ޓޯކިޔޯ (އޮކްޓޯބަރ 19): ޖަޕާނުގައި ރުކުރުވާލާފައިވާ އެމެރިކާގެ ލަޝްކަރުތަކުގައި ހިމެނޭ އެމެރިކާ ސިފައިންގެ ދެ މީހަކު ޖަޕާނުގެ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ޖަޕާނުގެ ފުލުހުން ބުނީ އޮކިނާވާގައި ތިބޭ އެމެރިކާގެ ލަޝްކަރުތަކުގައި ހިމެނޭ ދެ މީހަކު ހަޔަރުކޮށްފައިވާ ކަމަށާއި ޖަޕާނުގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތު އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ކަމަށެވެ. މިޖަރީމާ ހިންގާފައި ވަނީ އެ ދެ މީހުން ގުޅިގެން ކަމަށް ބެލެވޭ ކަމަށާއި ޖަޕާން ފުލުހުން އަތްދަށުގައި ވުމަށް ފަހު މީގެ ތެރެއިން އެކަކު މިޖަރީމާ އަށް އިޢްތިރާފް ވެފައިވާކަމުގަ އެވެ. އެމެރިކާ ސިފައިންގެ މި ދެ މީހުންގެ މައްޗަށް ޝަރީޢަތް ހިންގޭނީ ޖަޕާނުގެ ޝަރްޢީ ދާއިރާގެ ތެރޭން ކަމަށް ވެސް ޖަޕާން ފުލުހުން ހާމަކުރެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔުޝިހީކޯ ނޮޑާ ވަނީ މިޖަރީމާ ކުށްވެރިކުރައްވައި މިކަން ހިންގި އެމެރިކާ ސިފައިންގެ ދެ މީހުން ޢަދާލަތަށް ޙާޒިރުކުރާނެކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޮކިނާވާގެ ގަވަރުނާ ވަނީ މިއީ އެމެރިކާ ސިފައިން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާއެއް ކަމަށް ސިފަކުރައްވާފަ އެވެ. އޮކިނާވާގެ ގަވަރުނަރަކީ ޖަޕާނުގައިވާ އެމެރިކާގެ ލަޝްކަރުތަކުގެ ޢަދަދު މަދުކުރުމަށް ގޮވާލައްވައި އަދި އެމެރިކާ ސިފައިން ހިންގާ މިބާވަތުގެ ޖަރީމާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

މިމައްސަލާގައި ޖަޕާނުން ހައްޔަރުކޮށްފައިވާ އެމެރިކާ ސިފައިންގެ ދެ މީހުންގެ އުމުރަކީ ވެސް 23 އަހަރު ކަމަށް ޖަޕާން މީޑިޔާ ޚަބަރުދެ އެވެ. މީގެކުރިން ވެސް ޖަޕާން އަންހެނުން ރޭޕްކުރުމުގެ ތުހުމަތުގައި އެމެރިކާގެ ސިފައިން ޖަޕާނުގައި ހައްޔަރުކޮށް އަދަބު ދީފައިވެ އެވެ. ނަމަވެސް މިއިން ކޮންމެ މައްސަލައަކާގުޅިގެން ވެސް އެމެރިކާ އާއި ޖަޕާނުގެ ގުޅުންތަކަށް ބުރޫއަރާފައިވެ އެވެ. ގުޅުންތަކަށް ބުރޫ އަރަނީ ޖަރީމާ ހިންގާ އެމެރިކާ ސިފައިންގެ ދިފާޢުގައި އެމެރިކާ ސަރުކާރު ތެދުވުމުންނެވެ. ނަމަވެސް ޓޯކިޔޯގައި ހުންނަވާ އެމެރިކާގެ ސަފީރު ވިދާޅުވީ މިމައްސަލާގައި އެމެރިކާ އިން ޖަޕާނަށް އެއްބާރުލުން ދޭނެކަމުގަ އެވެ. ޖަޕާނުގެ ރައްޔިތުން ގެންދަނީ އެޤައުމުން އެމެރިކާ ސިފައިން ބޭރުކުރުމަށް ގޮވާލައި ދޭތެރެއަކުން މުޒާހަރާ ކުރަމުންނެވެ.

ޖަޕާނުގައި ރުކުރުވާލާފައިވާ އެމެރިކާގެ ލަޝްކަރުތަކުގެ މަރުކަޒަކީ އޮކިނާވާއެވެ. (އަލްޖަޒީރާ)