ މިސާލަކީ މާމުއިކުޅަނދުރުގެ މިސާލެވެ. މާމުއިކުޅަނދުރު މާމެލާމެލީގެ ތާހިރު ފޮނި ބޮއިގެން ޝިފާ އެކުލެވިގެންވާ ތާހިރު ބުއިމެއް ތައްޔާރު ކުރެއެވެ. މާމުއިކުޅަނދުރު މާމަލަށް ތިރިކޮށް ފޮނިބޮއެވެ. ނަމަވެސް މާތައް ހަލާކުކޮށެއްނުލައެވެ. ހަމައެފަދައިން ކަލާވެސް މާމުއި ގެންދަވާށެވެ. އެކަމަކު ހަތާ ހަލާކު ނުކުރައްވާށެވެ.

އަރަހުށި މާތްﷲ މަޑުމައިތިރިކަމާއި އޯގާވެރިކަމަށް ދެއްވާ ދީލަތިވަންތަ ނަސީބަކީ ހަރުކަށިވެގެން ހޯދައިގަނެވޭނެ ނިޢުމަތެއް ނޫނެވެ. މަޑުމައިތިރި، ހިތްހެޔޮ މީހުނާ އެހެން މީހުން އުފަލާއެކު އިސްތިޤްބާލު ކުރެއެވެ. ލޯތައް އެފަދަ މީހުން ފެނޭތޯ ހޯދައި ބަލައެވެ. އެފަދަ މީހުންގެ މައްޗަށް މީސްތަކުންގެ ހިތްތައް ލެނބެއެވެ. ފުރާނަތައް އެފަދަ މީހުނަށް ސަލާމް ކުރެއެވެ. އެހެނީ އެބައިމީހުންގެ މިޒާޖު އުފާވެރިއެވެ. ބަސްމަގު ރީއްޗެވެ. އެބައިމީހުންގެ ވާހަކައާއި، ލޭންދޭނާއި، ބައްދަލުވެ އެކުއުޅުމާއި، ގަނެވިއްކުމާ މިހުރިހާ ކަމެއްގައިވެސް އަނެކުންގެ ލޯބި މިލްކުކުރެއެވެ. ހިތް އަތުލައިގަނެއެވެ. މިއީ ހެޔޮލަފާ މާތް މީހުންގެ ޠަބީޢަތާ އެކުވެފައިވާ ފަންނެކެވެ. އެފަދަ މީހުންގެ އަޚްލާޤީ ދުސްތޫރަކީ ތިރީގައި މި ބަޔާންކުރާ މާތް އާޔަތެވެ.

"ރަނގަޅު ކަންތަކާއި ނުބައި ކަންތައް ހަމަހަމަވެގެންނެއް ނުވެއެވެ. އެންމެ ހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައި ކަންތައް) ދުރުކުރާށެވެ! ފަހެ އެހާރުން ތިބާއާ އެމީހަކާ ދެމެދުގައި ޢަދާވާތްތެރިކަމެއް ވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ." (ފުއްޞިލަތު: 34)

މާތްމީހުން އެބައިމީހުންގެ އިޚްލާޞްތެރި ޖަޒުބާތާއި، ކެތްތެރިކަމާއި، މަޢާފުކުރުމުގެ ސިފައިގެ ޒަރީޢާއިން ހިތްނުބައިކަމާއި ޙަސަދަވެރިކަން ފަސްލައި ފޮރުވައިލައެވެ. ތިމާއާމެދު ކުރެވޭ އިހާނެތިކަން ހަނދާނުން ފޮހެލައެވެ. ހެޔޮކަންތައް ހިތުގައި ބިންވަޅު ނަގައެވެ. ހިތްތައް ތޮރުފައިލާފަދަ ވިހަ ޖުމުލަތަކަކަށް ސަމާލުކަމެއް ނުދެއެވެ. ޚުދު އެބައިމީހުންވެސް އުޅެނީ ހިތްހަމަޖެހިގެންނެވެ. އެހެންމީހުން އެބައިމީހުނާ މެދު ތިބެނީ ނުރައްކަލެއް ނޯންނާނެ ކަމާއި އަމާންކަން އެބައޮތްކަމުގެ ޔަޤީންކަމުގައި ހިތްހަމަޖައްސައިގެންނެވެ.

"މުސްލިމަކީ އެމީހެއްގެ ދުލާއި އަތުން އެހެނިހެން މުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާ މީހާއެވެ. މުއުމިނަކީ މީސްތަކުން އެބައިމީހުންގެ ޖާނާއި މާލާމެދު އެމީހަކާ މެދު ހިތްހަމަޖައްސައިގެން ތިބޭ މީހާއެވެ."
އަރަހުށި މާތްﷲ އަމުރުކުރައްވާނީ ތިމާއާ ގުޅުން ކަނޑާ މީހުނާ ގުޅުން އުފެއްދުމަށެވެ. ތިމާޔަށް އަނިޔާވެރިވާ މީހާއަށް އަފޫ ކުރުމަށެވެ. ތިމާ މަހްރޫމުކުރާ މީހާއަށް ދިނުމަށެވެ.

"މުއުމިނުންނަކީ، ތަނަވަސްކަމުގައްޔާއި، ދަތިހާލުގައި (މުދާ) ހޭދަކޮށް އުޅޭ މީހުންނެވެ. ރުޅިމަތަކޮށް ހިފަހައްޓާ މީހުންނެވެ. މީސްތަކުންނަށް މާފުކުރާ މީހުންނެވެ. މާތްﷲ ލޯބިވެވޮޑިގެންވަނީ އިހްސާންތެރީން ދެކެއެވެ." (އާލުޢިމްރާން: 134)

ޝައްކެއް ނެތެވެ. އެފަދަ މީހުންނަކީ ފިކުރުތަކުން މިނިވަންވެގެންވާ މީހުންނެވެ. ހިތްގައިމުކަމުގެ ނިޢުމަތުގެ ވެރީންނެވެ. ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެ ޙަޟުރަތުން އާޚިރަތުގެ ބޮޑުވެގެންވާ ދަރުމައިގެ ހެޔޮ ޚަބަރު ލިބިގެންވަނީވެސް އެފަދަ މީހުންނަށެވެ. އާދޭހެވެ. ގަދަކީރިތިވަންތަ، ރަސްވަންތަ ﷲ ގެ ދަރުބާރުގައި ކެތްތެރީންނަށްޓަކައި ޚާއްޞަވެގެންވަނީ މަތީ ދަރަޖައެވެ.