19 Oct 2012, 13:15
ބެއިޖިންގް (އޮކްޓޯބަރ 19) : ޖަޕާނާއި ޗައިނާއާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތަކުގެ ކައިރީގައި ޢަސްކަރީ ތަމްރީންތަކެއް މިއަދު ފަށާނެކަން ޗައިނާ ހާމަކޮށްފި އެވެ.
ޗައިނާގެ ޢަސްކަރީ ދާއިރާތަކާ ޙަވާލާދީ ޒިންހުވާ ނޫސް އެޖެންސީ ޚަބަރުދޭގޮތުގައި މިއީ" ޗައިނާގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ކުއްލި ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޗައިނާގެ ކަނޑުގެ ސިފައިން ތައްޔާރީ ޙާލަތުގައި ތިބުމުގެ ގޮތުން ބާއްވާ ތަމްރީންތަކެއް" ކަމުގަ އެވެ. ޗައިނާ ސިފައިންގެ މިތަމްރީންތަކުގައި އެޤައުމުގެ ކަނޑުގެ މަސްވެރި ކަމާބެހޭ އިދާރާއާއި ކަނޑުގެ ތަޙްލީލްތަކާބެހޭ އިދާރާތައްވެސް ބައިވެރިވާ ކަމަށް ޚަބަރުލިބެ އެވެ. ދެކުނު ޗައިނާ ކަނޑުގައި ވާ މި ޖަޒީރާތަށް ޗައިނާ އިންދީފައިވާ ނަމަކީ "ދިޔާވްޔޫ" އެވެ. ޖަޕާނުން ދިފައިވާ ނަމަކީ "ސިންކާކޫ" އެވެ.
ޗައިނާއިން މިޢަސްކަރީ ތަމްރީންތައް ހެދުމަށް ރާވާފައިވަނީ މިޖަޒީރާތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކުގަ އެވެ. އެހެންކަމުން މިހާރުވެސް ގޯސްވެފައިވާ ޗައިނާއާއި ޖަޕާނުގެ ގުޅުންތައް މިތަމްރީންތަކާގުޅިގެން އިތުރަށް ގޯސްވެގެންދިޔުމުގެ ފުރްސަތު ބޮޑުކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
އަނެއްކޮޅުން ޖަޕާނުގެ ޚާރިޖީ ވަޒީރު ކިޔުޝީރޫ ގިމްބާ ވަނީ މިޖަޒީރާތަކުގެ މިލްކުވެރިކަމުގެ މައްސަލާގައި ޖަޕާނުންވެސް ދޫނުދޭނެކަން ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިޖަޒީރާތަކަކީ ޖަޕާނުގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ރައްތަކެއް ކަމަށާ މިޖަޒީރާތަކަކީ ސްޓްރެޓީޖިކް ގޮތުންނާއި ޤުދްރަތީ ޚާޒާނާގެ ގޮތުން ޖަޕާނަށް މުހިއްމު ޖަޒީރާތަކެއް ކަމުގަ އެވެ.
މިޖަޒީރާތައް ޗައިނާ އަތުން ގަންނާނެކަމަށްވިދާޅުވެ ޖަޕާނުގެ ބޮޑުވަޒީރު މީގެ ދެމެހެއްހާ ދުވަސްކުރިން ދެއްވި ބަޔާނަކާ ގުޅިގެން ޗައިނާގެ ކަންކޮޅުތަކުގައި ޖަޕާނާދެކޮޅަށް ވަރުގަދަ އިިޙްތިޖާޖްތަކެއް ކުރެވިފައިވެ އެވެ. ޗައިނާގެ އެކްޓިވިސްޓުންގެ މި އިޙްތިޖާޖްތަކުގައި ޗައިނާގައި ހުންނަ ޖަޕާނުގެ މަސްލަޙަތުތަކަށްވެސް ގެއްލުންތައް ދީފައިވެ އެވެ. މިމައްސަލާގައި ދެޤައުމުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފަ އެވެ. މިޖަޒީރާތަކުގެ ކޮންޓްރޯލް މިހާރު އޮންނަނީ ޖަޕާނަށެވެ. (ބީ.ބީ.ސީ)